ފަޒްނާ އަހުމަދު

"ޕްރޮޖެކްޓް ގާޑިއަން" އިފުތިތާހު ކޮށްފި

Sep 1, 2020

"މޯލްޑިވްސް ވިމެން އިން ޕޮލިސިން" އާއި "ޕްރޮޖެކްޓް ގާޑިއަން" އިފުތިތާހުކޮށްފި އެވެ. އިސްކަންދަރު ކޮށީގައި މިކަން މިއަދު އިފްތިތާހު ކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަވިސްއިން ކުރިޔަށް ގެންދާ ދެ މަޝްރޫއެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރި ކުރަން ކުރާ މަސައްކަތުގައި ފެށުމެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް ހުރި މަސައްކަތްތައް ގިނަ ކަމަށާއި އެ ކަން ހާސިލު ކުރެވޭނީ އަންހެން އަދި ފިރިހެން އޮފިސަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މުހިންމު ތިން ކަމަކަށް ވެސް އެކަމަނާ އަލިއަޅުއްވައިލެއްވެވި އެވެ. ފުރަތަމަ ކަމަކަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށާއި އަންހެނުން މުޖުތަމައާއި އާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާއުލުންނާއި ސިޔާސަތުތަކުން އެ ކަންކަމަށް ޖާގަ ދޭންޖެހޭނެ ކަމަށެވެ.

ދެވަނަ ކަމަކަށް އަންހެން މުވައްޒަފުންގެ ގާބިލުކަން ދެއްކުމަށް މަސައްކަތުގެ މާހައުލަކީ ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ އަދި ފުލުހުންގެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުން އަންހެން އޮފިސަރުން ކުރިއެރުމަށް ހިތްވަރު ދިނުމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމު ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެ ކަމަނާއަށް ހަނދާނީ ފިލައެއް އެރުވި އެވެ.