ރިޕޯޓް

ރިނބުދޫ ފައްޓަރުބައިގެ އަގު ބައިމިލިއަން ރުފިޔާ!

ގަހަނާގެ މަސައްކަތަށް މަޝްހޫރު ރިނބުދޫން ރިސޯޓު މާކެޓަށް "ސުވާސާ" ގެ ނަމުގައި އަގު ބޮޑު ބްރޭންޑެއް ނެރެން ތަައްޔާރު ވެއްޖެ އެވެ. ކްރޮސް ރޯޑްސް މޯލްޑިވްސްގައި އިއްޔެ ބޭއްވި ޓޫރިޒަމް ކޮންފަރެންސުގައި ރިނބުދޫގައި ގަހަނާ ހެދުމުގެ މަސައްކަތްތަކާބެހޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި އެ ރަށު ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ "ޖުވެލަސް އައިލެންޑް" އިން މިހާރު މަަސައްކަތް ކުރަމުން ދަނީ ދިވެހިންގެ ގަހަނާ ރިސޯޓްތަކަށް ވިއްކަން ކަމަށާ، އެކަމަށްޓަކައި "ސުވާސާ" ގެ ނަމުގައި ބްރޭންޑެއް އުފައްދާފައިވާ ކަމަށެވެ.

"މި ވާހަކަ އަށް ދާން ޖެހޭނީ ނުވަ އަހަރު ކުރިއަށް. އަޅުގަނޑުމެން އައިއިރު މިކަމަށް [ޖުވެލަރީ އުފައްދާ] މީހުން ނެތް. އެހެންވެ ސެޓްފިކެޓް 3 އިން ޖުވެރިލަރީ ޑިޒައިން ކޯހެއް ފެށީ. މި ކޯހުން 15 ކުދިން ގްރެޖުއޭޓްވީ. މިއީ ގޭގައި ތިބެގެން ކޮށްލެވޭނެ ފަސޭހަ ކަމެއް. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުން ކުދިން އަންނަން ދަތިވީ ޕޮކެޓް މަތީއެއް ނުދެވިގެން،" ހާތިމް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވި ގޮތުގައި އެ ރަށުގެ އަމިއްލަ ބްރޭންޑެއް އުފައްދަން، ސަރުކާރުގެ ހުރިހާ އޮފީހަކަށް ހިނގި ކަމަށާ، ނަމަވެސް އެހީވާނެ ފަރާތެއް ނުވި ކަމަށެވެ. އަދި ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެހީ ހޯދަން އިކޮނޮމިކް މިނިސްޓްރީ އަށް ވެސް ދިޔަ ކަމަށާއި އެހީއެއް ނުލިބުނު ކަމަށެވެ.

"ސުވާސާ ހިފައިގެން ޗައިނާގެ ފެއާއެއްގައި ބައިވެރިވާން ދާން ވިސާ ވެސް ޖެހިން، އެކަމަކު އެ ފުރުސަތެއް ވެސް ނުލިބުނު،" ހާތިމް ވިދާޅުވި އެވެ.

ސުވާސާގައި މިޑުލް ކްލާހަށް ހާއްސަ ބަޔަކާއި ހައި-އެންޑް ބައެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އިންނާނެ މާބުލް ދަޅެއް. އޭގައި އޮންނާނެ ޕެންޑްރައިވެއްގައި އޭތި އުފެއްދި ގޮތުގެ ވީޑިއޯ ވެސް. އޭގެން އެނގޭނީ މި ގަންނަ މީހާއަށް އެ ގަނެވުނީ މި ވީޑިއޯގައި އިން ޕްރޮޑަކްޓްކަން،" ހާތިމް ވިދާޅުވި އެވެ.

ފައްޓަރު ބައެއް: އަގަކީ 35،000 ޑޮލަރު

ކައުންސިލްގެ ރައީސް ހާތިމް ވިދާޅުވި ގޮތުގައި މި ބްރޭންޑުން ހާއްސަ ފައްޓަރު ބައެއް އުފައްދާފައިވާނެ ކަމަށާ، މީގެ އަގަކީ 35،000 ޑޮލަރު (539،700ރ.) ކަމަށެވެ.

"ފައްޓަރު ބަޔާއި ކަސަބު އެއް ކޮށްލައިހެން ޑިޒައިން ކުރި އެއްޗެއް މިއީ. މިއީ ލަގްޒަރީ މާކެޓަށް ނެރޭ އެއްޗެއް. މީގައި 22 ރޫބީ އިނދޭ. މީގެ ރޫބީއެއްގެ އަގަކީ 600 ޑޮލަރު. މި ގަންނާނެ އެ ތައް ބައިވަރު ރިސޯޓު ތަކެއް މިހާރު ވެސް އެބަހުރި. މީގެ އަގު އެބަ އަރާ 35،000 ޑޮލަރަށް،" ހާތިމް ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި މި އުފެއްދުން ޑިޒައިން ކުރީ އެރަށު އަންހެން ކުއްޖަކާއި ދިވެހި ޑިޒައިނަރެކެވެ.

"މިއީ އަންހެނުންނަށް ވަރަށް ރަނގަޅު މަސައްކަތެއް ކޮށްލަން. ކޮންމެ ދުވަހަކު ގަތާލައިގެން ދުވާލަކު އެބަލިބޭ 500ރ. ގޭގައި ކުރާނެ ހުރިހާ ކަމެއް ކޮށްފައި. މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް،" ހާތިމް ވިދާޅުވި އެވެ.

"ކޮންމެ ރިސޯޓެއްގެ ޖުވެލަރީ ޝޮޕްތައް މި ހިންގަނީ ބޭރު މީހުން. ދިވެހިންނަކަށް ފުރުސަތެއް ނުލިބޭ. އަޅުގަނޑުމެން އާޓިސްޓުން ބޭނުން ވަނީ ރިސޯޓު ތަކުން ޖާގައެއް. އޭރުން ޒުވާނުން އުޅެވޭނީ. މިއެކު މި އުފެއްދަން ބޭނުންކުރާ ރޯ މެޓީރިއަލް އާއި ކެމިކަލް ފަސޭހަ ކަމާއެކު އެތެރެ ކުރެވޭނެ ގޮތެއް ވެސް ބޭނުންވޭ،" ހާތިމް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވި ގޮތުގައި މި މަސައްކަތް ފުޅާކޮށް، މި ބާވަތްތައް މާކެޓަށް ނެރެން ބޭނުން ވަނީ ދެ މިލިއަން ރުފިޔާގެ އެހީއެކެވެ. ޕްރެޒެންޓޭޝަން އަށްފަހު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރިނބުދޫ އަށް އެސްއެމްއީ ބޭންކުން ދެ މިލިއަން ރުފިޔާ ދީ، ރަނުން މިހާރު ނަގާ 25 ޕަސެންޓުގެ ޑިއުޓީ ކަނޑާލައި ދޭނެ ކަމަށް ވިދާޅުވެފަ އެވެ.