ސައުދީ އަަރަބިއްޔާ

ކަޝްމީރުގެ ހާލަތު ސައުދީއަށް އެނގޭ: މުހައްމަދު

ކަޝްމީރުގައި މުސްލިމުންނަށް އަމާޒު ކޮށްގެން އިންޑިއާގެ ސިފައިން ދެމުންގެންދާ ހަމަލާތަކުގެ މައުލޫމާތު ސައުދީ އަރަބިއްޔާއަށް އެނެގޭ ކަމަށް ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ކަޝްމީރުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ސިފައިން ފޭރިގަނެފައިވާ ކަމަށް މުހައްމަދު ވަނީ އިންޑިއާގެ ގައުމީ ސަލާމަތާބެހޭ އެޑްވައިޒަރު އަޖިތް ޑޮވާލް އަރިހު ވިދާޅުވެފަ އެވެ. އަދި ހަމަލާތައް ހުއްޓުމާ ބެހޭގޮތުން ދެ ގަޑިއިރު ވަންދެން މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މުހައްމަދު ވަނީ ޕާކިސްތާނާއި އިންޑިއާ ދެމެދު ގޯސްވެފައިވާ ގުޅުން ހަމައަކަށް އަޅުވާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. ކަޝްމީރުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ސައުދީން ސީދާ އެހީ ފޯރުކޮށް ދެވޭނެތޯ ބަލާނެ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

ކަޝްމީރުގެ މުސްލިމުންގެ ދިފާއުގައި މުހައްމަދު އިންޑިއާއާ މަޝްވަރާ ކުރެއްވި އިރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އަންނަ ހަފްތާގައި ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ އެވެ. ކަޝްމީރުގައި ހަމނުޖެހުން ފެށުނީ އިންޑިއާގެ މައި ސަރުކާރުން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެންނެވެ. އެ ހަމަނުޖުހުންތައް ކޮންޓްރޯލް ކުރުމަށް ކަޝްމީރަށް ދިޔަ އިންޑިއާ ސިފައިން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާކުރި މުސްލިމުންނަށް ކަރަންޓް ޝޮކް ދީފަ އެވެ.

ކަޝްމީރުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުތަކަށް އިންޑިއާ ސަރުކާރުން އަރައިގަންނަމުން ދާކަމަށް ބޮޑެތި ގައުމުތަކުންނާއި ޖަމިއްޔާތަކުން ބުނި ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ ރަހުމަތްތެރި ގައުމުތަކުން ވެސް ވަނީ އިންޑިއާގެ ނިންމުމަށް ފާޑު ކިޔާ، ނިންމުން ބަދަލު ކުރުމަށް ގޮވާލާފަ އެވެ. އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައިފިނަމަ ކަޝްމީރުގައި ޓެރަރިޒަމްގެ ހަމަލާތައް އިތުރުވެގެން ދާނެ އެވެ.

ކަޝްމީރުގެ މައްސަލާގައި ސައުދީން ރަސްމީ ހައިސިއްޔަތެއްގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް މި މަޝްވަރާތަކުން ކަޝްމީރުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.