އޮފްބީޓް

ގެރިތަކެއް ވަދެ ސުޕަމާކެޓެއްގެ ހުރިހާ މޭވާއެއް ކާލައިފި

ހޮންގްކޮންގްގެ މަގުތަކުގައި 1100 އެއްހާ ގެރި އުޅެ އެވެ. އެ ގައުމުގެ ސަރުކާރުން އެ ގެރިތައް މަގުތަކުން ނަގަން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ. އެއްޗިއްސަށް ގެއްލުމެއް ނުދޭނަމަ އަދި ޓްރެފިކް ހުއްޓި މަގުތައް ހަޑި ނުވާނަމަ ގެރި އުޅޭނެ ގޮތަކަށް އުޅެން ތިބެނީ ދޫކޮށްލާފަ އެވެ. ގެރިއަށް ފިޔަވަޅެއް އަޅަނީ މިފަދަ ކަމެއް ކުރުމުން އެކަންޏެވެ.

ނަމަވެސް މިފަހަރު ގެރިތައް ކުރީ ކުރިން އެ ސޮރުމެން ކޮށްއުޅުނު ކަހަލަ ކަމެއް ނޫނެވެ. އެގެން ބައެއް ގެރިތައް ވަނީ ލޯކަލް ސުޕަމާކެޓަކަށް ވަދެ އެތާ ހުރި ހުރިހާ ތާޒާ އުފެއްދުންތައް ކާލާފަ އެވެ. ނަސީބަކުން މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތްވި އެވެ. ބެލެވޭ ގޮތުގައި ގެރިތައް ބޭނުންވީ ސުޕަމާކެޓްގައި ހުރި ކާއެއްޗިއްސެވެ.

އެ ތަނަށް ވިޔަފާރި ކުރަން ގޮސް ތިބި މީހުން ހައިރާން ވެފައި ބަލަން ތިއްބާ ގެރިތައް ވަނީ ސުޕަމާކެޓްގައި ހުރި ތަރުކާރީ ތަކާއި މޭވާތަކުން ވަރަށް ރަނގަޅަށް ބަނޑު ފުރާފަ އެވެ. މި އެއްޗެހިތައް އެތަނުން ނެރެވުނީ ސުޕަމާކެޓްގެ މުވައްޒަފުން ވަރަށް މަސައްކަތުންނެވެ.

ޑިސްޓްރިކްޓް ކައުންސެލަރު ބުނި ގޮތުގައި ސުޕަމާކެޓް ތެރެއަށް 30 ވަރަކަށް ގެރި ވަދެފައި ވެއެވެ. މިއީ މިގޮތަށް ސުޕަމާކެޓަކަށް ގެރިތަކެއް ވަން ފުރަތަމަ ފަހަރު ނަމަވެސް މިފަދަ ހާދިސާތައް އިތުރަށް ތަކުރާރު ވެދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ކައުންސެލަރު ވިދާޅުވި އެވެ. ސަބަބަކީ މަގުމަތީގައި އުޅޭ ގެރިތަކަށް މީހުން މޭވާ ކާންދޭތީ އެވެ.

ހޮންގްކޮންގްގެ މަގުތަކުގައި އެގޮތް މިގޮތަށް އުޅޭ ގެރިތަކުގެ އަދަދު ގިނަވެ އެކަން ބޮޑު މައްސަލައަކަށް މިހާރު ވަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. މިގޮތަށް ދިމާވަނީ ގެރި އާއްމުކޮށް އުޅޭ ރަށްފުށުގެ ހިސާބުތައް އާބާދުކުރަން ފެށުމުން އެ އެއްޗެތި އުޅޭނެ ތަންތަން މަދުވުމުންނެވެ.

ލަންޓައު ބަފަލޯ އެސޯސިއޭޝަންގެ ޗެއާވުމަން ހޯ ލޮއި ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަގުމަތީގައި އުޅޭ ގެރިތަކާ ހެދި ޓްރެފިކް ތާށިވެ މައްސަލަތައް ދިމާވާތީ ވަރަށް ގިނަ މީހުން ރުޅި އަންނަ ކަމަށެވެ. ނަމަވެސް މިކަން މިގޮތަށް މެދުވެރިވަނީ ގެރިތައް ވިނަ ކައި ދިރިއުޅޭ ސަރަހައްދުތައް ގޮތްގޮތަށް ލޭންޑްސްކޭޕް ހަދައި އެ އެއްޗިއްސަށް ނޫޅެވޭ ގޮތް ހެދީމަ ކަމެއް އެކަކުވެސް ވިސްނައެއް ނުލާ ކަމަށެވެ.

އެ އެއްޗެތި އުޅޭ ތަންތަން އާބާދުކޮށް އެތަންތަނުން އެ އެއްޗެތި ފަހާލުމުން ޖަންގަލީގައި އުޅޭ ޖަނަވާރުތަކަށް މަގުމައްޗަށް ނުކުތުން ނޫން ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެރިތައް އުޅެނީ އެއް އޭރިއާއެއްގައި ކަމަށާއި އެ އެއްޗެތި ދިރިއުޅޭ ދަނޑުތައް ނައްތާލުމުން މަގުމަތީގައި އެނބުރެނީ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.