ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމުގައި އަމަލު ކޮށްފައިވާ ގޮތާއިމެދު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާގެ އިސް ވެރިންގެ ތެރެއިން އަމީންއާންމުގެ މަގާމުގައި ހުންނެވި ފާތުމަތު ނިއުޝާ އާއި ކައުންސިލް ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތުމަތު ފިލްޒާ އާއި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް އިތުރު ދައުރަކަށް އެ މަގާމުގައިއި ބައިތިއްބަން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ. އެ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލުމެއް ވެސް ނެތި، މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިތުރު ދައުރަކަށް ބައިތިއްބުމަށް ފާސް ކުރުމުން އެކަމާ ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވާއިދު ރަނގަޅަށް މާނަ ކުރާނަމަ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާނުލައި، އެ މަގާމުތަކުގައި ތިބޭ މީހުން އިތުރު ދައުރަކަށް ބޭއްތިމަށް ވޯޓް ނަގަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ގައުުމާއި މަޖިލީސް އޮތީ "ހާލަތުއް ޒަރޫރާ" ގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދު ރަނގަޅަށް މާނަ ކުރާނަމަ މަގާމްތަކަށް ކުރިމަތިލާން އާންމުކޮށް ހުޅުވާނުލައި މިގޮތަށް އަމަލު ކުރަންޖެހޭ އެކަށީގެންވާ ރަަނގަޅު ސަަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. ގައުުމާއި މަޖިލީސް އޮތީ 'ހާލަތުއް ޒަރޫރާ' ގައެއް ނޫން." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިންގެ މި ވާހަކަތަކަށް ތާއީދުކޮށް ޚިޔާލުފާޅުކުރި ގިނަ ބަޔަކު ވަނީ މިއީ ރައީސް ޔާމީންގެ ވެެރިކަމުގައި ހިނގި ކަމެއްނަމަ، ނުވަތަ ގާސިމް އިބްރާހިމްގެ މަޖިލީހުގެ ރައީސް ކަމުގައި ހިނގައިދިޔަ ކަމެއް ނަމަ އެ ވާހަކަ ދައްކާނެ ބައިވަރު މީހުން ތިބޭނެ ކަމަށެވެ.

އަދި ބައެއް މީހުން ބުނެފައި ވަނީ މިއަދު ވެސް ފެންނަމުން މިދަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވެސް އަމަލު ކުރެއްވި ގޮތަށް އަމަލު ކުރާ މަންޒަރު ކަމަށެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާގެ އިދާރީ މަސައްކަތުގައި ނިއުޝާ އާއި ފިލްޒާ އަދި ހަލީމް ބައިވެރިވެ ވަޑައިގެންނެވި އިރު އެ ބޭފުޅުން މަޖިލީސް ކުރާ ޗެންބަރުން ނިކުމެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެންގެވީ އެ ބޭފުޅުންނާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް ވޯޓަށް އަހާ ވަގުތު ޖެހުމުންނެވެ. އަދި ވޯޓަށް އަހާ ނިމުމުން އެ ބޭފުޅުން އަލުން ޗެންބަރަށް ވެންނެވުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވި އެވެ. އެގޮތަށް އަމަލު ކުރުމުން ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ.

މަޖިލީހުގެ އިދާރާގެ އިސް ވެރެއިންގެ ތެރެއިން އަމީންއާންމުގެ މަގާމުގައި ހުންނެވި ނިއުޝާ އިތުރު ދައުރަކަށް އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް އެ މަގާމުގައި ހުންނެވި ފިލްޒާ އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ވޯޓުންނެވެ. އަދި ސާޖެންޓް އެޓް އާމްސްގެ މާގަމަށް ހަލީމް އައްޔަން ކުރަން ވެސް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަގާމުގެ ތެރެއިން އަމީންއާންމާއި ކައުންސިލަ ޖެނެރަލްގެ އިތުރުން ސާޖެންޓް އެޓް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުގަ އެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް ފިލްޒާ އައްޔަން ކުރެއްވީ ޑިސެމްބަރު 18، 2011 ގަ އެވެ. ސާޖެންޓް އެޓް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަން ކުރެއްވީ އޮކްޓޫބަރު 31، 2013 އިގަ އެވެ.