ބޮލީވުޑް

"ކްރިޝް 4"ގެ މަސައްކަތް ފަށައިފި

ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށްފަހު ޑައިރެކްޓަރު ރާކޭޝް ރޯޝަން އަނެއްކާ ވެސް ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. އޭނާ މިހާރު ފަށާފައިވަނީ ދަރިފުޅު ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅޭ "ކްރިޝް 4" ގެ މަސައްކަތެވެ.
މަޝްހޫރު ޕްރޮޑިއުސަރު - ޑިރެކްޓަރުގެ ކަރުތެރެއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ "ކްރިޝް 4" ގެ މަސައްކަތް ފެށި ތަނާ އެވެ. އެހެންވެ ފިލްމު ކުރިޔަށް ނުގެންދެވިގެން އޮތީ ހުއްޓާލާފަ އެވެ.

މިހާރު ރާކޭޝް ރޯޝަން ކުރަމުންދަނީ "ކްރިޝް 4" ގެ ސްކްރިޕްޓްގެ މަސައްކަތެވެ. ފިލްމުގެ ސްކްރިޕްޓްގައި އެއްވެސް ވަރެއްގެ ކުށެއް ނެތްކަން ޔަގީން ކުރުމުގެ ބޭނުމުގައި މިހާރު ވަނީ ވަރަށް ހުނަރުވެރި ލިޔުންތެރިންތަކެއް ނަގާފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން މިހާރު ތައްޔާރުވަމުން ދާއިރު ފިލްމު ޑައިރެކްޓް ކުރާނީ މުޅީން ރާކޭސް ރޯޝަން އެއް ނޫނެވެ. އޭނާގެ އިރުޝާދުގެ ދަށުން ސަންޖޭ ގުޕްތާ އެވެ. ސަންޖޭ އަކީ ރިތިކްގެ "ގާބިލް" ވެސް ޑައިރެކްޓްކުރި ފަރާތެވެ.

ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި "ކްރިޝް" ގެ ކުރީގެ ތިން ފިލްމަށް ވުރެ މި ފަހަރުގެ ފިލްމު ހުރިހާ ގޮތަކުން ވެސް ބޮޑުވެފައި މޮޅުވާނެ އެވެ. މި ފިލްމު ރަނގަޅު ކުރުމަށް ރާކޭޝް ރޯޝަން ދަނީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ކްރިޝްގެ ދުޝްމަނުންނާއި އެމީހުންނާއި ކްރިޝްގެ ކުރިމަތިލުންތައް ކުރީ ފިލްމުތަކާ އަޅާބަލާއިރު ގިނަވެފައި ވަރުގަދަ ވާނެ އެވެ.

ކުރިން ހަމަޖެހިފައި އޮތީ "ކްރިޝް 4" 2020 ގެ ޑިސެމްބަރުގައި ރިލީޒް ކުރާ ގޮތަށެވެ. އަދި މި ތާރީޚަށް ބަދަލުގެ ނެސްފައި ވާކަން އިއުލާން ކޮށްފައެއް ނެތެވެ.