ލައިފްސްޓައިލް

ދޮގު ހަދާ މައިންބަފައިންގެ ދަރިންގެ އަމިއްލަ އެދުން ބޮޑު

ކުދިން ކުޑައިރު އެކުދިން ކުރާ އެކި އެކި ޑިމާންޑްތަކަށް ދޮގު ހަދައިގެން ހައްލު ހޯދުމަކީ ބައެއް މައިންބަފައިންގެ އާދެއެކެވެ. ކުދިން ކައިރީގައި ބޮޑު ދޮގެއް ހަދާލާކަށް މިފަދަ މައިންބަފައިން ކުޑަކޮށް ވެސް ޖެހިލުމެއް ނުވެ އެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި ކުދިން ކައިރީގައި ދޮގެއް ހަދާލައިގެން ކުޑައިރުކޮޅަކަށް އެކުދިން ކޮންޓްރޯލް ކުރެވިދާނެ އެވެ. ނަމަވެސް މިގޮތަށް ހަދާ ދޮގުގެ ނޭދޭވޭ އަސަރުތައް އެކުދިން ބޮޑެތިވާއިރުވެސް ދެމިގެން ދާނެ އެވެ.

ފަހުގެ ހޯދުމަކަށްފަހު ސައިންސްވެރިން ވިދާޅުވަނީ ކުޑައިރު ކުދިންނަށް ދޮގު ހެދުމަކީ އެ ކުދިން ބޮޑުވާއިރު ވެސް އޭގެ ގެއްލުންތައް ލިބެމުންދާނެ ކަމެއް ކަމަށެވެ. ބޮޑެތި ވުމުން މިފަދަ ކުދިން ވެސް އާއްމުކޮށް ދޮގު ހަދާނެ އެވެ. އަދި އެނޫން ވެސް ވަރަށް ގިނަ މައްސަލަތަކާ މިކުދިންނާ ކުރިމަތިލާން ޖެހޭނެ އެވެ.

މި ދިރާސާކުރި ސައިންސްވެރިން ވަނީ ސިންގަޕޫރުގެ ޒުވާނުންގެ ތެރެއިން 379 މީހަކާ ސުވާލުކޮށްފަ އެވެ. މި މީހުންނާ ކުރި އެއް ސުވާލަކީ ކުޑައިރު މައިންބަފައިން އެ ކުދިންނަށް ދޮގު ހެދި ތޯ އެވެ. އަދި ބޮޑެތި ވެގެން އެކުދިންނަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކިހާވަރަކަށް ކުރިމަތިލާން ކެރޭތޯ އެވެ.

ޖަވާބުދިން މީހުންގެ ތެރެއިން ކުޑައިރު މައިންބަފައިން ދޮގު ހަދާކަމަށް ބުނި ކުދިން ބޮޑެތި ވެގެން އެ ކުދިންގެ މައިންބަފައިންނަށް ދޮގު ހެދުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް މި ހޯދުމުގައި ފާޙަގަ ކޮށްފައި ވެއެވެ. އަދި މިފަދަ ކުދިންނަށް ސޯޝަލް އަދި ސައިކޮލޮޖިކަލް ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. މި ކުދިންނަކީ އަމިއްލަ އެދުން ބޮޑު، އަޚުލާގު ގޯސް އަދި އެހެން މީހުންނަށް މަކަރުހަދާ އޮޅުވާ ކުދިންނަށް ވެސް ވެއެވެ.

މަންމަ ނުވަތަ ބައްޕަ ގިނަ ފަހަރަށް ކުދިންނަށް ދޮގު ހަދަނީ ވަގުތު ސަލާމަތްކުރުމަށެވެ. ނުވަތަ ކުދިންނަށް ނުވިސްނޭ ކަހަލަ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަންކަމުގައި ހަގީގަތް ކިޔައިދޭން އުޒުރުވެރި ވާތީ ކަމަށް ވެސް މި ހޯދުމުގައި ބުނެފައި ވެއެވެ.

ބެލެނިވެރިން ކުދިން ކައިރީގައި ތެދުވެރިވުމަށާއި ދޮގު ނުހެދުމަށް ބުނާއިރު އެ މީހުން ވެސް އަމަލުން އެކަން ދައްކަން ޖެހެ އެވެ. އެމީހުން ދޮގު ހަދާފައި ކުދިންނަށް ތެދު ހަދާށޭ ބުނާނަމަ އަމަލާ ބަހާ ދިމާނުވާކަން ކުއްޖާއަށް ވެސް އެނގޭނެ އެވެ. އަދި މައިންބަފައިންނަށް ކުރާ އިތުބާރު ގެއްލި އެ ކުދިންގެ ތެދުވެރިކަން ވެސް ގެއްލިގެން ދާނެ އެވެ.

ދިރާސާގައި މަސައްކަތް ކުރެއްވި އެއް ސައިންސްވެރިއަކު ވިދާޅުވީ ކުދިންނަށް ދޮގު ހެދުމަކީ ފަސޭހަކަމެއް ނޫނަސް ބުއްދި ގަބޫލު ނުކުރެވޭ ކަހަލަ ދޮގު ހަދައިގެން ގެންގުޅޭ ކުދިން ބޮޑެތި ވުމުން މީގެ ނޭދެވޭ އަސަރު ހީވެސް ނުކުރާ ވަރަށް އެކުދިންނަށް ކޮށްފައި ހުންނަ ކަމަށް ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.