އޮފްބީޓް

އަންހެނުން ވަރިވުމުން އޭނާގެ ލޯބިވެރިޔާ އަތުން ބަދަލު!

ކެވިން ހޯވާޑްގެ 12 އަހަރުވީ ޒަވާޖީ ހަޔާތް ފުނޑުފުނޑުވެގެން ދިޔައީ އޭނާގެ ބަލަ ބަލާ ހުއްޓަ އެވެ. އޭނާގެ އަންހެނުން އެންމެ ފަހުން ވަރިވެގެން ދިޔައީ އެވެ. އަންހެނުން އޮފީހުގައި އުޅޭ މީހަކާ ރައްޓެހި ވެގެން އޭނާއަށް ބޭވަފާތެރި ވަމުން ދާތާ ކިތަންމެ ދުވަހެއްކަން ހޯވާޑް އަށް އެނގުނީ މާ ފަހުންނެވެ. އެނގުމާއެކު މި މައްސަލަ ހިފައިގެން އޭނާ ކޯޓަށް ދިޔަ އެވެ.

ހޯވަޑް ކޯޓުގައި ކުރި ދައުވާ ނިމުނީ އޭނާއާ އެއްކޮޅަށެވެ. އެމެރިކާގެ ނޯތު ކެރޮލައިނާގެ ފަނޑިޔާރުގެ ހުކުމްގައި ވާ ގޮތުން ހޯވާޑްގެ ކައިވެނި ރޫޅުނީ އޭނާގެ އަންހެނުން އެހެން ލޯބިވެރިޔަކު ގެންގުޅުނީމަ ކަން ޔަގީންވެ އެވެ. އެހެންވެ އެ ކައިވެނި ރޫޅުމުގެ ޒިންމާ އަންހެނުން ރައްޓެހިވެގެން އުޅުނު މީހާ ނަގަން ޖެހޭނެ ކަމަށް ހުކުމްގައި ވެއެވެ. އެހެންވެ އޭގެ ބަދަލެއްގެ ގޮތުން ހޯޥަޑް އަށް އެ ފިރިހެންމީހާ 750،000 ޔޫއެސް ޑޮލަރު ދޭން ފަނޑިޔާރު ކުރި ހުކުމްގައިވާ ކަމަށް މީޑިއާތަކުން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައި ވެއެވެ.

"އަންހެނުން ބުނީ އޭނާ އަހަރެން ކައިރިން ހަގީގަތުގައި ވަރިވާން ބޭނުންވެގެން އުޅެނީ އަހަރެން މާ ގިނައިރު މަސައްކަތުގައި ބޭރުގައި އުޅޭތީ ކަމަށް،" އެމެރިކާގެ ޓީވީ އަކަށް ދިން އިންޓަވިއު އެއްގައި ހޯވާޑް ބުންޏެވެ.

ސީއެންއެންގެ ރިޕޯޓުގައިވާ ގޮތުން އަންހެނުންނަށް ފާރަލާން ހޯވާޑް ހޯދި ޕްރައިވެޓް ޑިޓެކްޓިވްއެއްގެ ހޯދުންތަކުން އޭނާ އޮފީހުގައި އުޅޭ މީހަކާ ރައްޓެހިވެގެން އުޅޭތާ ކިތަންމެ ދުވަހެއް ކަން ހޯވާޑް އަށް ޔަގީންވީ އެވެ.

"އޭނާ [އަންހެނުންގެ ލޯބިވެރިޔާ] އަހަރެމެންގެ ގެޔަށް އައިސް އަހަރެމެންނާއެކު ކައިބޮއި ވެސް ހަދާ. އަހަރެން ތަފާތު ވާހަކަތައް ވެސް އޭނާއާ ހިއްސާކޮށް އުޅުނިން. އަދި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ހިއްސާ ކުރިން،" ހޯވާޑް ބުންޏެވެ.

ހޯވާޑް އަށް ބަދަލު ލިބުނީ އެމެރިކާގެ އެންމެ ފަސް ސްޓޭޓެއްގައި އަމަލުކުރަމުންދާ ގާނޫނެއްގެ ދަށުންނެވެ. ދެމަފިރިން ކުރެ އެކަކު އަނެކަކަށް ބޭވަފާތެރިވެ ވަރިވެއްޖެނަމަ ބޭވަފާތެރިވީ މީހާގެ ލޯބިވެރިޔާގެ އަތުން ބަދަލު ލިބިދާނެ ކަމަށް މި ގާނޫނުގައި ވެއެވެ.

ހޯވާޑް ބުނި ގޮތުގައި އޭނާ މި މައްސަލަ ކޯޓަށް ވެއްދީ މިކަމުން ގިނަ ބަޔަކަށް ފިލާވަޅެއް ލިބޭނެކަމުގެ އުންމީދުގައި ކަމަށެވެ.

އޭނާގެ ވަކީލު ސިންޑީ މިލްސް ބުނި ގޮތުގައި މިކަހަލަ މައްސަލައެއް އޭނާ ކޮންމެ އަހަރަކުވެސް އޭނާއަށް ލިބެ އެވެ. އަދި އެގޮތުން އޭނާ ވަކާލާތު ކޮށްދިން މީހަކަށް 2010 ވަނަ އަހަރު 5.9 މިލިއަން ޔޫއެސް ޑޮލަރު ދޭން ކޯޓަކުން ހުކުމް ކުރި ކަމަށެވެ.
\
އަދި ހަމަ އެ އަހަރު ނޯތު ކެރޮލައިނާގެ ކޯޓަކުން ނުވަ މިލިއަން ޑޮލަރުގެ ބަދަލެއް އަންހެނަކަށް ހޯދައިދިން ކަމަށާއި އެއީ އެ އަންހެންމީހާ 33 އަހަރު ވަންދެން އިނދެގެން އުޅުނު މީހާ އެހެން ލޯބިވެރިޔަކު ހޯދާ އެ މީހާ ވަރިކުރީމަ ކަމަށް ވެސް ވަކީލު ބުންޏެވެ.