ދުނިޔެ

އެއާއޭޝިއާގެ ފްލައިޓް ކަނޑަށް ޖެއްސީ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި

މިދިޔަ އާދީއްތަ ދުވަހު ގެއްލުނު އެއާއޭޝިއާގެ ފްލައިޓް 8501 ޖާވާ ކަނޑުން ފެނިފައި ވާއިރު އެ ބޯޓު ވަނީ ކަނޑަށް ވެއްޓިފަައި ނޫން ކަމަށާއި އިމަޖެންސީގައި ޖައްސާފައި ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އެއާބަސް A320-200 އިންޑޮނީޝިއާގެ ސުރަބާޔާ އިން ފުރައިގެން ސިންގަޕޫރަށް ދަނިކޮށް އެއާޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ކޮޅިގަނޑެއްގައި ޖެހުމުން ބޯޓުގެ މިސްރާބު ބަދަލުކުރުމުގެ ހުއްދަ އަށް އެދުނުތާ އިރުކޮޅެއް ފަހުންނެެވެ. ބޯޓު ގެއްލުނުތާ ތިން ދުވަސް ފަހުން ބޯޓުގެ ބައެއް ބައިތަކާއި ބައެއް ފަސިންޖަރުންގެ ހަށިތައް މިހާރު ވަނީ ފެނިފަ އެވެ.

އެއާޓްރެފިކް ކޮންޓްރޯލަށް ބޯޓު ގެއްލި ރާޑަރަށް ވެސް ބޯޓު ގެއްލުނު އިރު ވެސް އިމަޖެންސީ އެއްވެސް ހާލަތެއް މެދުވެރިވި ކަމަކަށް ސިގްނަލެއް ދީފައެއް ނުވެ އެވެ. ބޯޓު ވެއްޓިގެން ލިބޭ ފަދަ ގެއްލުންތަކެއް މިހާތަނަށް ފެނުނު ބޯޓުގެ ބައިތަކުން ނުފެންނަ ކަމަށާއި އިމަޖެންސީގައި ބޯޓު ކަނޑަށް ޖެއްސުމަށް ފަހު، އެއިން މީހުން ނެރުމުގެ ކުރިން ކަނޑުގެ ބޮޑެތި ރާޅުތަކާ އެކު ބޯޓު އަޑިއަށް ދިޔައީ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

މި ބޯޓު ދުއްވަން އިނީ ކުރީގެ އެއާފޯސްގެ ޕައިލެޓެކެވެ. އޭނާ އަކީ ވަރަށް ތަޖުރިބާކާރު މީހެކެވެ.

"ބޯޓު ގޮސް އާދަޔާ ހިލާފް ބާރަށް ޖެހިއްޖެ ނަމަ އިމަޖެންސީ ލޮކޭޓާ ޓްރާންސްމިޓަ (އީއެލްޓީ) އަމިއްލަ އަށް މަސައްކަތްކޮށް ސިގްނަލް ފޮނުވާނެ. އެއީ އެއްގަމަށް، ކަނޑަށް ނުވަތަ ފަރުބަދައެއްގެ މައްޗަށް ޖެހުނު ނަމަވެސް ވާނެ ގޮތް. އަހަރެން ދެކޭ ގޮތުގައި އީއެލްޓީ މަސައްކަތް ކޮށްފައި ނުވަނީ އެހާ ބާރަށް ކަނޑަށް ގޮސް ނުޖެހުމުން. މާނަ އަކީ ކަނޑަށް ބޯޓު ޖެއްސީއޭ،" އޭވިއޭޝަން މެގަޒިންއެއް ކަމަށްވާ އަންގްކަސާގެ އެޑިޓަރު ޑޫޑީ ސުޑިބްޔޯ އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މިހާތަނަށް ވަނީ ބޯޓުގެ ފަސިންޖަރުންގެ ތެރެއިން ނުވަ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.

ބޯޓުގެ މައިގަނޑު ކަނޑު އަޑީގައި އެބަ އޮތް ކަމަށް ސޯނާ އިމޭޖްތަކުން ވަނީ ދައްކައިފަ އެވެ. އެހެންވެ ތަޖުރިބާކާރުން ބުނަނީ ބޯޓު ކަނޑަށް ޖައްސައި ރާފްޓްތައް ޑިޕްލޯއި ކުރުމުގެ ކުރިން އެ ދުވަހު ކަނޑުގެ ރާޅުތައް ބޮޑުކަމުން ބޯޓު އަޑިއަށް ދިޔައީ ކަމަށެވެ.

އޮސްޓްރޭލިއާގެ އޭވިއޭޝަންގެ ތަޖުރިބާކާރެއް ކަމަށްވާ ޖެފްރީ ތޯމަސް ވިދާޅުވަނީ ބޯޓުގެ އިމަޖެންސީ ދޮރަކާއި ބައެއް ބައިތައް ފެނިފައި ވާއިރު އެ ބޯޓަށް މައިގަނޑު ގޮތެއްގައި ބޮޑު ގެއްލުމެއް ނުލިބި އޮތުން އެކަށީގެންވާ ކަމަށާއި ބޯޓު އަޑިއަށް ދިޔައިރު ވެސް އޭގެ ތެރޭގައި ގިނަ މީހުން ތިބުމަކީ އެކަށީގެންވާ ކަމަށެވެ.

"މިހާތަނަށް ފެނުނު މީހުންނަކީ ބޯޓުން ބައެއް ފަޅައިގެން ދިއުމުގެ ސަބަބުން ބޭރުވި ބައެއް ކަމަށް ވެދާނެ. އެ ދުވަހު މޫސުން ހުރި ގޮތުން ފަސިންޖަރުން ތިބޭނީ ސީޓް ބެލްޓް އަޅައިގެން. އެހެންވެ ބޯޓު އަޑިއަށް ދިޔައިރު ވެސް އެ ތިބި ގޮތަށް ތިބުން އެކަށީގެންވޭ،" ޖެފްރީ ވިދާޅުވި އެެވެ.