ކުޅިވަރު

ލަލީގާގައި އޮޑެގާޑް ވިދާލައިފި، ކުލަބުތަކުގެ ސަމާލުކަމަށް

ސްޕެނީޗް ލަލީގާގައި، މިދިޔަ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެއާލް ސޮސިއެދާދުގެ މިޑްފީލްޑާ މާޓިން އޮޑެގާޑް ހޯދައިފި އެވެ.

ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން، ދެ އަހަރު ދުވަހަށް ސޮސިއެދާދަށް ބަދަލުވި އޮޑިގާޑްގެ ލަލީގާ ގައި ދެއްކި ކުޅުމާއެކު، ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގެ ލޯ ވަނީ އޭނާ އަށް އަމާޒު ވެފަ އެވެ. ޔޫރަޕްގެ ޓްރާންސްފާ ހަބަރުތައް ބުނާ ގޮތުން އޮޑެގާޑް އަށް މެންޗެސްޓާ ޔުނައިޓަޑުން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ޔުނައިޓަޑްގެ ކޯޗް ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާއަށް އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ އޮޑެގާޑް ޔުނައިޓަޑަށް ބަދަލުވާން ކޮންވިސް ކޮށްދެވިދާނެ އެވެ.

އެހެންނަމަވެސް ލިވަޕޫލާއި އާސެނަލްއިން ވެސް އެކަމަށް ޝައުގު ވެރި ކަން ފާޅު ކޮށްފައި ވުމަކީ ޔުނައިޓަޑަށް ކުރިމަތި ވާނެ ޗެލެންޖެކެވެ.

ޕްލޭމޭކަރެއްގެ ރޯލުން ބޮޑަށް ފެނިގެންދާ އޮޑެގާޑް ވަނީ މިދިޔަ މަހު ލަލީގާގައި އެއް ލަނޑު ޖަހައިފަ އެވެ. އަދި ލަނޑު ޖަހަން ދެ ފުރުސަތު ތަނަވަސްކޮށް ދިނެވެ. ކާމިޔާބު ކަމާއެކު ނުވަ ޑްރިބަލްސް ހެދި އެވެ. 194 އެކިއުރޭޓް ޕާސް ހެދި އެވެ. އަދި ފަސް ކްރޮސް ނަގައި ދިނެވެ.

އަންނަ ސީޒަންގައި ލޯން އެއްބަސްވުން ކެންސަލް ކުރުމަށް ފަހު އޭނާ ޓީމަށް ގެނައުމުގެ އިހްތިޔާރު ރެއާލްއަށް އެބައޮތެވެ. ސްޕެއިންގެ މީޑިއާ ތަކުން ބުނާ ގޮތުގައި އޮޑެގާޑް މިހާރު ދައްކަމުންދާ ކުޅުމާއެކު ރެއާލްގެ ވެރިންގެ ޝައުގުވެރިކަން އެކަމަށް އެބަހުއްޓެވެ. އެހެންވެއްޖެނަމަ ސޮސިއެދާދުއަށް ދެ މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ.

އެހެންނަމަވެސް އޮޑެގާޑް ބުނީ، ރެއާލް އަށް ދިއުމަށް އަވަސްވެ ގަންނަން އޭނާ ބޭނުން ނުވާ ކަމަށެވެ. "އަހަރެން ބޭނުން މެޑްރިޑަށް ކުޅެން، އެކަމަކު އަހަރެން ބޭނުމެއް ނޫން އެހާ އަވަހަށް ދާކަށް، ދެ އަހަރުގެ ލޯން އެއްބަސްވުން ފުރިހަމަ ކުރަން އަހަރެން ބޭނުން ވޭ، އެއީ އަހަންނަށް ވަރަށް މުހިންމު ކަމެއް." އޮޑެގާޑް ބުންޏެވެ.