"ސާންޑް ކީ އާންކް" ގައި ތާޕްސީ ޕަންނޫ އާއި ބޫމީ ޕަޑްނޭކަރް ކުޅެނީ ދުވަސްވީ ދެ އަންހެނުންގެ ރޯލެވެ. މިހާރު ފިލްމުތަކުގައި މަސައްކަތްކުރާ މެދު އުމުރުގެ ބައެއް ބަތަލާއިން ވަނީ ތާޕްސީ އާއި ބޫމީ ކަހަލަ ޒުވާން ބަތަލާއިން ލައްވާ ދުވަސްވީ މީހުންގެ ކެރެކްޓާތައް ކުޅުވާތީ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފަ އެވެ. އަދި މި ބަހުސް މިހާރު ވަނީ ވަރަށް ހޫނުވެފަ އެވެ.
މިކަމާ ދެކޮޅަށް ވާހަކަ ދެއްކި ބަތަލާއިންގެ ތެރޭގައި ސޯނީ ރާޒްދާން، ނީނާ ގުޕްތާ އަދި ސީމާ ޕަހްވާ ފަދަ މެދު އުމުރުގެ ބަތަލާއިން ހިމެނެ އެވެ.
މި ބަހުސް ދިގުލައިގެން ދާން ފެށުމުން ތާޕްސީ ވަނީ މިކަމާ ބެހޭ ގޮތުން އޭނާއަށް ފެންނަ އެއްޗެއް ބުނެފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ތާޕްސީ ވަނީ އޭނާ ފިލްމު ކުޅުން ހުއްޓާލަން ވީތޯ ސުވާލު ކޮށްފަ އެވެ.
"އަހަރެންނަށް ހީވަނީ ދެން އަހަރެން ފިލްމު ކުޅުން ހުއްޓާލަން ވީހެން،" ތާޕްސީ ބުންޏެވެ.
އޭނާ ކުޅެންވީ ހަމައެކަނި ދިއްލީގެ އޭނާގެ އުމުރުގެ ޒުވާން އަންހެންކުއްޖެއްގެ ރޯލު ތޯ ވެސް ތާޕްސީ ވަނީ ސުވާލު ކޮށްފަ އެވެ.
ތާޕްސީ ބުނީ އޭނާ އަކީ އެކްޓަރަކަށް ވާތީ ހުރިހާ އުމުރެއްގެ މީހެއްގެ ރޯލުވެސް އޭނާއަށް ކުޅެވެން ޖެހޭނެ ކަމަށެވެ. އަދި 60 ވަރަކަށް އަހަރުވެފައި ތިބޭ ބަތަލާއިން ބަޑި ހިފައިގެން އުޅޭ ވަރުގަދަ އަންހެނުންގެ ކެރެކްޓާތަކަށް ފިޓް ވާނެ ހެން ހީނުވާ ކަމަށް ވެސް ތާޕްސީ ބުންޏެވެ.
ބޫމީ ވެސް މުހިއްމު ކެރެކްޓާއެއް ކުޅޭ "ސާންޑް ކީ އާންކް"ގެ ވާހަކައަކީ އުމުރުން 60 އަހަރުގައި ޝޫޓިން ޗެމްޕިއަންކަން ހޯދާ ދެ އަންހެނެއްގެ ވާހަކަ އެވެ. މިއީ ތުޝާރު ހިރާނަންދާރީ ޑައިރެކްޓްކޮށް އަނުރާގް ކަޝޭޕް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 25 ވަނަ ދުވަހު އެވެ.
މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ދައްކަން ފެށުމައެކު ސޯނީ ރާޒްދާން ދީފައިވާ އިންޓަވިއު އެއްގައި ބުނީ ބޫމީ އާއި ތާޕްސީ އަކީ އޭނާ ވަރަށް ލޯބިވެރިޔާ ދެ ބަތަލާއިން ކަމަށެވެ. ނަމަވެސް 60 އަހަރުގެ އަންހެނެއްގެ ކެރެކްޓާއަށް މިހާ ޒުވާން އަންހެން ކުދިން ލަނީ ކީއްވެތޯ އެ އުމުރަކާ ގުޅޭ ގޮތުން ބަތަލާއިން ޚިޔާރު ނުކުރަނީ ކީއްވެތޯ ސޯނީ ވަނީ ސުވާލު ކޮށްފަ އެވެ.
މަންމަ ރޯލު ކުޅޭ ނީނާ ގުޕްތާ ބުނީ ފިލްމަކީ ވިޔަފާރިއެއް ކަމަށާއި ފަހަރެއްގައި ދުވަސްވީ ބަތަލާއިން ލައިގެން ފިލްމު ނުހިނގާނެހެން ހީވާތީ ޒުވާން ކުދިން ލައްވާ އެ ކެރެކްޓާތައް ކުޅުވަނީ ކަމަށް ވެދާނެ ކަމަށެވެ. ނީނާ ވެސް ވަނީ ތާޕްސީ އާއި ބޫމީގެ ކެރެކްޓާއަށް ވަރަށް ފާޑުކިޔާފަ އެވެ.
ތާޕްސީ ބުނީ ފާޑުކިޔާމީހުން ދައްކާ ވަހަކައަކަށް އޭނާ ސަމާލުކަމެއް ނުދެ އެވެ. މިހާ ޅަ އުމުރުގައި ދުވަސްވީ މީހެއްގެ ކެރެކްޓާ ކުޅެން ލިބުމުން އޭނަ ވަރަށް އުފާވެ އެވެ.