އަހުމަދު މަހްލޫފު

ޖަމިއްޔާތައް ގާނޫނީ އިމުގެ ތެރޭގައި ތިބެން އިލްތިމާސްކޮށްފި

Oct 5, 2019

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ހުރިހާ ކުލަބް، ޖަމިއްޔާ، ޖަމާއަތްތަކުން ވެސް ގާނޫނަށް ހުރަމަތްތެރިކޮށް ހިތުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާ އުވާލުމަށް އެތައް ބަޔަކު ގޮވާލަމުންދާތީ އެކަމާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓަށް ކުރީ ސަރުކާރުން ފިޔަވަޅު އަޅާފައިނުވާކަން މި ސަރުކާރުގެ ސަމާލުކަމަށް އައުމާ ގުޅިގެން މިމަހުގެ 3ވަނަ ދުވަހު އެ ރިޕޯޓްގެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުންދާކަން ފުލުހުންގެ އިދާރާއިން ޔޫތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެންޑީއޭގެ ރިޕޯޓާއި ގުޅޭގޮތުން އިތުރު ވާހަކަތަކެއް ނުހިމަނާ، ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ހުރިހާ ކުލަބް، ޖަމިއްޔާ، ޖަމާއަތްތަކުންވެސް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި ގާނޫނު އަސާސީއާއި ގާނޫނުތަކާ، ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްޑީއެންއިން 2016ވަނަ އަހަރު ނެރުނު ރިޕޯޓްގެ މައްސަލަ އަލުން މިއަހަރު އާންމު ކުރިއިރު، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވަނީ ދީނީ އިލްމުވެރިންނާއި، ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންނެވެ. އެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ވަނީ ހުށައަޅާފައެވެ. ނަމަވެސް މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ރިޕޯޓް ނެރުނު މައްސަލާގައި އެންޑީއެމްއަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ފަހަތަށް ޖެހިފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.