ސައިންސް

އެމެރިކާއިން ޖަޕާން ގޮވައިގެން ހަނދަށް ދަނީ!

ހަނދަށް ދަތުރު ކުރުމަކީ އެތައް ގައުމަކުން ދެކޭ ހުވަފެނެކެވެ. އަމިއްލަ ގައުމުގައި އިގްތިސޯދީ ބާރު ނެތަސް އެހެން ގައުމެއްގެ އެހީގައި ހަނދަށް ދިޔުމުގެ ޝަރަފު ހޯދަން ބޭނުން ގައުމުތައް ވެސް މަދެއް ނޫނެވެ.

މިފަދަ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި ޖަޕާނާއި އޭޝިއާގެ އެހެން ގިނަ ގައުމުތައް ހިމެނެ އެވެ. ހުރިހާ ގައުމެއްގެ ވެސް އުއްމީދަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެހީތެރިކަމާއެކު ހަނދަށް ދިއުމެވެ. އެއީ ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑުވާތީ އެވެ. ނާސާއިން މިހާރު ވަނީ ޖަޕާނާއެކު ނާސާގެ ހަނދުގެ މިޝަން ކުރިއަށް ގެންދަން ނިންމާފަ އެވެ. ޖަޕާނަކީ އިގްތިސޯދީ އަދި ޓެކްނެލޮޖީ ގޮތުން ވަރުގަދަ ގައުމަކަށް ވިޔަސް ޖައްވީ ރޭހުގައި ބާރު ގަދައެއް ނޫނެވެ.

ނާސާއިން ވެސް ވަނީ ޖަޕާނާ ގުޅިގެން ހަނދަށް ދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަމާޒަކީ 2024 ވަނަ އަހަރުގެ ނިޔަލަށް ދެ ގައުމު ގުޅިގެން ހަނދަށް ދިއުމެވެ. އަލުން އިންސާނުންނާއެކު ހަނދަށް ދަތުރު ކުރުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދަން ޓްރަމްޕު ދަނީ ހުރިހާ އެއްބާރުލުމެއް ދެއްވަމުންނެވެ.

ނާސާއިން ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް މާސްއަށް އިންސާނުން ފޮނުވާނެ ކަމަށް ބުނެ އެ މަސައްކަތް ވެސް ފަށައިފަ އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓާ ބްރެއިޑް ސްޓައިން ވިދާޅުވި ގޮތުގައި ޖަޕާނުގެ ޖައްވީ އިދާރާ ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ (ޖޭއޭއެކްސްއޭ) ނުވަތަ ޖާސާ އާ ގުޅިގެން މިހާރު މާސްއަށް ދަތުރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މާސްއަށް ކުރާ ދަތުރުގައި ޖާސާ ބައިވެރިކުރީ ހަނދަށް ކުރާ ދަތުރަށް ބޭނުންވާ ތަމްރީނުތައް ދުރާލާ ޖާސާގެ ސައިންސްވެރިންނަށް ދޭށެވެ.
\
ޖާސާއަކީ މިހާރުވެސް ނާސާގެ ގިނަ މިޝަންތަކުގެ ބައިވެރިއެކެވެ. އެގޮތުން އިންސްޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ހިންގާ ގިނަ ދިރާސާތަކަށް ޖާސާއިން ދަނީ ޓެކްނޮޖީގެ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.