މާސް

މާސް އުޅަނދުން ދުނިޔެއަށް ފޮނުވި އޯޑިއޯއާ ވީޑިއޯ ނާސާއިން އާންމުކޮށްފި

އެމެރިކާގެ "ނެޝަނަލް އެއޮރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިޓްރޭޝަން" (ނާސާ) އިން މާސްއަށް ފޮނުވި އުޅަނދު، "ޕާސިވިއަރެންސް" -- ޕާސީ – ލޯބިން ކިޔާ ނަން -- ވަނީ މިދިއަ ބުރާސްފަތި ދުވަހު، ފެބްރުއަރީ 18 ގައި މާސްއަށް ޖައްސާފަ އެވެ. ޕާސީން ބިމަށް ފޮނުވި އަޑާއި ވީޑިއޯ ނާސާއިން މިހާރު އާންމު ކޮށްފައި ވާއިރު، އެއްޗެއްގައި ވައި އަޅާ އަޑާއި ކެރޭން މަސައްކަތްކުރާ އަޑު ފިޔަވައި އެހެން އަޑެއް ސާފެއް ނުވެ އެވެ.

ޕާސީ ދުނިޔޭގެ ބިމުން ފުރުވާލީ ޖުލައި 30، 2020 ގަ އެވެ. ގާތްގަނޑަކަށް 300 މިލިއަން މޭލު ދަތުރުކޮށް ގޮސް މާސްއަށް އުޅަނދު ޖައްސާފައި އެވަނީ ހަތްވަނަ މަސް ގުނެނިކޮށެވެ. މިއީ ނިއުކްލިއާ ހަތައިން ދުއްވާ އުޅަދެކެވެ. މިއަށްވުރެ ޓެކްނޮލޮޖީ ގޮތުން ތަރައްގީ ކުރެވިފައިވާ އުޅަނދެއް މާސްއަށް އަދި ނުފޮނުވަ އެވެ. އުޅަނދު ވަށައި ކެމެރާއާ ސެންސަރުތައް އަދި މައިކްރޮފޯން ވެސް ވަނީ ހަރުކޮށްފަ އެވެ.

ދުނިޔެއާ މާސް، އިރު ވަށައި އޯބިޓްގައި މިހާރު އެތުރިފައި ހުރި ގޮތުން ބިމުން ފޮނުވާ ރޭޑިއޯ ސިގްނަލް މާސްއަށް ފޯރަން 11 މިނެޓް ނަގަ އެވެ. މާނައަކީ މާސްއަށް ޕާސީ ޖެއްސި މަންޒަރު ބިމަށް ފޯރާނީ އެކަމެއް ހިނގައިދާތާ 11 މިނެޓް ފަހުން ކަމެވެ. ދުނިޔެއާ މާސް، މިއަށް ވުރެ ކައިރިވާ މޫސުމާއި ދުރުވާ މޫސުން ވެސް އާދެ އެވެ.

ނާސާއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުން އެއިރު ޕާސީ އޮތީ މާސްގެ ބިމުން 11 ކިލޯމީޓަރު، ހަތް މޭލު މަތީގަ އެވެ. އަޑަށް ވުރެ ބާރު ދުވެލީގައި އުޅަނދު މާސްއަށް ޖައްސަން އަންނަނިކޮށް ވައިކުޑަ ހުޅުވާލިކަން ވެސް މަންޒަރުން އިހުސާސް ކުރެވެ އެވެ. މި ވައިކުޑަ އަކީ ދުނިޔެއިން ބޭރު ބިމަކަށް މިހާތަނަށް ފޮނުވި އެންމެ ބޮޑު ވައިކުޑަ އެވެ.

ޕާސީ ޖައްސުވާފައި އެވަނީ ބޮޑު ވަޅުގަނޑެއްގެ ތެރެއަށެވެ. އެ ވަޅުގަނޑަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ޖެޒެރޯ ކްރޭޓާ" އެވެ. ދުނިޔެއިން ފުރައިގެން ކުރި ދިގު ދަތުރުގައި ޕާސީ ވަނީ ކުޑަ ހެލިކޮޕްޓަރެއް ބަނޑުދަށުގައި ހިމާޔަތް ކޮށްގެން ގެންގޮސްފަ އެވެ. ހެލިކޮޕްޓަރުގެ ނަމަކީ "އިންޖިނުއިޓީ" އެވެ.

މާސްގައި ޕާސީއަށް އޮތް މަސައްކަތަކީ އެއްވެސް ޒަމާނެއްގައި އެބިމުގައި ދިރުން ހުރިތޯ ބެލުމެވެ. ސޫތްޕެއް ނުވަތަ ފަންޏެއް އަދި އެފަދަ އެއްވެސް އެއްޗެއް ނޭވާލުމުގެ ސަބަބަކަށް ވެދާނެ އެއްވެސް ނިޝާނެއް، އަލާމާތެއް ހުރިތޯ ބެލުމެވެ.

މާސްގައި ދިރުމެއް ވެދާނެ ކަމަށާއި ކޮންވެސް ޒަމާނެއްގައި ދިޔާ ފެން ހުރިި ކަމަށް ބުނެ ސައިންސްވެރިން ކިޔައިދޭ ވާހަކަތައް އަޑުއަހާލަން ފޫހިނުވާހާވި ނަމަވެސް، ހަގީގަތް އަދި އޮތީ ދުނިޔޭގެ މުޅި އާބާދީ އަތުކޮޅަށް ދަމާލުމުން ވެސް ނުފޯރާ ފަށުގަ އެވެ.