ދީނަށް ފުރައްސާރަ ކުރުން

އާޒިމް، ނަޝީދަށް: ދިވެހިން، ދީނަށް ފުރައްސާރަ ނުކުރާނެ

ދިވެހި ރައްޔިތުން އިސްލާމް ދީނަށް ފުރައްސާރަ ނުކުރާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ސިޔާސީ ހަތިޔާރަކަށް އިސްލާމް ދީން ހެދުމަކީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބެއްގަ އެވެ. ރައީސް ނަޝީދު މިރޭ ވިދާޅުވީ، އިސްލާމް ދީނަކީ އެންމެ ފުރިހަމަ، އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. ސިޔާސީ ފުރުސަތު ހޯދަން އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

ނަޝީދުގެ އެހެން ވިދާޅުވުމުން އެއަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ ދިވެހިން އިސްލާމް ދީނަށް ފުރައްސާރަ ނުކުރާނެ ކަމަށެވެ. އަދި އެއީ މަދު މީސްކޮޅެއް ކަމަކުން ރެކެން ވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ރައީސް، ދިވެހިންނެއް ދީނަކަށް ފުރައްސާރައެއް ނުކުރާނެ. މަދު މީސްކޮޅެއް ކަމަކުން ރެކެން ވެގެން ދައްކާ ވާހަކައެއް." އާޒިމްގެ ޓްވީޓްގައި ވިދާޅުވިިއެވެ.

އާޒިމް ކުރެއްވި ޓްވީޓް

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ދީނީ އިލްމްވެރިންތަކެއް ވަނީ އެކުވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ނިންމާވަފާ އެވެ. އެ ބޭފުޅުން ސޯޝަލް މީޑިއާގައި ވެސް ގެންދަނީ އެ އަޑު ވަރަށް ގަދައަށް އުފުލަމުންނެވެ.

ރިޕޯޓާ ގުޅިގެން އެމްޑީއެން އުވާލަން ވެސް ދަނީ ގޮވާލަމުންނެވެ. އަދި އެކަމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ. އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.