ލައިފްސްޓައިލް

އާޓިފިޝަލް ލޭ އަޅަން ފަށަން ގިނަ ދުވަހެއް ނެތް!

އިމަޖެންސީ ހާލަތެއް ދިމާވެ ލޭ އަޅަން ޖެހިއްޖެނަމަ އެމީހެއްގެ ބްލަޑް ގްރޫޕް އާ ދިމާވާ ލެޔެއް ހޯދުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ނަމަވެސް މި މައްސަލައަށް ދާދި އަވަހަށް ހައްލެއް އަންނާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ލެބޯޓްރީގައި އާޓިފިޝަލް ބްލަޑް ތައްޔާރު ކުރަން ފަށަން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ލޭގެ ކޮންމެ ވައްތަރެއް ހުއްޓަސް މައްސަލައެއް ނުޖެހޭނެ ކަމަށާއި ލޭ ބޭނުންވާ ހަމަ ކޮންމެ މީހަކަށް ވެސް މި ލޭ އަޅާލެވިދާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ޖަޕާނުގެ ސައިންސްވެރިން ބުނަނީ އެމީހުން މިހާރު ލޭ އުފައްދާފައިވާ ކަމަށާއި އޭގައި ރެޑް ބްލަޑް ސެލްސް ވެސް އެކުލެވޭ ކަމަށެވެ. މިއީ އޮކްސިޖަން އާއި ޕްލެޓްލެޓްސް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ބައިކުޅޭ ސެލްތަކެވެ. ގައިގެ ތަނެއް ކަނޑައިގެން ދިއުމާއެކު އެތަނުގައިވާ ލޭތައް ގަނޑުގަންނަނީ މީގެ ސަބަބުންނެވެ.

މި ލޭ ޓެސްޓް ކޮށްފައިވަނީ 10 މުސަޅެއްގެ އެވެ. މި އެއްޗިއްސަކީ އާދަޔާޚިލާފަށް ލޭ މަދުވެފައި ތިބި އެއްޗެހި ތަކެކެވެ. މި ލޭ އެޅުމުން 10 މުސަޅުގެ ތެރެއިން ހަ މުސަޅުގެ ފުރާނަ ސަލާމަތް ކުރެވުނެވެ. އެހެންވެ ޖަނަވާރުންނަށް ފަރުވާ ކުރެވޭނަމަ މި ލޭ އަޅައިގެން އިންސާނުންގެ ފުރާނަ ވެސް ސަލާމަތް ކުރެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

އަލަށް މި އީޖާދުކުރި ލެޔަކީ އާއްމުކޮށް ބޭނުން ކުރަން ތައްޔާރުކުރާ އެއްޗެއް ނޫނެވެ. މި ލޭ ޚާއްސަކޮށްފައި ވަނީ އިމަޖެންސީ ހާލަތެއްގައި ލޭ އަޅަން ޖެހި ލޭ ނުލިބިގެން މަރުވެދާނެ ކަމުގެ ބިރު އޮންނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

މި ހޯދުން ހޯދި ޑރ. މަނާބޫ ކިނޮޝީޓާ ވިދާޅުވީ ދުރުގައި ވަކިން ހުންނަ ކުދިކުދި ރަށްރަށުގައި އެކަށީގެންވާ މިންވަރަކަށް ލޭ ރައްކާ ކޮށްފައި ބެހެއްޓުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މިގޮތަށް ދުރު ހިސާބުތަކުގައި ފަސޭހައިން ލޭ ނުލިބޭ ހާލަތްތަކުގައި އިމަޖެންސީއެއް ދިމާވެގެން ކުއްލިއަކަށް ލޭ އަޅަން ޖެހިއްޖެނަމަ މި މަސްނޫއީ ލޭ އަޅައިގެން ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އޭރުން ހަމަ ގައިމުވެސް ލޭ ނޭޅިގެން މަރުވާ މީހުން މަދު ކުރެވޭނެ އެވެ.

މި ލޭ އެޅުމުން އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ދިމާނުވާ ކަމަށް މި ރިޕޯޓުގައި ވެއެވެ. އަދި ލޭކޮޅެއް ގަނޑުގަތުން ފަދަ ކަމެއް ދިމާވޭތޯ ވެސް މުސަޅަށް ލޭ އަޅައިގެން ހެދި ޓެސްޓްތަކުގައި ވަރަށް ރަނގަޅަށް ވަނީ ބަލާފަ އެވެ.

އާޓިފިޝަލް ބްލަޑް ކަހަލަ އެއްޗެއް އެންމެ ފުރިހަމައަށް ތައްޔާރު ކުރެވިއްޖެނަމަ ވަރަށް ގިނަ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ. މިއީ ސައިންސްގެ ދާއިރާއިން އިންގިލާބީ އީޖާދަކަށް ވާނެ އެވެ.