ރިތިކް ރޯޝަން

"ސުޕަ 30" އާއި "ވޯ" އިން ބެންޗްމާކް މަތިކުރާނަން: ރިތިކް

ރިތިކް ރޯޝަންގެ ޖެހިޖެހިގެން ނުކުތް ދެ ފިލްމު ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. "ސުޕަ 30" އާއި "ވޯ" އެވެ. ފިލްމަށް ބެލުންތެރިން ދޭ ތަރުހީބަކީ ކުރިޔަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް ރިތިކް ބުންޏެވެ. އަދި ދެ ފިލްމުގައި ވެސް އޭނާގެ ޕާފޯމަންސަށް ފާޑުކިޔުންތެރިންނާއި ބެލުންތެރިން ތައުރީފު ކޮށްފައިވާތީ ރިތިކް ވަނީ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ރިތިކް، 45، ބުނި ގޮތުގައި އޭނާގެ އެންމެ ފަހުގެ ދެ ފިލްމަށް ލިބުނު ކާމިޔާބުން އޭނާއަށް ވިސްނުނު އެއްޗަކީ އޭނާގެ ހޮވުންތައް ބަރާބަރު ކަމަށެވެ. މި ދެ ފިލްމުން ލިބުނު ލޯތްބައި އޯގާތެރިކަމުގެ ސަބަބުން ބެންޗުމާކް މައްޗަށް ޖައްސާނެ ކަމަށް ވެސް ރިތިކް ބުންޏެވެ.

"ރަނގަޅުވާނެ ކަމަށް އަހަރެންގެ ހިތް ބުނާ ފިލްމުތައް އަހަރެން ކުޅެނީ. ކާމިޔާބު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ހިތަށް އަރާ ފިލްމެއް ފެއިލް ވެއްޖެނަމަ އަހަންނަށް ވަރަށް އަސަރު ކުރާނެ،" ރިތިކް ބުންޏެވެ.

ރިތިކް ބުނީ "ސުޕަ 30" އާއި "ވޯ" ގެ ވިޔަފާރިން އުފާވިޔަސް އަދި އޭނާގެ އެންމެ ރަނގަޅު މަސައްކަތްތައް އޮތީ ކުރިޔަށް ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި މިއަށް ވުރެ މާ ރަނގަޅު ފިލްމުތަކެއް ފެންނާނެ ކަމަށެވެ.

ރިތިކް އާއި ޓައިގާ ޝްރޮފްގެ "ވޯ" ފުރަތަމަ ދުވަހު ވެސް ވަނީ ބޮކްސް އޮފީސް ރެކޯޑް މުގުރާލާފަ އެވެ. އޮކްޓޯބަރު ދޭއް ގައި ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު އެކަނި 52 ކްރޯޑަށް ވުރެ މަތިން ލިބުނުއިރު ހޮނިހިރާއި އާދީއްތަ ދުވަހުގެ ކަލެކްޝަން އެއްކޮށްލުމުން 97 ކްރޯޑަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. އަދި ހޯމަ ދުވަހު މި ފިލްމު 100 ކްރޯޑު ކްލަބަށް ވަންނާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ.