ރާއްޖެއަށް މުސްލިމް ފްރެންޑްލީ ނުވަތަ ހަލާލު ޓޫރިޒަމް ތައާރަފު ކުރަން ރަށް ތަކެއް ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި ރިޔާސީ ވައުދުތައް ފުއްދަވާނެ ގޮތުގެ ތަފްސީލުތައް ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން، ދުނިޔޭގެ ޓޫރިޒަމްގެ ބޮޑު މާކެޓެއް ހިއްސާ ކުރާ ހަލާލް ޓޫރިޒަމް ނުވަތަ މުސްލިމް ފްރެންޑްލީ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން، އެކަމާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް އަންނަ އަހަރު ނިންމާނެ އެވެ. މި މަސައްކަތް ކުރަން ލާޒިމް ކޮށްފައިވަނީ އެޓާނީ ޖެނެރަލް އޮފީހާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށެވެ.
ހަލާލް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަ އަހަރު އެ ފަދަ އިންވެސްޓަރުންނަށް ހާއްސަ ހަރަކާތް ތަކެއް ވެސް ހިންގާނެ އެވެ. މީގެ އިތުރުން އަންނަ އަހަރު ހަލާލް ޓޫރިޒަމް ތައާރަފު ކުރަން ރަށް ދޫކުރަން ހުޅުވާލާނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ޝަރިއާ ހުއްދަ ކުރާ ފައިނޭންސިން ސްކީމް ތަކެއް ބޭންކްއާ ގުޅިގެން 2021 ގައި ތައާރަފު ކުރާނެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރުވެފައިވާއިރު، ރާއްޖޭގައި މި ހާތަނަށް މުސްލިމް ފްރެންޑްލީ ރިސޯޓެއް ހަދާފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގައި އިސްލާމިކް ކޮންސެޕްޓަށް ރިސޯޓެއް ހަދަން ށ. ގާކޮށިބީގައި އޭޑީކޭ ކުންފުނިން މަަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ މަޝްރޫއު ވަނީ ހުއްޓިފަ އެވެ.
ހަލާލް ޓޫރިޒަމަކީ ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން ދާ އެއް މާކެޓެވެ. ތޮމްސަން ރޮއިޓާސް އިން އެންމެ ފަހުން އާއްމުކުރި ރިޕޯޓުގައިވާ 2017 ވަނަ އަހަރު ދުނިޔޭގެ ޓޫރިޒަމްގެ 11.8 ޕަސެންޓް ހިއްސާކުރީ މުސްލިމް ޓްރެވަލާސް އެވެ. އަދި މި ބާވަތުގެ ޓޫރިޒަމަށް ދަތުރުކުރި މީހުން ވަނީ މި މުއްދަތުގައި 169 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.