ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(3 އޮކްޓޯބަރ 2019 އާ ގުޅޭ)

ހޭޒަލްއަށް ބަލާލެވުނީ ސޯފާގަ އިން ޔުސްރާއަށެވެ. އޭނާ ވެސް އިންތަނުން ތެދުވެ ހުރީ ފާޑަކަށް ހިނިއައިސްފައެވެ. ހީވަނީ އަލްމާ އެކުރީ މާ މަޖާ ކަމެއްހެންނެވެ. ހޭޒަލްގެ ގަބުކަން ފިލައި ވަގުތުން އައިސް ކޮޓަރީ ދޮރު ކައިރީ ހުއްޓުނެވެ.

"މި ދޮރު ހުޅުވާ..." ތަޅުގައި ހިފާލުމާއެކު ހޭޒަލް ބުންޏެވެ.

ކޮޓަރިތެރެއިން އިވުނީ އަލްމާގެ ހުނުމުގެ އަޑެވެ. އެ އަޑުން ހޭޒަލްގެ ކެތްތެރިކަން ކޮޅުން ލިއެވެ. ހީވީ ރޯމާދުވާލު ފާޅުގައި އޭނާގެ ކުރިމަތީގައި ހުރެފަ ދުޝްމަނަކު ދިން އަނިޔާވެރި ހަމަލާއެއްގެ ދިލަ ވޭން ހިތަށް އިޙްސާސްވީ ހެންނެވެ. މޭގައި ރިހުން އުފެދުނެވެ. އެއަށްވުރެ މުޅި ނަފްސު ހިޞާރުކުރަމުންއައި ގަދަ ރުޅީގައި މީހާ ބެހިގެންދާން ފަށައިފިއެވެ.

"އަޑުއިވޭތަ؟... މި ދޮރު ހުޅުވާށޭ!... އަލްމާ!... މަޖައެއްނޫން އިނގޭ!... ސަކަރާތްޖަހަން ވެސް ވަކިވަރެއް އޮންނާނެ" ހޭޒަލް ތަންކޮޅެއް ބާރަށް ބުންޏެވެ.

"އަޅާނުލާ ބަލަ... ޒެއްލު އަޅާނުލީމަ ދޮރު ހުޅުވާނޭ" ޔުސްރާ ބުންޏެވެ. އެ އަޑުއިވިފައި ހޭޒަލް އަޖައިބުވެ އަންތަރީސްވިއެވެ.

"އެ ދެމީހުން ބޭނުންއިރަކުން ދޮރުހުޅުވަންދެން އަހަރެން ވީ އަނގައިން ވެސް ނުބުނެ ހިމޭނުން ހުންނަން... އެ ދޮރުގެ އަނެއްފަރާތުގައި ހިނގަނީ ކޮންކަމެއްކަން ޔުސްރާއަށް އެނގޭތަ؟" ޔުސްރާއާ ދިމާއަށް ހޭޒަލް ބުންޏެވެ.

"އަލްމާ ސަކަރާތްޖަހަންވެގެން އެއުޅެނީ... ޒެއްލު އެހާ ސީރިއަސްނުވެބަލަ... ރުޅި ނާދޭ..." ޔުސްރާ ބުންޏެވެ. ހޭޒަލްއަށް ދަތްކުނޑިވިކާލެވުނެވެ.

"އަހަންނަކީ ކޮންމެކަމެއް ވަރިހަމަ އަންހެނެއްނޫނޭ، ކޮންމެކޮންމެ ސަކަރާތެއް ވެސް އަހަންނަކަށް ކަމުނުދާނެ.... ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުންގެ ދެމެދު ދެމަފިރިން ކުރާކަހަލަ ސަމާސާ ކުރުމަކީ ޔުސްރާއާއި އަލްމާގެ ގޮތަށް ވެދާނެ... އަހަރެންގެ ގޮތެއްނޫން އެއީކީ... އަހަރެން ހިތަށް އަރާ އަލްމާ އެފަދަ ސަކަރާތް ޝިޔާނާ ނުޖަހަނީ ކީއްވެބާއޭ؟ ތި ދެމީހުން މާ ގާތެއްނު، އަހަރެންމީ އިހަށް ދުވަހު ފެނުނު މީހެއް، އެކަމަކު އަހަންނަށް ވެސް އެބަފެނެޔޭ ލިއަމްއާ ދޭތެރޭ އަލްމާގެ ޢަމަލުތައް ހުންނަ ގޮތް، ކީއްވެތަ ޝިޔާނާމެދު އޭނާ އެފަދައިން ޢަމަލުތައް ނުބަހައްޓަނީ... އެއީ ޔުސްރާ އިންނަންވެގެން އުޅޭ މީހާއަށްވީމަތަ؟" ހޭޒަލް ނުރުހުމާއެކު ބުންޏެވެ. މިފަހަރު ޔުސްރާއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

"ކަލޭމެން ދެ މީހުންނަށް އަޑުއިވޭތަ... މި ދޮރު ހުޅުވާށޭ..." ދޮރުގައި ތަޅައިގަތުމާއެކު އަޑުގެ ނެތްތަނަށް ހޭޒަލް ހަޅޭލަވައިގަތެވެ. ކޮޓަރިތެރެއިން ލިއަމްއާއި އަލްމާގެ ވާހަކަދެއްކުމުގެ އަޑު އިވެއެވެ. ނަމަވެސް ދައްކާ ވާހަކައެއް ސާފެއް ނުވެއެވެ. އަލްމާގެ ހުނުމުގެ އަޑު އަނެއްކާ ވެސް އިވުނެވެ. ހަޤީޤަތުގައި ވެސް އަލްމާ ޖެއްސުމެއް ކުރަން ގަސްދުކުރަނީ ކަމަށް ވެސް ވެދާނެއެވެ. އެހެންވިޔަސް ހޭޒަލްގެ ރުޅި ކެކި އުތުރި ގަތެވެ. ލިއަމްގެ ނަމުން އޭނާ ހަޅޭ ލަވައިގަތެވެ. އޭރު ޔުސްރާއަށް ވެސް ހޭޒަލް އެ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފަކަން އެނގިއްޖެއެވެ. އޭނާ ވެސް އައިސް ކޮޓަރި ދޮރުކައިރީ ހުއްޓި އަލްމާއަށް ގޮވިއެވެ. އަލްމާ އެކުރި ސަމާސާ ވިހަވެއްޖެކަން ޔުސްރާއަށް ޔަގީންވީއެވެ.

"އަލްމާ!... ތީނަ ނުނިކުންނަންޏާ އަހަރެން ދަނީ" ޔުސްރާ ބުންޏެވެ.

"ލިއަމް!... މި ދޮރުހުޅުވާށޭ، ކީއްވެތަ މި ދޮރު ނުހުޅުވިގެން ތިއުޅެނީ" ހޭޒަލްގެ ބާރު އަޑު މުޅި އެޕާޓްމެންޓު ތެރޭ ގުގުމާލިއެވެ.

އޭނާގެ ހަޔާތުގަ ވެސް މިހާ ބާރަށް މީހަކާ ދިމާއަށް ދުވަހަކުވެސް ހަޅޭކެއް ނުލަވައެވެ. ޚާއްޞަކޮށް ލިއަމްއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނުމަކީ އޭނާ ނުކުރާނޭ ކަމަކެވެ. ނަމަވެސް އޭނާ ކުޅުދުށްފުއްޓަށް އައިފަހުން އަމިއްލަ ޠަބީޢަތް ވެސް ބަދަލުވެއްޖެ ކަހަލައެވެ. ނުކުރާން ހުރި ކިތަންމެ ކަމެއް ކުރެވެން ފަށައިފިއެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސަށް ވެފައި އޮތް ވަޢުދާ ޚިލާފުވެވުނީ ދުވަހަކުވެސް ސައިފްއާ ވާހަކަނުދައްކާނަންކަމަށް ނިންމި ނިންމުން އުވާލެވުމުންނެވެ. އެކަން އެހެންވީ ވެސް ލިއަމްއަށް އައި ކުއްލި ބަދަލުގެ ސަބަބުން ޝައިތާނާ ހޭޒަލްގެ ވިސްނުމަށް ސަވާރުވާން ފުރުޞަތު ލިބުމުންނެވެ. ނަމަވެސް ވަގުތު އޮއްވަ ސައިފްގެ ފުށުން ހޭޒަލް ބޯދަމައިގަތީއެވެ. ފިރިމީހާގެ ގާތަށް އަންނަން ފުރުޞަތު ލިބުމުން ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދާނޭކަމުގައި ހޭޒަލް އުންމީދުކުރިއެވެ. އެކަމަކު އޭގެ ބަދަލުގައި ހޭޒަލްއަށް ލިބުނީ އިތުރު ބޮލުގަ ރިހުމެކެވެ. ލޮލަށް ފެންނަ ކަންތައްތަކުން ދެނެގަންނަންވީ ކީކޭކަމެއް ހޭޒަލްއަށް ނޭނގުނީ މީގެ ކުރީން ދުވަހަކުވެސް ލިއަމްގެ މައްޗަށް އޭނާގެ ހިތުގައި ވަހުމެއް އުފެދިފައި ނެތީމައެވެ. އޭނާ ޝައްކުކުރާނޭ ފުރުޞަތެއް ވެސް ލިއަމް ދީފައި ނެތީމައެވެ. ލިއަމްގެ ހުރިހާ ސަމާލުކަމެއް އަބަދުވެސް ހޭޒަލްއަށް ލިބެމުން އަންނާތީއެވެ. ލިއަމްއަށް ވިސްނައިދިނުމުން އޭނާ ނިކަން ފަސޭހައިން ހޭޒަލްގެ ބަސް ޤަބޫލުކުރާކަން ޚުދު ހޭޒަލްއަށް ވެސް އެނގެއެވެ. އެހެންވިޔަސް މިވަރުގެ ކަމެއް ދުވަހަކުވެސް ހޭޒަލް ނުދެކެއެވެ. ރައްޓެއްސެގެ ފަރާތުން ވެސް މިފަދަ ހާދިސާއެއްގެ ވާހަކަ އަޑުއިވިފައެއް ވެސް ނެތެވެ. ކަންތައްކުރާނޭ ގޮތެއް އެނގޭނީ އެހެންނޫންނަމަތާއެވެ.

"ލިއަމް!..." ހޭޒަލް އަދިވެސް އެއްފަހަރު ގޮވާލިއެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލުތައް ޔުސްރާއަށް ފެނުނެވެ. އޭނާ ވެސް މިހާރު ހުރީ ސީރިއަސްވެފައެވެ. އަލްމާ ގޮވައިގެން އެތަނުން ދާން ބޭނުންވެފައެވެ. ހޭޒަލްއަށް ބަލަން ހުރެފައި ޔުސްރާ ކުރިއަށް ވުރެ ކޮޓަރީގެ ދޮރާ ކައިރިވެލިއެވެ. އަދި ދޮރުގައި އަތުން ތަޅައިގަތެވެ. އަލްމާ ގާތު ދޮރުހުޅުވަން އޭނާ އެދުނެވެ. އަދި މީ އެންމެފަހު ފަހަރު ކަމާއި ދޮރުނުހުޅުވާނަމަ އޭނާ ނުކުމެގެން ދަނީ ކަމުގައި ބުންޏެވެ.

އޭގެ ވަގުތުކޮޅެއް ފަހުން ކޮޓަރީ ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. ނަމަވެސް ވެފައި ހުރި މާޔޫސްކަމުގައި އެ ދޮރުހުޅުވަން ވެސް ހޭޒަލް ބޭނުމެއްނުވިއެވެ. ދޮރު ހުޅުވާލުމާއެކު ހެމުންހެމުން އަލްމާ ނުކުތެވެ. އޭނާގެ ފަހަތުގައި ކޮޓަރިތެރޭ ދެއަތް އުރާލައިގެން ލިއަމް ހުއްޓެވެ. އޭނާގެ މޫނުގައި އެއްވެސް އަސަރެއް ނުވެއެވެ. އަލްމާ ހީވަނީ ނިކަން ހަމަޖެހިފައި ހުރި މީހަކު ހެންނެވެ.

"ޒެއްލު ހާދަ އަވަހަކަށް ތި ރުޅިއައީ؟... އަހަރެން މަޖާކޮށްލީއެއްނު" އަލްމާ އައިސް ހޭޒަލްގެ ކޮނޑުގައި އަތްލަން އުޅުނެވެ. އެހިނދު ހޭޒަލް ފަހަތަށް ދެމިގަތީ އަލްމާގެ އަތުގައި ނުޖެހުމަށެވެ. އަދި ހޭޒަލްގެ ނުރުހުމުން ފުރިފައިވި ނަޒަރު ލިއަމްއަށް ހުއްޓާލިއެވެ.

"ރުޅިއައީތަ؟... އެވަރުކަމަކާ..." އަލްމާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"ނުކުމޭ..." ކޮޓަރި ދޮރުމަތީ ހުއްޓިލުމާއެކު ހޭޒަލް ބުނީ ލިއަމްއަށެވެ. ހައިރާންވެފައި ހޭޒަލްއަށް ބަލަން ލިއަމް ހުއްޓާ އަނެއްކާ ވެސް ހޭޒަލް ބުނީ އެ ކޮޓަރިން ނުކުންނާށޭއެވެ. ލިއަމް މަޑުމަޑުން ކޮޓަރިން ނުކުތުމާއެކު ހޭޒަލް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅު ލިއެވެ. އިހުނަށްވުރެ ބޮޑަށް ލިއަމް ހާސްވިއެވެ. އޭނާ ދޮރުގައި ޖަހާލައި ހޭޒަލްއަށް ގޮވާލިއެވެ.

"ޒެއްލު ހާދަ ރުޅި ގަދައޭ ދޯ" ސިޓިންރޫމުގައި ކޮޓަރި ފެންނަ ހިސާބުގައި ހުރި އަލްމާ ބުނެލިއެވެ. ލިއަމް ބަލާލީ ފޫހިކަމުގެ ނަޒަރަކުންނެވެ. އަލްމާ ހުރީ އެއްވަރަކަށް ހިނިއައިސްފައެވެ. ޔުސްރާގެ މޫނުން ހާސްކަން ފާޅުވެއެވެ.

"އަލްމާ... ދެން ހިނގާ... ވާވަރުވެއްޖެއެއްނު" ޔުސްރާ ބުނެލިއެވެ.

"މަޑުކޮށްބަލަ..." އަލްމާ ބުންޏެވެ.

ގިނައިރެއްނުވެ ދޮރު ހުޅުވާލާފައި ހޭޒަލް ނުކުތެވެ. އޭނާ ކުރިން ލައިގެން ހުރި ހެދުން ބަދަލުކޮށް ޖިންސަކާއި ޓީޝާޓުކޮޅެއް ލައިގެން ހުއްޓެވެ. ކަނާއަތުގައި އޭނާގެ ފޯނު އޮތެވެ. ހޭޒަލް ކުރަން އުޅޭ ކަމެއް ދެނެގަތުމަށް އޭނާގެ ހަރަކާތްތަކަށް ލިއަމް ފަރުވާތެރިވެ ހުއްޓެވެ.

"އެހެރީ ދޮރު ހުޅުވާފަ... ދެން ދޭ!... ގޮސް އެކޮޓަރީގަ ދެ މީހުން ތަޅުލައިގެން އުޅޭ، އަހަރެން އުނދަގުލެއްނުކުރާނަން" ހޭޒަލް މިހެން ބުނެލުމާއެކު ހިނގައިގަތީ އެޕާޓްމެންޓަށް ވަންނަ ދޮރާ ދިމާއަށެވެ. ދެލޯ ބޮޑުވެގެންދިޔަ ލިއަމް ވަގުތުން އައިސް ހޭޒަލްގެ އަތުގައި ހިފިއެވެ.

"ކޮންތާކަށް؟..." ލިއަމް އެއްސެވެ.

"ދޫކޮށްލާ..." ހޭޒަލް ލޯ އަޅާލިއެވެ. އެހެންނަމަވެސް ލިއަމް ހުރީ ހޭޒަލްގެ އަތުން ދޫކޮށްލާ ފަދަ ގޮތަކަށްނޫނެވެ. އަތްފޮޅާލުމާއެކު ލިއަމްގެ ގައިގާ އަޅާ ހޭޒަލްއާ ދުރަށް ކޮށްޕާލިއެވެ. ނުވިސްނާހުރި ލިއަމްގެ އަތުން ހޭޒަލްގެ އަތް ނެއްޓުނެވެ.

"ޒެއްލު ބޯ ހަމަޖައްސާލަން އެދަނީ" އަލްމާ ބުންޏެވެ. އެހިނދު ލިއަމްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ ހޭޒަލްގެ އަތުގައި ހިފުމާއެކު އަލްމާއާ ދިމާއަށް އެނބުރުނެވެ.

"ކަލެއަށް ކުރެވުނު ކަންތައް މޮޅުކަމުންތަ ތިއުޅެނީ... އަހަންނާއި އަހަރެންގެ އަނބިމީހާއާ ދޭތެރެއަށް ކަލޭ ވަންނާކަށް ނުޖެހެޔޭ" ލިއަމް ފޫހިކަމާއެކު ބުނެލިއެވެ.

"ލިއަމް ވެސް ރުޅި އައީތަ؟... ކޮޓަރިއަށް ވައްދާ ކޫލްކޮށްލަންވީ ދޯ" އަލްމާ ފާޑަކަށް ހީނލިއެވެ. ލިއަމްއަށް ކެތްކުރަން އުނދަގޫވެގެން ދެފަރާތަށް ބޯހޫރާލިއެވެ. އަނެއްކޮޅުން އޭނާގެ އަތުން ވީއްލިގެން ދާން ހޭޒަލް މަސައްކަތްކުރަނީއެވެ.

"ހަމަމިހާރު ނުކުމޭ މިތަނުން... ޔުސްރާ! އޭނާ ގޮވައިގެން މިތަނުން ދާންއުޅޭ" ދަތްކުނޑިވިކާލެވުމާއެކު ލިއަމް ބުންޏެވެ. އަލްމާއަށް އަމާޒުކުރެވިފައިވާ ލިއަމްގެ ދެ ލޮލުން ވެސް ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.

އަލްމާ ވެސް ހީވަނީ ކަމަކާ ފޫހިވެފައި ހުރި ހެންނެވެ. އޭނާ ހިމޭންވެފައި މަޢުނަވީ ބެލުމަކުން ލިއަމްއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުއްޓެވެ. ޔުސްރާ އަވަސްއަވަހަށް އަލްމާގެ އަތުގައި ހިފާ ދަމާލިއެވެ. ނަމަވެސް އޭނާ ހުރި ގޮތުން ހީވަނީ އެތަނުން ދާން ބޭނުންނުވެފައި ހުރީ ހެންނެވެ. ދަމާފައި ކަހަލަ ގޮތަކަށް އަލްމާގެ އަތުގައި ހިފައިގެން ޔުސްރާ އެ އެޕާޓްމެންޓުން ނުކުމެ ދޮރު ލައްޕާލިއެވެ. އެހިނދު ހޭޒަލްގެ އަތުން ލިއަމް ދޫކޮށްލައި އޭނާއާ ކުރިމަތިލިއެވެ.

"ޒެއްލު..." ލިއަމް ގޮވާލީ މަޑުމައިތިރިކަމާއެކުއެވެ.

"ކީއްވެ ތި ފޮނުވާލީ... އޭނާ ގޮވައިގެން ކޮޓަރީގަ އޮތްނަމަ" ރުޅިވެރިކަމާއެކު ހޭޒަލް ބުނެލިއެވެ.

"ޒެއްލު!.... އަހަންނަކަށް ވެސް ނޭނގެ އޭނާ ކޯއްޗެއް ހަނދާންވެގެންކަމެއް އެގޮތަށް ކަންތައް އެކުރީ..." އަމިއްލަ ދިފާއުގަ ލިއަމް ބުންޏެވެ.

"ސަޕްރައިޒްވިލެއް ބޮޑުކަމުން ދޯ ލިއަމް ވެސް ހުރީ އޭނާ ކުރާކަމެއް ކުރަން ދީގެން" ހޭޒަލް ބުންޏެވެ.

"ޒެއްލު! ޕްލީޒް!... ނަތިންގް ހެޕެން ބިޓުވީން އަޒް..." ލިއަމް ނިކަން އަވަހަށް ބުންޏެވެ.

"ދެން އަހަރެންވީ ތިކަން ޤަބޫލުކުރަން... ކިހިނެއް؟" ހޭޒަލްގެ ވާހަކަތަކާއެކު އޭނާގެ ދެއަތް ވެސް ހަރަކާތްކުރިއެވެ.

"އޭނާ ދޮރުތަޅުގައިގެން ހުރީ ދޮރުގަ ހިފަހައްޓައިގެންނޭ..." ލިއަމް ބުންޏެވެ.

"އަހަރެން ކިހިނެއް ތިކަން ޤަބޫލުކުރާނީ، އަހަރެން ކިހާ ވަރަކަށް ގޮވިން ދޮރުހުޅުވާށޭ... ކަމެއްނުހިނގާނަމަ ވަގުތުން ދޮރުހުޅުވީސް... ކޮޓަރިއަށް ވަދެ އޭނާ ދެއްކި މަންޒަރުން ލިއަމްގެ ދެ ކަންފަތް ވެސް ބީރުވީތަ؟ އެހެންވީމަތާ އަހަރެން އެވަރަށް ހުޅުވާށޭ ގޮވިއިރު ނުހުޅުވުނީ... އައި ކާންޓް ޓޭކް ދިސް އެނީމޯ... އަލްމާ އެކަންޏެއް ނޫން ގޯހީ... ލިއަމް ވެސް ބޭނުންވެގެން ދޮރުނުހުޅުވާ ހުރީ... އަހަރެން މިތާ ހުރުމުގެ ބޭނުމެއްނެތް... އަލްމާ ހުރިއްޔާ ލިއަމްއަށް ނުވާނެކަމެއް ނޯންނާނެ... މިއަދު އޭނާ އެ ދިޔައީ އަހަންނަށް ވަރަށް ބޮޑު އެއްޗެއް ބުނެދީފަ" ހޭޒަލް ބުންޏެވެ.

"ޒެއްލު... ކޮޓަރީގަ އެއްވެސް ކަމެއް ނުހިނގައޭ... ބިލީވް މީ ޕްލީޒް... އޭނާ ބުނީ ޒެއްލު ހާސްކޮށްލަންށޭ މިއުޅެނީ... އަހަރެން ވެސް ހާދަވަރަކަށް ބުނީމޭ ދޮރުހުޅުވާށޭ" ލިއަމް ހީވަނީ ގޮތް ހުސްވެފައިވާ މީހަކު ހެންނެވެ. އޭނާ ހޭޒަލްއާ ގާތަށް ފިޔަވަޅެއް އަޅާލާއިރަށް ހޭޒަލް އޭނާއާ ދުރަށް ދެއެވެ.

"އައި ކާންޓް... ނޯ!... އައި ވޯންޓް ބިލީވް ދެޓް ޝިޓް... ލިއަމްއަށް އަހަރެން އުފުލާލެވޭއިރު އެ އަންހެނާ ދުރުކޮށްލާނޭ ބާރު ވެސް ނެތީ... ލިއަމް ބޭނުންނަމަ އެންމެ އަތަކުން ވެސް އޭނާ ފޮޅާލެވުނީސް، ކީއްވެ އެހެންނުވީ؟ ނޫނީ އެކްސައިޓްމެންޓުގަ ދެމީހުން ވެސް ހަނދާންނެތުނީތަ ދޮރުގެ އަނެއްކޮޅުގަ އަހަރެން ހުރިކަން" ހޭޒަލްއަށް ދަތްކުނޑިވިކާލެވުނެވެ. އަދި ހަލުވިކޮށް އެނބުރިލާ އެޕާޓްމެންޓުން ނުކުތުމަށް ދޮރު ހުޅުވާލިއެވެ.

"ޒެއްލު!...." ލިއަމް ނިކަން ބާރަށް ގޮވާލުމާއެކު ހޭޒަލްގެ ފަހަތުން އަންނަން އުޅުނެވެ.

"އަހަރެން ނެތީމައެއްނު ލިއަމްއަށް އެ އަންހެނާ ގޮވައިގެން މިތާ އޮވެވޭނީ... މިކޮޅަށް ނާދެވުނުނަމައޭ ހިތަށް އަރާ، އޭރުން ކަލޭމެން ދެ މީހުން ތިގަންނަ ގަނޑެއް ނުފެނުނީހެންނު... ހީވަނީ ހިތާވެގެން ގޮސް..." ހޭޒަލްގެ އަރު ބެދޭގޮތްވިއެވެ. ލިއަމް ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ. އޭނާ ހޭޒަލް ހުއްޓުވަން ކުރިއަށް ޖެހިލުމާއެކު ހޭޒަލް ހަޅޭލަވައިގަތެވެ.

"ތި އިތުރަށް އަހަންނަށް އޮޅުވާލާ ދޮގުތަކެއް ހަދަން ނޫޅެބަލަ" ހޭޒަލް ވެސް ހަޅޭލަވައިގަތެވެ.

"އަހަރެން ކޮން..." ލިއަމް ބުނަން އުޅުނު އެއްޗެއް ފުރިހަމައަށް ނުކުރެވުނެވެ. ލިއަމްގެ އަނގަމަތީ ޖަހަން ހޭޒަލް ބޭނުންވެ އަތްމަޅާލިއެވެ. ނަމަވެސް އޭނާގެ އެހާ ހިތްވަރެއްނެތެވެ. ސިކުނޑި ފަޅައިގެންދަނީހެން ހޭޒަލްއަށް ހީވިއެވެ. އެއާއެކު އަތުގައި އޮތް ފޯނު ދޮރުމަތީ ހުރެފައި ލިއަމްގެ ފުރަގަހުގައި ހުރި ފާރާ ދިމާއަށް ހޭޒަލް ހޫރާލިއެވެ. ސިހިފައި ލިއަމްއަށް ވެސް އެއްފަރާތަށް ޖެހިލެވުމާއެކު އަތްހިއްލާލެވުނީ ދިފާއުގައެވެ. ހަމައެވަގުތު ފާރުގަޖެހި ހޭޒަލްގެ އައިފޯނު ފުނޑުފުނޑުވެގެން ފޭބިއަޑު އިވުނެވެ. އެއިން ކަމަކަށް ސަމާލުކަމެއް ނުދީ ހޭޒަލް އެޕާޓްމެންޓްއިން ނުކުމެ ދުއްވައިގަތެވެ. ލިއަމް ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަދެ އޭނާގެ ތަޅުދަނޑި ފައްޗާއި ފޯނު ހިފައިގެން ނުކުމެ އެޕާޓްމެންޓް ތަޅުލާފައި ހޭޒަލް ހޯދުމަށް ދިޔައެވެ.

ދެވޭ ދިމާއެއް ނޭނގި ދުވަމުން އައި ހޭޒަލް މަޑުކޮށްލީ ދިމާކުރިމަތިން ބަންދުވެފައިވާ ތަން ފެނިއެވެ. ތިރިފާރުބުރިއަކާއި ފެންސުޖަހާ ބަންދުކޮށްފައިވާ އެތަނަކީ ކޮންތަނެއްކަމެއް ވެސް ހޭޒަލްއަކަށް ނޭނގެއެވެ. ދެފަރާތުން ފެންނަނީ ދިއްގާ ގަސްތަކާއި ދިގުކޮށް ހެދިފައި ހުރި ވިނަތަނެވެ. ފާރުކައިރިން ދެ ކޮޅަށް ދެވޭ ގޮތަށް ހިމަހިމަ މަގެއް ހެދިފައި އޮތެވެ. މީހުން ހިނގާބިނގާވެ އުޅޭލެއް ގިނަވުމުގެ ސަބަބުން އޭގެ އަމިއްލަ ޒާތުގައި ހެދިފައި އޮތް މަގެއްކަން ބަލާލުމުން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ފެންސުގެ ނަރުތަކުގައި ދެއަތުގެ އިނގިލިތައް އަޅުވާލެވުމާއެކު ހޭޒަލްގެ ބޯ ގެނެސް ޖައްސާލެވުނެވެ. އޭރު އޭނާއަށް ރޮވެނީއެވެ. އެ ރަށުގައި އޭނާއަކީ ބީރައްޓެއްސެކެވެ. ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. ސިކުނޑީގައި ތަކުރާރުވަމުންދިޔައީ ކޮޓަރީގައި އަލްމާއާއި ލިއަމްގެ ޢަމަލުތައް ހުރި ގޮތެއް ނޭނގި އުފެދުނު ސުވާލުތަކެވެ. އަލްމާ އެފަދަ ކަންކަން އެކުރަނީ ކީއްވެބާއެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް ހޭޒަލްގެ ހިތް ރޮމުންދިޔައީ އަލްމާގެ ޢަމަލުތައް ލިއަމް ނުހުއްޓުވީމައެވެ. އޭނާގެ ފުރަތަމަ ގޮވާލުމުން ވެސް ލިއަމް ވަގުތުން އެކޮޓަރިން ނުކުންނަން ޖެހޭނެކަމުގައި ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އެ ދެ މީހުން ވެސް ކޮޓަރިން ނުކުތީ ހޭޒަލް ގޮވާތާ އެތައް އިރެއްވީފަހުންނެވެ. ރޮވެމުންދިޔަ ހޭޒަލްއަށް ސިހުމެއް ލިބުނީ ފަހަތުން ލިއަމް ގޮވާލި އަޑު އިވިފައެވެ. އޭނާ އެ ހުރީ ހޭޒަލްއާ ވަރަށް ގާތުގައިކަން އެނގެއެވެ. ހަޅޭލަވައިގަނެ ޒުވާބުކުރަން ހޭޒަލް ބޭނުންވިއެވެ. ނަމަވެސް މިވަގުތު އޭނާ އެހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ލޯ ކުރިމަތީ ހިލޭ އަންހެނަކާއެކު ކޮޓަރިއެއްގެ ތެރޭ އަމިއްލަ ފިރިމީހާ އުޅުނު ގޮތާމެދު ސުވާލު އުފެދުމުން، އަނބިމީހާގެ ހިތަށް ވާނޭ ގޮތް ތަސައްވުރު ވެސް ނުކުރެވޭނެއެވެ. އަނތްބެއްގެ ފޭރާމަކީ އޭނާގެ ފިރިމީހާއެވެ. އެ ފޭރާން ހިލޭ އަންހެނެއްގެ ދެއަތުން ވީދާލުމުގެ ޢިޒްނަ ދޭނީ އަނބިމީހާގެ އިއްފަތްތެރިކަން ކަޝްފުވާން އެދޭ ފިރިއެކެވެ. އެފަދަ ފިރިއަކަށް އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ. އެފަދަ ފިރިއެއްގެ ކުރިމަތީ އަނބިމީހާގެ އެއްވެސް އަގެއް ނޯންނާނޭކަން ޔަގީނެވެ.

"ޕްލީޒް ޒެއްލު!... އަހަރެމެން ދެމެދުގަ އެއްވެސް ކަމެއް ނުހިނގައޭ، އަހަންނަކަށް ނޭނގެ އެމީހުން އަންނަން އުޅޭކަމެއް ވެސް، ސީރިއަސްކޮށް ވެސް އަހަރެން ހުރީ ވާނުވާނޭނގިފަ އޭނާ އަހަރެން ކޮޓަރިއަށް ކޮއްޕާލީމަ، އަހަރެން ބުނީމޭ ދޮރުހުޅުވާށޭ" ލިއަމް ހީވަނީ އޭނާގެ ބަސް ޤަބޫލުކުރާށޭ ބުނެ އާދޭސްކުރާ ހެންނެވެ.

"ލިއަމް ބޭނުންނަމަ ދޮރުހުޅުވުނީސް.... އަހަރެންމީ ނުވިސްނޭ ގަމާރެއްކަމައްތަ ހީކުރަނީ، އެވަގުތު އަހަރެން ކޮޓަރީގަ ހުރިނަމަ އޭނާ ފޮޅުވާލަވިޔަސް އަހަރެން ބަލާނަން ދޮރުހުޅުވޭތޯ" ހޭޒަލް ބުންޏެވެ. އޭނާ ފަސްއެނބުރި ލިއަމްއަށް ބަލާލަން ވެސް ބޭނުންނުވާ ކަހަލައެވެ.

"ޒެއްލު!... އަހަރެން... އަހަރެން އޭނާ ގައިގަ އަތްލަން ބޭނުންނުވީ، އޭނާ ހީވަނީ އެގޮތް ބޭނުންވެގެން އުޅޭހެން... އެ ފުރުޞަތުދޭން އަހަރެން ބޭނުންނުވީ، އޭނާ ގައިގަ އަތްލާތަނުން އަހަރެންގެ ގައިގަ ހިފައިގަނެދާނޭ ހީވީ... އައި ޑޯންޓް ވޯންޓް ދެޓް.... އޭނާ ގައިގަ އުނގުޅޭން ކާކުތަ ބޭނުންވާނީ... އޭނާ ގަސްދުގަ މިސްއަންޑަސްޓޭންޑިންއެއް ކްރިއޭޓްކުރީ... އޭނާއަށް މި ލިއަމްއެއް ނުލިބޭނެ ދުވަހަކުވެސް، ލިއަމްއަކީ ޒެއްލުގެ މީހެކޭ... ޒެއްލުގެ ޓްރަސްޓް ބްރޭކްވާވަރުކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަން، މީ އޭނާ ބޭނުންވިގޮތް... އޭނާ ބޭނުންވަނީ ކަންނޭނގެ ޒެއްލު އަހަންނަށް ޝައްކުކުރަން... އޭނާއާއި އަހަންނާ ދެމެދު ކަމެއް އޮތްހެން ދައްކަން... ޒެއްލު!... ޕްލީޒް ބިލީވްމީ... އަހަރެން ދޮރުނުހުޅުވަން ހުރީކީނޫން... އައި ސްވެއާ... އަހަރެން އޭނާގެ ގައިގަ އަތްލަން ބޭނުންނުވީ... އޭނާ ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ހުރީ އަހަރެންނަށް ހުރަސް އަޅަންވެގެން، އެ ދޮރުހުޅުވަން އުޅެފިނަމަ އޭނާ ކުރާނޭކަމެއް ވެސް ނޭނގެ... އޭނާގެ ކަމެއްނޫން ޒެއްލުއަށް ދައްކަންވެގެން އަހަރެން ދޮރުހުޅުވާ ވަގުތު އަހަރެންގެ ގައިގާ ހިފައިގަނެގެން ހުންނާކަށް ވެސް... އެމަންޒަރު ފެނުމުން އަދިމާ ބޮޑަށް ޝައްކުވާނެކަން އެނގޭ... އެފުރުޞަތު އެ އަންހެނާއަށް ދޭކަށް ބޭނުމެއްނޫން، އޭނާއާ ހެދި ނުހޮރޮއްޕާނަކަށްވެއްޖެ.... އަހަރެން ޝިޔާނު ގާތު ބުނާނަން، ޒެއްލު ބޭނުމިއްޔާ އޭނާގެ ކުރިމަތީގަ ވެސް މިވާހަކަދައްކަފާނަން، އޭނާ އެއުޅެނީ ހޭބަލިވެގެން... އަހަންނަށް އަހަރެންގެ އަނބިމީހާ ފުދޭ... އޭނާނޫން މީހެއްދެކެ އަހަރެން ދުވަހަކުވެސް ލޯތްބެއްނުވަން، ނުވެސް ވާނެ، އަހަރެންގެ އަނބިމީހާއާ އެގޮތަށް ކުޅެން އުޅެންޏާ އަހަރެން ވެސް މަޑަކުން ނުހުންނާނަން... އޭނާގެ ކަންތައް މިހާރު އެދިޔައީ މާ މައްޗަށް" ލިއަމް އައިސް ހޭޒަލްގެ ފުރަގަހުން އޭނާގެ ދެކޮނޑުގައި އަތްތިލަ ބައްވާލިއެވެ. ނަމަވެސް ހޭޒަލް އެ ހުރި ގޮތަށް ހުރީއެވެ. ފެންސުގައި އަޅުވާލެވިފައިވާ ދެއަތްތިލަގަ ނިތްކުރި ޖައްސާލައިގެން އިސްޖެހިފައެވެ. އޭނާގެ ކޯތާފަތުން ކަރުނައިގެ ރޮނގު ދެމި މޫނުގެ ކޮޅުން ތިއްކަކަށްފަހު ތިއްކެއް ވެއްޓި ފަސްގަނޑުގެ ތެރެއަށް އޮބެމުންދިޔައެވެ.

"އައި އޭމް ޑިސެޕޮއިންޓެޑް... އަލްމާއާ ދިމާއަށް އެއްޗެކޭ ބުނަންވީ ކީއްކުރަން؟... ފުރަތަމަ ދުވަހުވެސް އޭނާ ހުއްޓުވުމަށް ލިއަމްއަށް އެއްވެސް ކަމެއް ނުކުރެވުނު... ދި އިޒް ޔޯ ފޯލްޓް... އަހަރެން ޝަކުވާކުރާނީ އަލްމާއަކާނޫން... އަހަރެންގެ ފިރިމީހާއަށް އޭނާއަކީ މީހެއްގެ ފިރިއެއްކަން ނޭނގުނީ، އޭނާއަށް ހިލޭ އަންހެނަކު ނުހުއްޓުވުނު..." ހޭޒަލް ބައްދަމުން އައި ދެތުންފަތް ފޫއަޅުވާލައި ގިސްގެ އަޑު ނުކުތެވެ.

(ނުނިމޭ)