ހަބަރު

ކުރީގެ ރައީސުން އެހެން މަގާމެއް ފުރާނަމަ އެއް އިނާޔަތް ނަގަން ހުޅަހަޅައިފި

ރައީސް ކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް އަދާ ކުރައްވާއިރު، ކުރީގެ ރައީސުންނާއި ދައުލަތުގެ ބަޖެޓުން ދޭ އިނާޔަތުގެ ފައިސާ އާއި މަގާމުގެ މުސާރައިގެ ފައިސާގެ ތެރެއިން ކޮންމެ ވެސް އެއް އިނާޔަތެއް ނަގަން އިހުތިޔާރު ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި އެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތުގެ ގާނޫނަށް ގެނައި އިސްލާހު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އެވެ.

މިއަދުގެ ކޮމިޓީގައި އީސަ ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް އަދާ ކުރައްވާނަމަ، ރައީސް ކަން ކުރެއްވުމުން ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާ އާއި، މަގާމުގެ މުސާރައިގެ ފައިސާ ލިބިވަޑައިގެން ނުވާނެ ކަމަށެވެ. އެހެންވެ އެ ދެ އިނާޔަތުގެ ފައިސާގެ ތެރެއިން ކޮންމެ ވެސް އެއް އިނާޔަތެއް އިހުތިޔާރު ކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން އޭނާ ހުށަހެޅުއްވި އެވެ.

"ރައީސް ނަޝީދު ވެސް މިހާރު އެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް. އެ ހާލަތެއްގައި ނަމަ އިހުތިޔާރު ދޭންވީ ނަންގަވާނީ ކުރީގެ ރައީސްގެ އިނާޔަތްތޯ ނޫނީ މަޖިލީހުގެ ރައީސްގެ މުސާރަތޯ. ރައީސް ނަޝީދު މިހާރު ވެސް ދެ އިނާޔަތެއް ނުނަންގަވާ، ނަމަވެސް ކޮންމެ ބޭފުޅަކު އެ ގޮތަށް އަމަލު ކުރާނެ ކަމަށް ބަލައިގެން ގާނޫނު މިހެން ބާއްވައިގެން ނުވާނެ،" އީސަ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ނުނަންގަވަން ނިންމައިފަ އެވެ. އެއީ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތުން އެމަނިކުފާނަށް 73،000 ރުފިޔާ ލިބިވަޑައިގަންނަވާތީ އެވެ. ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 175،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

އީސަގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އެއް ބޭފުޅަކަށް ދައުލަތުން ދެ އިނާޔަތެއްގެ ފައިސާ ދިނުމަކީ ދައުލަތުގެ ހަރަދު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ގިނަ މެންބަރުން ވެސް ބޭނުން ވަނީ ދައުލަތަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެ ކަމުގައި ހިޔާލު ތަފާތެވެ. އެ ކޮމިޓީގައި އޭނާ ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ވަޑައިގަތުމަކީ އެ ބޭފުޅެއްގެ ގާބިލު ކަމުން ކުރެވޭ ކަމެއް ކަމަށެވެ. ރައީސް ކަމަށް ވަޑައިގަނެވޭނީ ވެސް ފަހުން މަޖިލީހަށް ވަޑައިގަނެވޭނީ ވެސް ރައްޔިތުންގެ ތާއީދުން ކަމަށާއި އެހެން ކަމުން އެއްވެސް އިނާޔަތެއް ކެނޑޭ ގޮތަށް އޮތުން އެންމެ ރަނގަޅު ނޫން ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުއްވުމަށް ވޯޓަކަށް ނާހަ އެވެ. ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެ މައްސަލާގައި މެންބަރުންގެ ހިޔާލު ތަފާތުވުމުން، ހިޔާލު އެއް ގޮތަށް ކުރުމަށް އިތުރަށް މަޝްވަރާ ކުރައްވަން އިތުރު ބައްދަލުވުމެއް ބާއްވަނީ ކަމަށެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ، ކުރިން ރައީސްކަން ކުރި މީހަކު އޭނާ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ އެ ވަގުތުން ފެށިގެން ލިބިދޭ ރައްކާތެރި ކަމާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނާ މާއްދާގައި އެ އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ވެސް ހިނގާ ގޮތަށް އޮންނަ ބައި އުނި ކުރުމަށެވެ.