ހަބަރު

ދެ ބިދޭސީން ޑިޕޯޓް ކުރުން: އިމިގްރޭޝަންގެ ވެރިން ކޮމިޓީއަށް

ގަވައިދާ ހިލާފަށް ބިދޭސީން ރާއްޖެއަށް އެތެރެކޮށް ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އިސްކޮށް އުޅުނު ދެ ބިދޭސީއަކު ޑިޕޯޓް ކޮށްލި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދު ކުރަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑީޕޯޓް ކުރީ ބަންގްލަދޭޝްގެ ދެ މީހެކެވެ. އެއީ ޝަފީގުލް އިސްލާމް ނަމަކަށް ކިޔާ މީހަކާއި އަބޫ ހަނީފް ނަމަކަށް ކިޔާ މީހެކެވެ.

އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ. އޭނާ ވިދާޅުވީ އެ ދެ ބިދޭސީންނަކީ ވެސް ޖިނާއީ ތުހުމަތެއް ކުރެވޭ ދެ މީހަކަށްވާއިރު، އެ ދެ މީހުން ޑިޕޯޓް ކުރި މައްސަލައަކީ ކޮމިޓީން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

އުޝާމްގެ ހުށަހެޅުއްވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށާއި ތަހުގީގު ނުކޮށް ދެ ބިދޭސީން ޑީޕޯޓް ކުރި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

އިމިގްރޭޝަނުން ޑިޕޯޓް ކުރި ދެ މީހުންނަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތު ވެސް ކުރެވޭ ދެ މީހުންނެވެ. އެއްވެސް ތަހުގީގެއް ނުކޮށް ދެ ބިދޭސީން ޑިޕޯޓް ކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އަދި އެ ގޮތަށް އަމަލު ކުރުމުން އެފަދަ ކަންކަން ކުރަން އިތުރު ބިދޭސީންނަށް ހިތްވަރު ލިބޭ ކަމަށް ބައެއް މީހުން ބުންޏެވެ.