ކުޅިވަރު

ޓްރައޯރޭގެ ލަނޑުތަކުން ވޯލްވްސްއިން ސިޓީ ބަލިކޮށްފި

އެޑަމާ ޓްރައޯރޭ ކާމިޔާބު ކުރި ދެ ލަނޑުން ވޯލްވާ ހެމްޓަން ވޮންޑާސް (ވޯލްވްސް) އިން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0 ން ބަލި ކޮށްފި އެވެ.

ޓްރައޯރޭ ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު 10 މިނެޓުގައެވެ. ސިޓީ ވީ ބައްޔާއެކު އެ ޓީމު އޮންނަން ޖެހުނީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އަށް ޕޮއިންޓް ފަހަތުން ދެ ވަނައިގަ އެވެ. އެޑަމާ ޓްރައޯރޭ ވޯލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގައި ރައުލް ހިމެނޭޒު ދިން ބޯޅަ އަކުންނެވެ. ހިމެނޭޒު ބޯޅަ ދިނީ އޭނާ އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް ހުރަސް އަޅަން ސިޓީގެ ދެ ޑިފެންޑަރުން ތިބުމުންނެވެ. ހިމެނޭޒު ދިން ބޯޅަ އާއެކު ޓްރައޯރާ މުޅިން ހުސްވި އެވެ. އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ އިތުބާރާއެކު ގޯލްގެ ދަނޑި ކައިރިން ތިރީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެ ވަނަ ލަނޑަކީވެސް ހިމެނޭޒު ދިން ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ތިން ވަނަ މިނެޓްގައި ހިމެނޭޒު ދިން ބޯޅަ ހިފައިގެން ޓްރައޯރޭ އެރީ ހުސްކޮށެވެ. އޭނާ ހުއްޓުވަން ސިޓީގެ ޑިފެންޑަރަށް ދުވަން ޖެހުނީ އޭނާގެ ފަހަތުން ނެވެ. ނަމަވެސް ޓްރައޯރޭ ހުއްޓުވޭ ގޮތެއް ނުވި އެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލަން އުޅުނު ބޯޅައަށް، ސިޓީގެ ކީޕަރު އެންޑަސަން ކުރިއަށް ނުކުމެ ހުރަސް އަޅަން އުޅުނު ނަމަވެސް އޭނާ ކުރެވޭނެ ކަމެއް ނެތެވެ.

ސިޓީ ބަލިވުމުގެ ފައިދާ އާސެނަލްވެސް ނެގި އެވެ. ބޯން މައުތު އަތުން 1-0 މޮޅުވެ، އާސެނަލް ވަނީ ތިން ވަނައިގައި ސިޓީއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. އާސެނަލްގެ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ. ސައުތުހެމްޓަންގެ މައްޗަށް 4-1 ން މޮޅުވެ ޗެލްސީ ވެސް ވަނީ ގަދަ ހަތަރަކަށް ވަނުމުގެ އުންމިދު ދަމަހައްޓާފަ އެވެ. މިހާރު ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ޗެލްސީއަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ.


ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ ޓަމީ އަބްރަހަމް، މޭސަން މައުން، އެންގޯލާން ކަންޓޭ އަދި މީޝީ ބަޓްޝުއާއި އެވެ. ސައުތުހެމްޓްގެ ލަނޑު ކާމިޔާބު ކުރީ ޑެނީ އިންގްސް އެވެ.