މުހައްމަދު ވަހީދު އިބްރާހިމް

ލޯޔަރު ވައްޑެ، ޖުމްހޫރީ ޕާޓީއާ ގުޅިއްޖެ

ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރެއްވި، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި އެވެ.

ކުރީގެ މެންބަރު ވަހީދު، ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވަނީ މިރޭ ޖޭޕީގެ ހެޑްކްއާޓަރު މާފަންނު ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ޕާޓީގެ މެންބަރުޝިޕް ފޯމް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ހަވާލު ކޮށްފައެވެ.

ވަހީދާއެކު، އޭނާ ކުރިން ނިސްބަތްވި ތުލުސްދޫ ދާއިރާގެ 300 މީހަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ ފޯމްތައްވެސް ގާސިމާ ހަވާލުކޮށްފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގާސިމް އިބްރާހަކީ ގައުމުގެ ވެރިކަން ކުރަން އެންމެ ރަނގަޅު ލީޑަރު ކަމަށެވެ. އަދި ޖޭޕީގެ ޓީމާއެކު އޭނާވެސް މަސައްކަތް ކުރައްވާނީ އެ މަގުން ކަމަށް ވިދާޅުވިއެވެ.

ވަހީދަކީ ކުރިން ރައީސް މައުމޫންގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މައުމޫންގެ އިސްލާހީ ހަރަކާތް އެމްއާރުއެމްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ ވަހީދެވެ. ނަމަވެސް އެމްއާރުއެމް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށުމާއެކު ވަހީދު ވަނީ ރައީސް މައުމޫންގެ އަރިހުން ގެއްލިފައެވެ. އަދި ފަހުން އޭނާ ވަނީ އެމްއާރުއެމާ އެއްވެސް ގުޅުމެއް ނެތްކަމަށާ އެޕާޓީއާއި ގުޅިވަޑައިވެސް ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ލޯޔަރު ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާއިރު، 18ވަނަ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން މިފަހުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެެ.