ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މައާފު ކުރައްވާފައިވާ ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަހީދު މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ފަހު މިރޭ ދެއްކެވި ވާހަކަފުޅު ގައެވެ. - ލޯޔަރު ވަހީދު 18ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓެއް ގައެވެ. ނަމަވެސް ރައީސް މައުމޫނާއި، ރައީސް ޔާމީންގެ ގުޅުން ގޯސްވި ދަނޑިވަޅުގައި، މައުމޫނާއެކު މަސައްކަތް ކުރައްވަން ފެއްޓެވުން އޭނާ ވަނީ ޕީޕީއެމްގެ ވަކިކޮށްފައެވެ. ފަހުން ވަހީދު ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކޮށްފައެވެ. -
ރައީސް ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ބާރަ މެންބަރުންގެ ތެރޭގައިވެސް ވަހީދު ހިމެނި ވަޑައިގަންނަވައެވެ. ވަހީދު މަޖިލީހުގެ އިދާރާއަށް ވަދެ ވަޑައިގެންނެވުމުން ހުއްދަ ނެތް ތާކަށް ވެންނެވި ކަމަށް ބުނެ އޭނާ ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައިވެސް ވަނީ ބަންދު ކުރައްވާފައެވެ.
ވަހީދު ވަނީ އެ ހަނދާންތައް މިރޭ އައު ކުރައްވާފައެވެ. ނަމަވެސް ވިދާޅުވީ އެއްވެސް މީހަކާމެދު ހަސަދަވެރިކަމެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. އަދި ހަސަދަ ވެރިކަމުގެ ނުބައިކަން ވަނީ ބަޔާންކޮށް ދީފައެވެ. އެއަށްފަހު ވިދާޅުވީ އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަމުގައި ނަމަވެސް، އަދި އެކަމަށް ރައީސް ޔާމީން އޭނާގެ ކިބައިން މައާފަށް އެދިވަޑައިގެންފައި ނުވި ނަމަވެސް މައާފު ކުރައްވާފައިވާ ކަމަށެވެ.
"އެންމެ އަނިޔާކުރި ރައީސް ޔާމީން ކަމަށްވީއިރުވެސް، އަޅުގަނޑު ދަންނަވާނީ އެމަނިކުފާނު އަޅުގަނޑުގެ ކިބައިން މައާފަށް ނޭދުނުކަމަށް ވީނަމަވެސް އަޅުގަނޑު އެމަނިކުފާނަށް މައާފުކޮށްފިން. އަޅުގަނޑުގެ ހިތުގައި އެއްވެސް ހަސަދަވެރިކަމެއް ނެތް." ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން މިރޭ ނިންމެވި ނިންމެވުމަކީ މާޒީ ހަނދާން ނައްތާލުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މިއަދު ޖުމްހޫރީ ޕާޓީގައި ކުރީ ސަރުކާރަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް ތިއްބެވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނާއެކު ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ އެއްވެސް ހިތް ނުސާފުކަމެއް ނެތޭ.. އަޅުގަނޑުމެން މި ތިބީ އެކުގައި ކުރިއަށްދާށޭ." ވަހީދު ވިދާޅުވިއެވެ.