އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހިމަނާފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަންނަން ފާސްކޮށްފި އެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައަޅާފައިވާ ހިނދު، އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ކީރިތި ޤުރްއާންގައިވާ އާޔަތްތަކުގައިވާ ކަންކަމަށް ދެކޮޅު ހަދައި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެ ރިޕޯޓްގައި ހަރުކަށި ވިސްނުމަށް ބާރު އަޅާ ކަންކަން ތައުލީމީ ނިޒާމުގައި ހިމެނޭ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤުރްއާންގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ހިމަނާފައިވެ އެވެ.
މެންބަރު ނަޝީދު ވިދާޅުވީ 2016 ވަނަ އަހަރު އެންމެ ފުރަތަމަ އެ ރިޕޯޓް ނެރުނުއިރު އޮތީ އެންމެ 25 ސަފްހާ ކަމަށާއި ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބަށްފަހު ނެރުނުއިރު ރިޕޯޓްގައި 100 އަށްވުރެ ގިނަ ސަފްހާ އެބަ އޮތް ކަމަށެވެ. އެއީ ސީދާ ލާދިނީ ފިކުރުގެ ބައެއް ކަމަށާއި އެފަދަ މީހުނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު އެ ރިޕޯޓްގެ މައްސަލަ މި އަހަރު ފެންމަތިވެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ގެންދަނީ އެ ޖަމިއްޔާ އުވާލުވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.