އަހުމަދު ޝިޔާމް

އެމްޑީއެންއަށް ފިޔަވަޅު އަޅާކަށް ނުކުރޭނެ: ޝިޔާމް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތައް ހިމެނި މައްސަލާގައި އެ ޖަމިއްޔާއަށް އެކަށީގެންވާ ފިޔަވަޅެއް އަޅަން މިހާރުގެ ސަރުކާރަށް ނުކުރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ޖަމިއްޔާގެ މަގްސަދަކީ އިސްލާމް ދީނާ މާ ބީރައްޓެހި ފިކުރުތަކެއް ފެތުރުން ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާ މިހާރުން މިހާރަށް އުވާލައި، އެ ޖަމިއްޔާގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރަށާއި ފުލުހުންގެ މުއައްސަސާއަށް އެ މައްސަލަ ބަލައި އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން ނުކުރޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެ ގޮތުން ރައީސް އޮފީހާއި ބައެއް މުއައްސަސާތަކުގެ މަގާމުތަކުގައި އެ ޖަމިއްޔާގެ ބައެއް ބޭފުޅުންނާއި އާއިލާ މީހުން ތިބި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ބޭފުޅުންނާއި ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މި ސަރުކާރުގެ އިސް މަގާމުތައް، ރައީސް އޮފީހުންނާއި އެހެނިހެން މުއައްސަސާތަކުން ވެސް ބޮޑެތި މަގާމުތައް ދީ އެ ޖަމިއްޔާގެ އިސްވެރިންނާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ތަން. މި ބޭފުޅުންގެ ފިކުރުތައް އަޅުގަނޑުމެންގެ ޅަދަރިންގެ ތައުލީމީ މަންހަޖު ތެރެއަށް ގެނައުމަށްޓަކައި މަސައްކަތްތައް ކުރާ ތަން ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ޔޫތް މިނިސްޓްރީއާއި ކަމާ ބެހޭ މިނިސްޓްރީތަކުން ވެސް މައްސަލާގައި އެދެވޭ ފިޔަވަޅެއް އެޅިގެންދާ މަންޒަރު ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ފުލުހުންގެ މުއައްސަސާގެ ބައެއް އިސްވެރިން ތިބީ އެމްޑީއެންއާ ގުޅިގެން ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާކަށް ނުކުރޭނެ ކަމަށެވެ.

"ކިހިނެއްތޯ ފުލުހުންގެ މުއައްސަސާއިން މި މައްސަލަ ބަލާނީ. ފުލުހުންގެ މުއައްސަސާގެ އިސްވެރިން މި ކަމާ ގުޅިފައި ތިބި ކަމަށް ބެލެވޭ ހިނދު. ކީއްވެގެންތޯ މި މައްސަލަ ބެލުމަށް ވަކި ކޮމިޝަނެއް އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގެން އުޅުއްވަނީ. މި ކަމަށް ކޮމިޝަނެއް ހަދަން ވެސް ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.