ރައްޔިތުންގެ މަޖިލިސް

އެމްޑީއެންއާ ގުޅޭ ދެވަނަ މައްސަލަ ބަލައެއް ނުގަތް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނިފައިވާތީވެ އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ކުއްލި މައްސަލައެއް ހުށަހެޅި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނުމުން ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލާގައި ބަހުސް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ބަހުސް ކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅުވައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވަނީ، އެމްޑީއެންގެ ރިޕޯޓަކީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ވާއިރު، އޭރު އެމްޑީއެންގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވުމުން އެ ބޭފުޅުން ވަކި ކުރުމަށެވެ.

ޝިޔާމް އެ ކުއްލި މައްސަލަ ހުށަހެޅުއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ޝިޔާމް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ އެ ދައުރެއްގައި ބަހުސް ކޮށްފައިވަ މައްސަލައެއް އަލުން އުފަން ކުރުމަށް މައްސަލައެއް ހުށަނޭޅޭނެ ކަން ގަވާއިދުގައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން އެ މައްސަލާގައި ބަހުސް ކުރުމާ މެދު މެންބަރުން ގޮތެއް ނިންމުމަށް ވޯޓަކަށް ދާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކުއްލި މައްސަލައަކީ ގަވާއިދާ ހިލާފަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް މެންބަރަކަށް ފެނިވަޑައިގަންނަވާނަމަ އެ ގޮތުގެ މަތިން ވޯޓު ދެވޭނެ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ މެންބަރުން ބަހުސް ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރީ އެ މައްސަލާގައި ބަހުސް ނުކޮށް ބޭރު ކޮށްލުމަށެވެ. މައްސަލައަށް ބަހުސް ކުރުމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެ ރިޕޯޓްގައި ހަރުކަށި ވިސްނުމަށް ބާރު އަޅާ ކަންކަން ތައުލީމީ ނިޒާމުގައި ހިމެނޭ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤުރްއާންގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ވެސް ހިމަނާފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވިއިރު، އެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ނޫޝިން ވަހީދު ގެންދަވަނީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އެމްޑީއެން އިން އޭނާ އިސްތިއުފާ ދެއްވީ ވެސް އެ ޖަމިއްޔާގެ ރިޕޯޓްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވެފައިވާއިރު، އެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އިއްޔެ ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް ސޯލިހު ވަނީ އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.