ކުޅިވަރު

އިންޓަ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

އިޓަލިއަން ލީގްގައި މިހާރު އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ، ޔުވެންޓަސް އާއި އިންޓަމިލާން ކުޅުނު މެޗު 2-1 ކާމިޔާބު ކޮށް ޔުވެންޓަސް ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ރޭގެ މެޗާ ހަމައަށް އިންޓައިން ލީގްގައި ކުރިއަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅު ވަމުންނެވެ. އެހެންވެ އިންޓައިން ދިޔައީ ލީޑްގައި ހިފަހައްޓަމުންނެވެ. މިދިޔަ އަހަރުގެ ރަނަރަފް ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން ޔުވެންޓަސްގެ ރޭހަށް މަޑު ޖެހުމެއް އައިސް، ރޭ ގެ މެޗު ކާމިޔާބު ކޮށް ޔުވެންޓަސްއިން އެއް ވަނަ މަގާމަށް ޖެހިލީ އެއް ޕޮއިންޓްގެ ފަރަގަކާއެކު އެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޔުވެންޓަސްއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޕައުލޯ ޑިބާލާ އެވެ. އޭގެ ފަހުން 18 ވަނަ މިނެޓްގައި އިންޓައަށް ލިބުނު ޕެނަލްޓީ އަކުން ލާޓޫރޯ މާޓިނޭޒް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޔުވެންޓަސް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންޒާލޯ ހިގުއައިންނެވެ. އޭޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން އިންޓައިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް. ޔުވެންޓަސްގެ ކީޕަރު ވޮއިޖެކް ތޯމަޒް ޝެޒްނީ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ޔުވެންޓަސް އަތުލުމަކީ އުނދަގޫ ކަމެއް

ޔުވެންޓަސް އަކީ އިޓަލިއަން ލީގްގެ މިދިޔަ އަށް އަހަރުގެ ޗެމްޕިއަން އެވެ. މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގްތަކުގެ ތެރޭގައި ހިމެނޭ ފަސް ލީގްގައި ވެސް ރެކޯޑެކެވެ. އިންޓަގެ ކޯޗް އެންޓޭނީއޯ ކޮންޓޭ، މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ، އެއް އަހަރުން ދެ އަހަރުން ވެސް ޔުވެންޓަސް އަތުލުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ ޔުވެންޓަސްގައި ތިބި ކޮލިޓީ ކުޅުންތެރިންނަށް ބެލިޔަސް އެޓީމުގެ ފެންވަރު އެނގޭނެ ކަމަށެވެ.

"ޔުވެންޓަސްއިން މި ދަތުރު ފަށައިފި އަށް އަހަރު ކުރިން، އަދި ވެސް ދަނީ ކުރިއަށް، އަދި ކޮންމެ އަހަރަކުން އެ ޓީމު ދަނީ ވަރުގަދަ ވަމުން،" ކޮންޓޭ ބުންޏެވެ. "އެހެން ޓީމުތައް ދިޔައީ ފަހަތަށް، އޭގެ ސަބަބުން އެ ޓީމު ތަކާ ޔުވެންޓަސް އާ ދެމެދު ބޮޑު ފަރަގެއް ހުރި، އަދިވެސް އެ ފަރަގު އެބައޮތް."

"މި ހަގީގަތް ގަބޫލު ކުރަން ޖެހޭނެ، އެއް އަހަރުން ނުވަތަ ދެ އަހަރުން މި ފަރަގު ގާތް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ."