ދިރިއުޅުން

އާއިލާގެ ހަ މީހުން މަރާލި މީހާ ފަޅާއެރީ 14 އަހަރު ފަހުން

އިންޑިއާގެ ކެރެލާގެ ކޮޒިކޮޑޭ ޑިސްޓްރިކްޓްގެ އާއިލާއެއްގެ ޅީދަރިއަކު އެ އާއިލާގެ ހަ މީހުން މަރާލައި 17 އަހަރު ވަންދެން އެ މަރުތަކުގެ ހަގީގަތް ފޮރުވައިގެން ހުރިކަން އެނގުމުން ކެރެލާގެ މީހުންނަށް ލިބުނީ ޝޮކެކެވެ.

މި ހަ މީހުންގެ ގާތިލަކީ އާއިލާގެ ދޮށީ ޅީ ދަރި ޖޮލީ އެވެ. ޖޮލީ ވަނީ އެކި ފަހަރު މަތިން މި ހުރިހާ އެންމެން މަރާލައި އެއީ ގުދުރަތީ މަރެއް ކަމަށް ދައްކައިގެން 17 އަހަރު ވަންދެން އެ ގޭގައި ދިރިއުޅެފަ އެވެ.

ކެރަލާ ފުލުހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ މައްސަލަ ތަހުގީގު ކުރަން ފަށައި ކޯލް ރެކޯޑްތައް ވެސް އަޑުއަހަމުންދާ ކަމަށެވެ. އަދި މި ހަ މީހުންގެ ގަބުރު ކޮނެގެން ނަގައިން ވެސް ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެންމެން މަރާލާފައި ވަނީ ފުރިހަމަ ޕްލޭނެއްގެ ދަށުން ކަމަށްވާތީ މި އެންމެން މަރާލީ ޖޮލީކަން ސާބިތު ކުރުމުގައި ގޮންޖެހުންތައް ހުރިކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ޖޮލީ އާއި އޭނާ މިހާރު އިނދެގެން އުޅޭ ޝަޖޫ ހައްޔަރުކޮށް އެމީހުންނާ އަށް ފަހަރެއްގެ މަތިން ސުވާލުކޮށްފަ އެވެ. މި ދެ މީހުން އެކި ފަހަރު ދީފައިވާ ބަޔާންތައް ފުށު އަރާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ޝަޖޫ އަކީ ޖޮލީގެ ފިރިމީހާގެ ގޭގައި ދިރިއުޅޭ އޭނާ އާ ތިމާގެ މީހެކެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އާއިލާގެ ހަ މީހުން މަރުވިއިރުވެސް އެ ތަނުގައި ޖޮލީ ހުއްޓެވެ. ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ޕޮލިގްރަފިކް ޓެސްޓް ހަދަން ޖޮލީ ވަނީ ދެކޮޅުހަދާފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ފުލުހުންނަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ ޖޮލީ އާއި ޝަޖޫ ވަރަށް ދަންވަރުގެ ގަޑިތަކުގައި ވެސް ފޯނުން ވަރަށް ގިނައިރު ވާހަކަ ދައްކާފައިވާ ކަމެވެ. އެހެންވެ މި ދެ މީހުންގެ މެދުގައި ގޮތްނޭނގޭ ގުޅުންތަކެއް އޮތްކަން ޔަގީންވި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ވަނީ މި ހަ މީހުންގެ މަހާނަ ކޮނެގެން މި މީހުންގެ ގަބުރުތައް ނަގާފަ އެވެ. މި ގަބުރުތަކުގެ ތަހުލީލުތަކުން ހަ މީހުންގެ ހަށިގަނޑުން ވެސް ވަނީ ބާރުގަދަ ޒަހަރެއް ކަމަށްވާ ސައިނައިޑްގެ އަސަރު ފެނިފަ އެވެ.

ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ޕޮންނަމައްޓަމް އާއިލާގެ ފަހަރަކު މީހަކު މަރުވަމުން ގޮސް ހަ މީހުން މަރުވާން މެދުވެރިވީ އެ އާއިލާގެ އެންމެ ދޮށީ ފިރިހެންދަރިފުޅާ ކައިވެނިކޮށްގެން އެ ގެޔަށް އައި މަކަރުވެރި އަންހެނެއްގެ ނުބައި ރޭވުމުން ކަން ފަޅާ އެރިއިރު ޖޮލީ ވަނީ ފިރިމީހާ ވެސް މަރާލައި ފިރިމީހާގެ ތިމާގެ މީހެއްކަމަށްވާ ޝަޖޫ އާ ކައިވެނި ކޮށްގެން މުޅިން އާ ދިރިއުޅުމެއް ފަށާފަ އެވެ. މި އެންމެން މަރާލީ ޖޮލީ އާއި ޝަޖޫ އަދި ތިމާގެ މީހެއް ވެގެންނެވެ. މި މީހުން މެރުމުގައި ތިމާގެ މީހާ ކުޅެފައިވަނީ ޒަހަރު ހޯދައދިނުމުގެ މަސައްކަތެވެ. ޖޮލީ އާއި ޝަޖޫ އަދި އަނެއް މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އުފާވެރި އާއިލާއަށް ފުރަތަމަ ހިތާމައިގެ ސާލެއް ފެތުރުނީ 2002 ގަ އެވެ. އެންމެ ފުރަތަމަ އެ އާއިލާއިން މަރުވީ ރިޓަޔަ ވެފައި ހުރި ޓީޗަރެއް ކަމަށްވާ އަނަންމާ ތޯމަސް، 57، އެވެ. މިއީ ޖޮލީގެ މައިދައިތަ އެވެ. ދެހާސް ދޭއްގައި އޭނާ ގޭތެރޭގައި ހަމަ ރީތިކޮށް އުޅެނިކޮށް މަރުވެގެން ވެއްޓުނީ އެވެ. މި މީހާ މަރުވީ ގުދުރަތީ މަރަކުން ކަމަށް އާއިލާއަށް ގަބޫލު ކުރެވުނެވެ. އެހެންވެ އިތުރު އެއްވެސް މައްސަލައެއް އޭރަކު ފެންމައްޗެއް ނުވެ އެވެ. އޭގެ ފަހުން އަނަންމާގެ ފިރިމީހާ އަދި ޖޮލީގެ ބަފާކަލޭގެ ޓޮމް ތޯމަސް، 66، މަރުވި އެވެ. ހާޓް ފެއިލް ވެގެންނެވެ. އޭނާ ވެސް މަރުވީ ގުދުރަތީ މަރަކުން ކަމަށް ގަބޫލު ކުރެވުނެވެ.

ދެހާސް އެގާރައިގައި މި ދެ މީހުންގެ ދަރިފުޅު ރޯއި ތޯމަސް، 40، މަރުވި އެވެ. ހަމަ ކުރީގެ ދެ މީހުން ވެސް މަރުވި ފަދަ ގޮތަކަށެވެ. ރޯއި އަކީ ޖޮލީގެ ފުރަތަމަ ފިރިމީހާ އެވެ. އޭގެ ފަހުން 2014 ގައި އަނަންމާގެ ބޭބެ މެތިއު، 67، މަރުވީ ވެސް ހަމަ އެހެން މީހުންނާ ދާދި އެއްގޮތަކަށެވެ. މިއީ ޖޮލީގެ ފިރިމީހާގެ ބޮޑުބޭބެ އެވެ. މި މީހުންނަކީ ކްރިސްޓިއަނުންނަށް ވާތީ އެންމެން ވެސް ވަޅުލީ ކްރިސްޓިއަނުން ވަޅުލާ ގަބުރުސްތާނެއްގަ އެވެ.

އޭގެ ފަހުން 2016 ގައި އެ އާއިލާގެ ދެ އަހަރުގެ އަންހެންކުއްޖެއް ހާޓް އެޓޭކެއް ޖެހިގެން މަރުވި އެވެ. އަދި އޭގެ މަސްތަކެއް ފަހުން މި ކުޑަކުއްޖާގެ މަންމަ ސިއްލީ، 27، ވެސް މަރުވި އެވެ. ކުޑަ ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އަކީ ޖޮލީ ދެ ވަނަ އަށް ކައިވެނިކުރި ޝަޖޫގެ އަންހެނުންނާއި ދަރިފުޅެވެ.

ޖޮލީގެ ފިރިމީހާ މަރުވެ އަދި ޝަޖޫގެ އަންހެނުންނާއި ދަރިފުޅު މަރުވުމުން ޖޮލީ އާއި ޝަޖޫ ކައިވެނިކޮށް އާއިލާގެ ހުރިހާ މުދަލެއް އެމީހުންގެ ނަންމައްޗަށް ބަދަލުކުރި އެވެ. ޓޮމް މަރުވުމުގެ ކުރިން ލިޔެފައިވާ ވަސިއްޔަތެއްގެ މައްޗަށް ބިނާކޮށެވެ.
މި ހުރިހާ ކަމެއް ފަޅާއަރަން މެދުވެރިވީ ޖޮލީގެ ފުރަތަމަ ފިރިމީހާގެ ކޮއްކޮ މޯޖޯ އެނބުރި އިންޑިއާ އަށް އައިސް މުދާތައް ޖޮލީއަތުން އަނބުރާ ހޯދަން ކުރި މަސައްކަތުންނެވެ. އާއިލާގެ އެންމެން މަރުވިއިރު މޯޖޯ އުޅުނީ އެމެރިކާގެ ރައްވެއްސަކަށް ވެގެން އެ ގައުމުގަ އެވެ. އެހެންވެ އޭރު ކަންތައްތައް ވީގޮތެއް މޯޖޯއަކަށް ނޭނގެ އެވެ.

އާއިލާގެ ހުރިހާ މުދަލެއް ޖޮލީއަށް ލިބުނު ގޮތް ހޯދުމުގެ ތެރޭގައި އާއިލާގެ މީހުން ހަ މީހުންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިގެން މައްސަލަ ތަހުގީގުކޮށްދޭން މޯޖޯ އެދުނެވެ. ހުރިހާ ކަމެއް ފަޅާ އެރީ އޭގެ ފަހުންނެވެ.