ކުޅިވަރު

ނިއުކާސަލްއިން މެން ޔުނައިޓެޑް ބަލިކޮށްފި

މެޗަށް ނިކުތް އިރު ރެލިގޭޝަން ޒޯންގައި އޮތް، ނިއުކާސަލް ޔުނައިޓެޑުން 1-0 ން މޮޅު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޓީމު ބިނާ ކުރުމުގައި މެނޭޖުމެންޓްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، ރަފާ ބެނިޓޭޒް ސީޒަންގެ ކުރިން މަގާމުން އިސްތިއުފާ ދިނުމުން ނިއުކާސަލްއިން ގެނައީ ސްޓީވް ބުރޫސް އެވެ. އޭނާއަށް ވެސް މެނޭޖުމެންޓުން އެ ފުރުސަތެއް ނުދެ އެވެ. އެހެން ނަމަވެސް ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެ ޓީމު ވަނީ ރެލިގޭޝަންގެ ރަތް ރޮނގު ފަހަނައަޅައި ގޮސްފަ އެވެ.

އެ ޓީމު މޮޅުވި ދެ ވަނަ މެޗަކީ، ރޭ ޔުނައިޓަޑް އަތުން މޮޅުވި މެޗެވެ. ޔުނައިޓެޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މިއީ އެލެކްސް ފާގަސަން ޓީމު ދޫކޮށްލި ފަހުން ޔުނައިޓެޑްގެ ފަރާތުން ސީޒަންގެ ކުރީކޮޅުގައި މިހާ ދަށްކޮށް ފެނިގެންދާ ފުރުތަމަ ސީޒަނެވެ.

ރޭ ޔުނައިޓެޑްގެ ކޮޅަށް ނިއުކާސަލްގެ ލަނޑު ކާމިޔާބު ކުރީ، އުމުރުން 19 އަހަރުގެ މަޓީ ލޯންގްސްޓާފް އެވެ. ރޭ ގެ މެޗަޖީ ޕްރިމިއާ ލީގްގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ލަނޑު ޖެހުމުގެ ކުރިން ވެސް އޭނާ އަށް ވަނީ ނުރައްކާތެރި ބޯޅައެއް ޔުނައިޓަޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މެޗުގެ 72 ވަަނަ މިނެޓްގައި، މަޓީ ލޯންގްސްޓާފް ލަނޑު ކާމިޔާބު ކުރީ ޖެޓްރޯ ވިލިއަމްސް އޭރިއާ ތެރޭގައި ހުރެފައި އޭރިއާގެ ބޭރަށް ދިން ބޯޅައިންނެވެ. ޖެޓްރޯ ވިލިއަމްސް ވެސް އޭރިއާ ތެރެއަށް ވަދެ ޔުނައިޓަޑްގެ ޑިފެންޑަރުން ކައިރިން ނައްޓާވެސް ލި އެވެ. އެހެންނަމަަވެސް އޭނާ ހުރި އޭންގަލުން ގޯލަށް ފޮނުވާލެވެން ނެތުމުން އޭނާ އެ ބޯޅަ ދިނީ އޭރިއާ ބޭރުގައި ހުރި ލޯންގްސްޓާފް އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

މުޅި މެޗުގައިވެސް ޔުނައިޓަޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ބުނީ، ޔުނައިޓެޑްގެ ފަރާތުން ފެނުނު ކުޅުން ބަލައިގަންނަން އުނދަގޫ ކަމަށެވެ. އޭނާ ބުނީ އެކަމާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ ގަދަ ހައެއްގެ ތެރެއަށް ވަނުމަކީ އުނދަގޫ ކަމަކަށް މިހާރު ވެއްޖެ ކަމަށެވެ.