ލައިފްސްޓައިލް

ގްރެޖުއޭޝަނަށް އާއިލާ ނުދިއުމުން ރޮވިއްޖެ

ކިޔަވާ ކުއްޖެއްގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި އަދި އެންމެ ހަނދާނީ ދުވަހަކީ ގްރެޖުއޭޓްވާ ދުވަހެވެ. އަދި މައިންބަފައިންގެ ތެރެއިން ވެސް ގިނަ މީހުންނަށް އެމީހުންގެ ދަރިންނާމެދު އެންމެ އުފާވާ އަދި އެންމެ ފަޚުރުވެރިވާ ދުވަހަކީ އެ ކުދިން ކިޔަވާ ސްކޫލުން ނުވަތަ ކޮލެޖަކުން ކުދިން ގްރެޖުއޭޓްވާ ދުވަހެވެ. ނަމަވެސް ފިލިޕީންސްގެ ރޮމްބްލޮން އަށް ނިސްބަތްވާ މި ދަރިވަރުގެ މައިންބަފައިންނަކަށް ދަރިފުޅުގެ ގްރެޖުއޭޝަން އެހާ މުހިއްމެއް ނޫނެވެ.

ދަރިފުޅުގެ ކާމިޔާބީގައި ބައިވެރިވެ އުފާކުރަން ދުވަހަކު ވެސް އެމީހުން ހިތަށް ވެސް އަރުވާފައެއް ނެތެވެ. އެންމެ ތުއްތު ނާސަރީ އުމުރުން ފެށިގެން ކޮލެޖުން ގްރެޖުއޭޓް ވުމާ ހަމައަށް އައި އެއްވެސް ގްރެޖުއޭޝަނެއްގައި މި ކުއްޖާގެ އާއިލާގެ އެއްވެސް މީހަކު ބައިވެރިއެއް ނުވެ އެވެ.

ޖެރިކް އާރް. ރިވާސް ނަމަކަށް ކިޔާ މި ފިރިހެންކުއްޖާ ދަދިފަހުން ވަނީ ބެޗްލާ އޮފް ސައިންސް އެންޑް ކްރައިމިނޮލޮޖީގެ ޑިގްރީއެއް ހާސިލުކޮށްފަ އެވެ. ނަމަވެސް މި ފަޚުރުވެރި ކާމިޔާބުން އޭނާއަށް މާބޮޑު އުފަލެއް އިހްސާސެއް ނުވި އެވެ. އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރު ވެސް އޭނަގެ ގްރެޖުއޭޝަނަށް މައިންބަފައިން ނައިމަ އެވެ.

ޖެރިކް އަކީ އޭނާގެ އާއިލާގެ މެމްބަރުންގެ ތެރެއިން ޑިގްރީއެއް ހާސިލުކުރި ފުރަތަމަ ކުއްޖާ އެވެ. ނަމަވެސް އޭނާގެ ތައުލީމީ ހަޔާތުގައި މައިންބަފައިން އޭނާއަށް އެހީތެރިވެދީ ކިޔެވުމަށް ތަރުހީބު ނުދިން ސަބަބެއް ޖެރިކް އަކަށް ނުވިސްނެ އެވެ.

ކުޑައިރު އެލެމެންޓްރީ ސްކޫލުން އޭނާ ގްރެޖުއޭޓްވީ ފަހަރު އެންމެ މޮޅު ހަ ދަރިވަރުންގެ ތެރޭގައި ޖެރިކް ހިމެނުނެވެ. އެކަމަކު އޭނާގެ ގްރެޖުއޭޝަން ރަސްމިއްޔާތަކަށް މައިންބަފައިންނެއް ނުދެ އެވެ. އޭރު އޭނާ ކިޔެވި ސްކޫލާ ގެޔާ މާ ދުރެއް ވެސް ނޫނެވެ. ނަމަވެސް އެމީހުންނަކަށް އެތަނަށް ދިއުން މާ މުހިއްމެއް ނޫނެވެ.

އެފަހަރު ވެސް ޖެރިކްގެ ނަން ގޮވާލުމާއެކު އޭނާއަށް ވަށައިގެން ބަލާލެވުނެވެ. އޭނާގެ އެކުވެރި ކިޔަވާކުދިންނާއި އެކުދިންނާއެކު ތިބި އެކުދިންގެ މައިންބަފައިންގެ އުފާވެރި މޫނުތަކަށެވެ. އޭނާގެ އެއްވެސް މީހެއް އެ ހަފުލާގައި ނެތްކަން އެނގުމުން އެ ފަހަރު ޖެރިކް އެވޯޑު ބަލާ ސްޓޭޖަކަށް ނޭރި އެވެ.

ހައި ސްކޫލްގައި އެންމެ މޮޅު ޓީއެލްއީ ދަރިވަރަކަށް ޖެރިކް ހޮވުނެވެ. މި އެވޯޑު ދިން ހަފުލާ އަކަށް ވެސް ޖެރިކްގެ މައިންބަފައިން ނުދެ އެވެ. މި އެވޯޑަކީ މައިންބަފައިންގެ އަތުން ކުދިންނަށް ހަވާލުކުރާ އެވޯޑެކެވެ. އެހެންވެ އެހެން ކުއްޖެއްގެ މައިންބަފައިން ކައިރީ ބުނެގެން އެ އެވޯޑު އޭނާއަށް ހަވާލު ކުރަން އެ ދެ މީހުން ސްޓޭޖަށް އަރުވައި އެ މީހުން އަތުން އެވޯޑާ ހަވާލުވީ އެވެ.

ދެން އައި ގްރެޖުއޭޝަން ދުވަހު ވެސް މައިންބަފައިން ނާންނާތީ ޑިޕްލޮމާ އާ ހަވާލުވާން ޖެރިކް އެރިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔަ އެވެ. މައިންބަފައިންގެ ލޯބި ނުލިބުމާއި އެކަނިވެރިކަން އިހްސާސްކުރާ ހާލުގަ އެވެ.

ކޮލެޖުގައި ކިޔެވުން ވެސް ވީ ޖެރިކް އަށް ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އަމިއްލަ ޕްރޮވިންސް ދޫކޮށް އެހެން ހިސާބަކަށް އޭނާ ދަތުރުކުރީ ތައުލީމު ހާސިލުކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެ ހިސާބުގައި ދިރިއުޅޭ އޭނާގެ ގާތް ތިމާގެ މީހުން އެމީހުންގެ ގޭގައި އޭނާ ބަހައްޓާކަށް ވެސް ބޭނުމެއް ނުވި އެވެ. އެހެންވެ އޭނާއަށް ޖެހުނީ ޖެހޭ ކުދި ކުދި މަސައްކަތް މީހުންނަށް ކޮށްލަދީގެން ލިބޭ ފައިސާއިން ކޮލެޖަށް ފައިސާ ދައްކާށެވެ. އަދި ޕްރޮފެސަރުންގެ ހެޔޮކަމުން އެމީހުންގެ ގޭގެއިން ބޯހިޔާވަހިކަން ހޯދައި އެމީހުން ދޭ އެއްޗެއް ކާލައިގެން އަދި އެނޫންވެސް ކޮލެޖަށް ބޭނުންވާ ތަކެތި އެމީހުން ހޯދައިދިނުމުން ޖެރިކް ކިޔެވުން ފުރިހަމަ ކުރި އެވެ.

މިފަހަރުގެ ގްރެޖުއޭޝަން ދުވަހު މައިންބަފައިން އަންނާނެ ކަމަށް ޖެރިކް ވަރަށް ބޮޑަށް އުންމީދު ކުރި އެވެ. ނަމަވެސް ކުރީ ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް އެމީހުން ޖެރިކް އަށް ދިނީ ލަނޑެވެ. ފިލިޕީންސްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ޖެރިކް ހުރިއިރު އޭނާގެ ލޯ ކެތްތެރިކަމެއް ނެތި ހޯދަމުން ދިޔައީ މައިންބަފައިންނެވެ. ނަމަވެސް އެތަނުން އޭނާއަށް ފެނުނީ އެކުގައި ކިޔެވި ކުދިންނާއި އެ ކުދިންގެ މައިންބަފައިންގެ އުފާވެރި މޫނުތަކެވެ. ނުހިފެހެއްޓިގެން ގޮސް ބަޑި ފަޅައިގެންގޮސް އޭނާއަށް ރޮވުނީ މި މަންޒަރުތައް ފެނިފަ އެވެ.

އެވޯޑާއި ސެޓްފިކެޓާ ހަވާލުވާން ސްޓޭޖަށް އަރަން ދިޔައިރު އޭނާއަށް ބޭ އިޚްތިޔާރުގައި ވަރަށް ބާރަށް ރޮވުނު ކަމަށް ޚުދް ޖެރިކް ވެސް އެއްބަސްވި އެވެ. އޭނާ ރޮނިކޮށް އެހެން ގްރެޖުއޭޓުންނަށް ފެންނާނެކަން އެނގޭއިރުވެސް އޭނާއަށް ރުއިން ކޮންޓްރޯލް ނުވީ އެވެ. އެ ވަގުތުވެސް އޭނާއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލީ ފާއިތުވީ ދުވަސްތަކުގައި ވެސް އޭނާއަށް އެހީތެރިވީ އެ ކޮލެޖުގެ ޕްރޮފެސަރުންނެވެ. އެމީހުން ސްޓޭޖަށް އަރައި އޭނާއާއެކު ގޮސް އެވޯޑާ ހަވާލުވުމުގައި ވެސް އެހީތެރިކަން ފޯރުވި އެވެ.

އޭނާ ސްޓޭޖުން ފައިބަން ދިޔަ ވަގުތު ވަރަށް ގިނަ ކިޔަވާ ކުދިން ވެސް އޭނާއާ ސަލާންކޮށް ހިތްވަރު ދިނެވެ. އަދި ހުރިހާ އެންމެން ތަރުހީބުގެ އަތްތިލަބަޑިއަކުން އޭނާއަށް މަރުހަބާ ކިއެވެ.