މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގެ މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވައްދައި ދީނުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދަންވެގެން ސިޔާސީ ބޭނުމެއްގައި ކަމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ހެން ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި ބައެއް މެންބަރުން ވަނީ އެމްޑީއެން އުވާލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރާއި ފުލުހުންގެ މުއައްސަސާއަށް އެމްޑީއެންގެ މައްސަލަ ބަލައި އެ ޖަމިއްޔާއަށް އެދެވޭ ފިޔަވަޅެއް އަޅަން ނުކުރެނޭ ކަމަށް ބައެއް އިދިކޮޅު މެންބަރުން ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު މެންބަރުން އެ ވާހަކަތައް ދައްކަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގެ މައްސަލައިގެ ވާހަކަތައް ދައްކަންވީ މިއަދަކު ނޫން ކަމަށެވެ. އެންމެ ފުރަތަމަ އެ ރިޕޯޓް ނެރުނުއިރު އޭރު އިސްލާމިކް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންތާކުތޯ އަދި އޭރު ފިޔަވަޅު ނޭޅުނީ ކީއްވެގެންތޯ އަފީފު ސުވާލު އުފެއްދެވި އެވެ.
މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހިންގިއިރު އަދި ދީނާ ހިލާފު އެތައް ވާހަކައެއް ދެއްކިއިރު މަޖިލީހުގައި ތިއްބެވި މެންބަރުން އޭރު އެ ވާހަކަ ނުދައްކަވައި ކުއްލި މައްސަލަތައް މަޖިލީހަށް ނުވެއްދީ ކީއްވެގެންތޯ ހަފީފު ސުވާލު ކުރެއްވި އެވެ. މިއަދު އެ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި ސަރުކާރު ވައްޓާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ސީޔާސީ ބޭނުމެއްގައި މި މައްސަލަ މި ތަނަށް ވައްދައިގެން ކީއްކުރަންވަންތޯ ތި އުޅުއްވަނީ. ހީފުޅު ކުރެއްވީތޯ މިފަދަ ވާހަކަތައް ދައްކައިގެން ސަރުކާރު ގޯސްކޮށް ރައްޔިތުން ކެކިއަރުވައިގެން 2012 ވަނަ އަހަރު ވައްޓާލި ގޮތަށް ސަރުކާރު ވައްޓާލެވޭ ކަމަށްތޯ ހީފުޅު ކުރެއްވީތޯ. ތި ބޭފުޅުން ތި މަސައްކަތް ކުރައްވަނީ ބަޣާވާތެއް ކުރަން. އެކަމު ބަޣާވާތެއް ދެން ނުކުރެއްވޭނެ." އަފީފު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގް އަޅުވަން އިދިކޮޅު މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރާނީ އެމްޑީޕީގެ މެންބަރުން ކަމަށް އަފީފު ވިދާޅުވި އެވެ.
މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރާ ކަމަށާއި ދީނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ރިޕޯޓާ ގުޅިގެން މަޖިލީހަށް މައްސަލަ ވެއްދި މެންބަރުން ފެނި ހައިރާންވާ ކަމަށް މެންބަރު ރަޝީދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގިއިރު ދީނާ ހިލާފު އެތައް ކަމެއް ހިނގިއިރު އެ މެންބަރުން އޭރު އެ ވާހަކަ ނުދެއްކެވި ކަމަށެވެ. އަދި މިހާރު ބަހުސް ކުރައްވަމުން ގެންދަވާ ރިޕޯޓަކީ ވެސް ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓަކަށްވީ ނަމަވެސް އެ ރިޕޯޓްގެ މައްސަލަ ބަލަން ފެށީ މިއަދުގެ ސަރުކާރުގައި ކަމަށް މެންބަރު ރަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިސްކިތުގައި ހަރަމުގައި ނަމާދުގައި ތިއްބާ ބައެއް މީހުން ހައްޔަރުކޮށް ޕެޕަ ސްޕްރޭ ޖަހައި ހެދިއިރު ވެސް އެ މެންބަރުން ތިއްބެވީ ހަނު. ދީނާ ހިލާފު ބައެއް ވާހަކަތައް ދެއްކީމަ ވެސް (އިދިކޮޅު މެންބަރުން) ތިއްބެވީ ހަނު." މެންބަރު ރަޝީދު ވިދާޅުވި އެވެ.
މިއަދު ދީނުގެ ވާހަކަތައް ދައްކައިގެން ސަރުކާރުގެ ބޮލުގައި ދޮގު ވާހަކަތަކެއް އަޅުވަން މަސައްކަތް ކުރަނީ އަނެއްކާ ވެސް ބަޣާވާތެއް ކުރަން ކަމަށް މެންބަރު ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ދެން ފުރުސަތެއް ނުލިބޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށާއި އަދި އެފަދަ ކަންކަމަށް އެމްޑީޕީން ހިތްވަރެއް ވެސް ނުދޭނެ ކަމަށެވެ. އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި ނަމަވެސް 2015 ވަނަ އަހަރު ނެރުނު ރިޕޯޓްގެ މައްސަލައެއް ކުއްލިއަކަށް ފެންމަތިކޮށްގެން މިއުޅެނީ ކޮން ކަމެއް ހާސިލު ކުރަންތޯ އޭނާ ވެސް ސުވާލު އުފެއްދެވި އެވެ.
އަމިއްލަ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައިވާ ކަންކަން ފާހަގަކޮށް އެއީ މި ސަރުކާރުން އޭގައި ބައިވެރިވާ ކަމަށް ދައްކުވައިގެން ބަޣާވާތެއް ރާވައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނަމަ އެ ކަން ކުރާ ފަރާތްތައް ހުއްޓާލަން ޖެހޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"އެ ރިޕޯޓްގައިވާ ކަންކަން އެއީ ސަރުކާރު ވައްޓާލަން ބޭނުން ކުރެވޭނެ ހުއްޖަތެއް ކަމަށް ދެކި އަނެއްކާ ވެސް ބަޣާވާތެއް ރާވަން ކުރާ ކަމެއް ނަމަ އެ ކަމެއް ވެސް ހުއްޓާލަން އެބަ ޖެހޭ. އެއީކީ ކުރެވޭނެ ކަމެއް ނޫން. ހޯމް މިނިސްޓަރު އެބަ ޖެހިވަޑައިގަންނަވާ މި މައްސަލަ ބަލަން ޖެހޭ. އެމްޑީއެންގެ މައްސަލަތައް ބަލައި ބީދައިން އެ މައްސަލަ ވެސް ބަލަން ޖެހޭ." މެންބަރު ވިދާޅުވި އެވެ.