ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ރޭ ކާމިޔާބު ކުރި ލަނޑާއެކު އޭރިއާ ބޭރުން އޭނާ ފޮނުވާލި ލަނޑުތަކުގެ އަދަދު 100 އަށް އަރައި ބާސާއިން 4-0 ން ސެވިއްޔާ ބަލިކޮށްފި އެވެ
ބާސާ މެޗުން މޮޅުވެ، އެ ޓީމު ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އެއީ ރޭ ރެއާލް ވަލަޑޮލިޑް އަތުން އެތުލެޓިކޯ މެޑްރިޑް އެއްވަރުވެ ބާސާ މެޗުން މޮޅު ވުމުންނެވެ.
ރޭގެމެޗުގައި މެސީ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ފުރަތަމަ ހާފަުގައި ބާސާއިން ތިން ލަނޑު ޖެހި އެވެ. ފުރަތަމަ ލަނޑު 27 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ކާމިޔާބު ކުރީ 27 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ ބައިސްކަލް ކިކަކުންނެވެ. ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަރުޓޫރޯ ވިޑާލް އެވެ. ތިން ވަނަ ލަނޑު އުސްމާން ޑެމްބެލޭ އެވެ.
މެސީ ލަނޑު ކާމިޔާބު ކުރީ ހިލޭ ޖެހުމަކުންނެވެ. އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މެސީ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށެވެ. ސެވިއްޔާގެ ކީޕަރު ތޯމަސް ވެކްލިކް ދފާއު ކުރަން އުޅުނު ނަމަވެސް އެ ބޯޅަ ދިޔައީ އޭނާގެ އިނގިލި ކުރިގައި ޖެހިފަ އެވެ. އެ ލަނޑަކީ އޭރިއާގެ ބޭރުން މެސީ ކާމިޔާބު ކުރި 100 ވަނަ ލަނޑެވެ. އަދި އެއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ބާސާއަށް ދެ ރަތް ކާޑު
މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ބާސާގެ ރޮނަލްޑް އަރައުހޯއަށް ވަނީ ރަތް ކާޑޫ ދައްކާފަ އެވެ. އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކީ ސެވިއްޔާއަށް ލިބުނު ހުސް ފުރުސަތެއްގައި، އެޓީމުގެ ޗިޗަރީޓޯ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަނި ކޮށް ފަހަތުން ކުރި ފައުލަކާ ގުޅިގެންނެވެ.
އެކާޑު އަރުއުހޯއަށް ދެއްކުމުން، ބާސާގެ އުސްމާން ޑެމްބެލޭ ރެފްރީއާ ދިމާލަށް ބުނި އެއްޗަކުން ދެ ވަނަ ރީނދޫކާޑާއެކު އޭނާ އަށް ވެސް ރަތް ކާޑު ދެއްކި އެވެ.