ވިޔަފާރި

ހޮޓެލް އޭޝިއާ ފެއާ ހުޅުވައިފި

Oct 7, 2019

ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ގިނަ ވިޔަފާރި ތަކެއް ބައިވެރިވާ، ހޮޓެލް އޭޝިއާ އެންޑް ކަލިނަރީ ޗެލެންޖު 2019 މިއަދު މާލޭގައި ފަށައިފި އެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު" އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ދަރުބާރުގޭގައި މިއަދު ބޭއްވި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެއާ އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގެ ޑިރެކްޓަރު އަހުމަދު ޖަމީޒް ވިދާޅުވީ ފެއާއަށް ބޮޑު ތަރުހީބެއް ލިބުމުގެ އަސްލަކީ ވިޔަފާރި ތަކުން ދޭ އެއްބާރުލުން ކަމަށެވެ.

"ފެއާއަށް 15 އަހަރު ވީއިރު ވިޔަފާރިތަކުން ދޭ އެއްބާރުލުން. ފެއާއަކީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ފެއާއަކަށް ވުމުން ރިސޯޓު ތަކަށް މި އަހަރުވެސް ދައުވަތު ދީފައިވާނެ،" ޖަމީޒް ވިދާޅުވި އެވެ.

މި ފެއާގައި ޓޫރިޒަމް ސިނާއަތުގައި ބޭނުން ކުރާނެ ކެއިން ބުއިމުގެ ބާވަތްތަކާއި ރިސޯޓު ކޮންސްޓްރަކްޝަން އަދި ހޮސްޕިޓާލިޓީ ދާއިރާގެ ފަހުގެ ޓެކްނޮލޮޖީ ދައްކާލަ އެވެ. ފެއާގައި މި އަހަރުވެސް ޗައިނާ އާއި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި އިގްތިސޯދުތަކުގައި ހިމެނޭ ކުންފުނިތައް ބައިވެރިވެފައިވެ އެވެ.

ހޮޓެލް އޭޝިއާ ފެއާގެ ހާއްސަ އެއް ބަޔަކީ، ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. މި އަހަރުގެ ކަލިނަރީ ޗެލެންޖުގައި 400 އަށް ވުރެ ގިނަ ޝެފުން ބައިވެރިވެ އެވެ. ބޮޑު މި މުބާރާތް ޖަޖު ކުރުމުގައި ބޭރުގެ މަޝްހޫރު 20 ޖަޖަކު ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ހަތް ދިވެއްސަކު ހިމެނެ އެވެ.