ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 ގެ ސަބަބުން ހޮޓެލް އޭޝިއާ ފަސްކޮށްފި

Jul 31, 2020

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ވިޔަފާރީގެ ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ، ކޮވިޑް-19 ފެތުރެމުން ދިއުމުގެ ސަބަބުން މި އަހަރު ނުބާއްވަން ނިންމައިފި އެވެ.

ހޮޓެލް އޭޝިއާ އިންތިޒާމު ކުރާ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނި ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 23 އަށް ދަރުބާރުގޭގައި ބާއްވަން ކުރިން ނިންމާފައިވާ ހޮޓެލް އޭޝިއާ ފެއާ މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހޮޓެލް އޭޝިއާ ނުބާއްވަން ނިންމީ، ކޮވިޑް-19 ގެ ސަބަބުން ދަތުރު ފަތުރަށްވެސް އެޅިފައިވާ ހުރަހުގެ ސަބަބުންނެވެ. އަދި މިހާރުގެ ހާލަތުން ގިނަ ވިޔަފާރިތައް ފެއާގައި ބައިވެރިވާން ދަތިވެފައިވާކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލޮކްޑައުންއަށް ދިން ލުއިތަކާއެކު މި ބަލި ފެތުރުން ވަނީ އިތުރުވެފަ އެވެ.

ހޮޓެލް އޭޝިއާ ފެއާއަކީ ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ އެއް ފެއާ އެވެ. މި ފެއާ ބާއްވަމުންދާތާ 15 އަހަރު ވެފައިވެ އެވެ. ހޮޓެލް އޭޝިއާ ފެއާގެ ހާއްސަ އެއް ބަޔަކީ، ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. މިދިޔަ އަހަރުގެ ކަލިނަރީ ޗެލެންޖުގައި 400 އަށް ވުރެ ގިނަ ޝެފުން ބައިވެރިވި އެވެ.

ހޮޓެލް އޭޝިއާ ކެންސަލް ކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުން ވަނީ އިތުރުވެފަ އެވެ. ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނި ގޮތުގައި އިއްޔެގެ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް 1490 މީހެއްގެ ސާމްޕަލް ޓެސްޓްކޮށް، 152 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ސްރީލަންކާގެ ހަަތަރު މީހެކެވެ. މި އަދަދާއެކު، ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3,719 އަށް އަރާފަ އެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން 10 މީހަކު ވެސް ހިމެނެ އެވެ.