ހަބަރު

އިންޑިއާއިން ހިފެހެއްޓި މަސްދޯނި ދޫކޮށްލަން ނިންމައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދުން އެގައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، އެދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި އެ ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަންގާފައިވާ ކަމަށެވެ.

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ހަރަކާތްތެރިވުމަކީ ގާނޫނާއި ގަވައިދާއި ހިލާފު ކަމެއްކަން ފާހަގަކޮށް، މިކަމަށް ސަމާލުވުމަށް އެމިނިސްޓްރީން ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ދޯނި، އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ މަލިކުގެ ތިން މޭލު ބޭރުން މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.