ރައްޔިތުންގެ މަޖިލިސް

ކުއްލި މައްސަލައިގެ ބަހުސްގައި ދެ އޯޑިއޯއެއްގެ މައްސަލައެއް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ވާހަކަތެއް ހިމެނި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގެންދެވިއިރު ބައެއް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯތަކާއެކު ފޯރިގަދަ ބަހުސެއް ކުރައްވައިފި އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސް ކުރެއްވުމަށް ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ބަހުސް ކުރިއަށް ގެންދަން 46 މެންބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ. އެ ކަމަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވާހަކަ ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ އެވެ.

އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ދީނާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކި ޖަލްސާތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް ހިމެނޭ އޯޑިއޯ ކްލިޕެއް އިއްވައިފަ އެވެ.

އާޒިމް އެ ގޮތަށް އަމަލު ކުރެއްވުމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައިފަ އެވެ. ނިޒާމީ މައްސަލައެއް ނަންގަވައި ޝިޔާމް އޭރު ވިދާޅުވީ އާޒިމް ބަހުސް ކުރައްވަމުން ގެންދަވަނީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

ޝިޔާމްގެ ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާޒިމް އަމަލު ކުރެއްވީ ގަވާއިދުގެ ކޮން މާއްދައަކާ ހިލާފަށް ކަން ފާހަގަކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޝިޔާމް އެއީ ސީދާ ކޮން މާއްދާއެއް ކަން ފާހަގައެއް ނުކުރައްވަ އެވެ.

ނަމަވެސް ފަހުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދުގައިވާ މާއްދާއެއް ފާހަގަކުރައްވައިފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގައި މެންބަރަކު ބަހުސް ކުރައްވަމުން ގެންދަވާއިރު އިތުރު މައުލޫމާތު ދިނުމުގެ ގޮތުން އެހެން ވަސީލަތެއް ބޭނުން ހިފާނަމަ، އަދި އެ ކަމުގައި އެއްވެސް މެންބަރަކު އިއުތިރާޒު ކުރާނަމަ ވަގުތުން އެ ކަމަށް ވޯޓެއް ނަގަން ޖެހެ އެވެ.

އޭގެ ފަހުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ މީގެ ކުރިން ޑެންމާކްގައި ހުންނަވައި ރައީސް ނަޝީދު ދެއްކެވި ވާހަކަ ހިމެނޭ އޯޑިއޯ ކްލިޕެއް އިއްވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ކަމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ވޯޓަކަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

އެ ކަމާ ގުޅިގެން މެންބަރު ތޯރިގު ވަނީ މަޖިލީހުގެ ރިޔާސަތުން ތަފާތު ކުރުުން ގެންގުޅޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެ ގޮތުން މީގެ ކުރިން ރައީސް ޔާމީންގެ އޯޑިއޯއެއް އިއްވުމުން އެއީ ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށް މެންބަރު ޝިޔާމް ފާހަގަ ކުރެއްވުމުން ވެސް އެ ފަހަރު ވޯޓަށް ގޮސްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އޯޑިއޯގެ ބައެއް އިއްވާލާފައި ފަހުން އެ އޯޑިއޯ މެދުކަނޑާލި އެވެ.

ތޯރިގު އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ މެންބަރު އާޒިމް އެ ވާހަކައެއް ދެއްކެވިއިރު މެންބަރު ޝިޔާމް ފާހަގަކުރެއްވީ އެއީ ގަވާއިދާ ހިލާފަށް ބަހުސް ކުރެއްވީ ކަމަށެވެ. އެ ގޮތަށް ވިދާޅުވުމުން ހިލާފުވެފައި ވަނީ ގަވާއިދުގެ ކޮން މާއްދާއެއް ކަން ފާހަގަކޮށްދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެ ކަން ނުކުރެއްވި ކަމަށާއި އަދި އޯޑިއޯ އިއްވަން ވެސް ދެކޮޅު ހައްދަވާ ކަމަށް މެންބަރު ޝިޔާމް ސީދާ ވިދާޅުނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ އޯޑިއޯ އިއްވައިގެން ތޯރިގުގެ ބަހުސް ކުރިއަށް ގެންދެވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 54 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ އޯޑިއޯއާ ނުލައި ބަހުސް ކުރިއަށް ގެންދަވަން ފާސްކޮށްފަ އެވެ. އޯޑިއޯ އިއްވުމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.

ދެން ބަހުސްއާ ކުރިއަށް ގެންދަވަމުން ތޯރިގު ވިދާޅުވީ ރައީސް ނަޝީދު "ދީނާ ހިލާފަށް" ދެއްކެވި ވާހަކަތައް އަޑު އެހުމުގެ ގާބިލު ކަމެއް އެމްޑީޕީގެ މެންބަރުންގެ ނެތް ކަމަށެވެ. އަދި އެމްޑީޕީއާއި އެންޑީއެންއާ މިއީ އެއް ބަޔެއް ކަމަށާއި އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކުރޭ ކަމަށާއި ސަރުކާރުގެ މަގާމުތަކުގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުން ތިއްބެވި ކަމަށާއި މިއީ "އެމްޑީއެން" ސަރުކާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގުގެ ވާހަކައިގެ މެދުން ފަހަރަކު މެންބަރު ގެންދެވީ ނިޒާމީ މައްސަލަ ނަންގަވަމުންނެވެ. އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދެވީ މެންބަރު ތޯރިގު ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ދެން އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ ނުކުތާތައް ނަންގަވައި އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ދެމުން ގެންދެވި އެވެ. ނިޒާމީ ނުކުތާ ނުނަގައި ވެސް ބައެއް މެންބަރުން އަޑު ގަދަ ކުރެއްވި އެވެ.

މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާއާ މެދު އެދެވޭ ފިޔަވަޅެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ބައެއް މެންބަރުން އެ ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލާގައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވިއިރު، ސަރުކާރަށް ފިޔަވަޅު އަޅަން ނުކުރޭނެ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.