ރައްޔިތުންގެ މަޖިލިސް

ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާއެއް ނުކުރި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާއެއް ނުކުރި އެެވެ.

މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބޭއްވި އެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާއެއް ނުކުރެ އެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރި އެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލެއްވި ކަމަށް އިއުލާން ކުރައްވާފަ އެވެ.

މަޖިލިސް ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ނިންމަވާލެއްވިއިރު އެވަގުތު ތިއްބެވި 18 މެންބަރުންގެ ތެރެއިން 16 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ބާކީ ތިއްބެވި ދެ މެންބަރުންނަކީ ރިޔާސަތުގައި އިންނެވީ އީވާ އަބްދުﷲގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް ފުރުސަތު ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ފާޅުކުރައްވާފަ އެވެ.

އަސްލަމް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ އަހަރުގެ ބާކީ ދުވަސްތަކުގައި ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހަރަދުކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށްވާތީ ބަޖެޓް ހުށަހެޅުމަށް ފުރުސަތު ނުދިނުމަކީ ސަރުކާރުގެ އިތުރުން ރައްޔިތުންނަށްވެސް އެކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ މައްސަލައެއް ކަމަށެވެ.

"ހަގީގަތުގައި މިއީ މަޖިލީހުގެ ރިޔާސަތުން ވަރަށް ދެރަކޮށް އަދި ވަރަށް ކަންބޮޑުވާ ގޮތަކަށް ކުރާ ކަމެއް. މަޖިލީހުން ބުނަނީ ބަޖެޓާ އެކު ހުށަހަޅަންޖެހޭ ކޮންމެވެސް ޑޮކިއުމެންޓެއް ނެތް ކަމަށް. އެކަމަކު އެ ޑޮކިއުމަންޓެއް އޮތީމާ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނީ. ކުއްލިއަކަށް ދެން މާދަމާގެ ޖަލްސާއަށް އެޖެންޑާ ނުކުރެވެންވީ ސަބަބެއް ނެތް. ޑޮކިއުމަންޓެއް މަދުވާނަމަ އެ ހޯދަންވެސް ހޯދޭނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން ހިމަނާފައި ނުވާތީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި އަމީންއާންމުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ވިދާޅުވެ އަސްލަމް ވަނީ މަޖިލީހުގެ ރިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މިގޮތަށް ކަންތައްތައް ކުރާތީ އަޅުގަނޑުމެން މިދަންނަވަނީ މަޖިލީހުގެ މިހާރުގެ ރިޔާސަތަކީ އެއްވެސް ހަމައަކުން އެއްވެސް އުސޫލަކުން އަމަލުކުރާ ރިޔާސަތެއް ނޫނޭ. އަމީންއާންމު ވިދާޅުވި އެޖެންޑާ އިސްލާހުކުރާނެ ކަމަށް. އެކަމަކު އެޖެންޑާ އިސްލާހުކޮށްގެން އައި އިރުވެސް ބަޖެޓް ހުށަހަޅަން ފުރުސަތު ދީފައެއް ނުވޭ. މިއީ ވަރަށް ދެރަކަމެއް. މިއީ ވަރަށް ދެރަ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރަން ފުރުސަތު ދީފައިނުވާއިރު ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވާފައިވަނީ ކަމާ ގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވިއިރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު އަދި ސަޕްލިމެންޓްރީ ބަޖެޓާ އެކު ކުރީގެ ބައެއް ލަނޑުދަނޑިތަކަށް ބަދަލުތައް އަންނާނެތީ ބަޖެޓު ޕޮޒިޝަން އެނގޭ ރިޕޯޓް ފަދަ މުހިއްމު މައުލޫމާތު ހުށަހަޅާފައި ނުވާ ކަމަށެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މާލިއްޔަތު ގާނޫނުގެ ދަށުން މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތުތަކެކެވެ. އަދި އެ މައުލޫމާތުތައް ހޯދުމަކީ މަޖިލީހުގެ ޒިންމާ އެކެވެ.

"ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިނަމަ ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގަ އަކަށެވެ،" ސިޓީގައިވެ އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލިއްޔަތު ގާނޫނުގައި ބުނާ މައުލޫމާތު މަޖިލީހަށް ނުފޮނުވައި ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅިގެން ނުވާނެ ކަމަށެވެ.