ގައުމީ ފުޓްބޯޅް ޓީމް

ލޯ މެޑަލް ހޯދި ޓީމުގެ ތިން ކުޅުންތެރިން ސީނިއާ ޓީމަށް

ނޭޕާލްގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ މަގާމު ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ތިން ކުޅުންތެރިންނަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ދޭން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ތިން ވަނަ ހޮވި މެޗުގައި ބޫޓާން ބަލި ކުރި 19 އަހަރުން ދަށުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) ވަނީ ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ. ބެލެވޭ ގޮތުގައި ފުރުސަތު ދެނީ އޭނާގެ އިތުރުން އެހެން ދެ ކުޅުންތެރިންނަށެވެ.

ޔޫތު މިނިސްޓްރީގައި، މިނިސްޓަރު މަހްލޫފާކު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަމުން ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ބަލަނީ ހަމައެކަނި ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ކުޅުންތެރިންނަށް އެކަނި ނޫން ކަމަށެވެ. ކުޅުންތެރިންގެ ހުނަރު ފާހަގަ ވެއްޖެނަމަ ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން 19 އަހަރުން ދަށުގެ ތިން ކުޅުންތެރިންނަށް ސީނިއާ ގައުުމީ ޓީމުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

"ނޭޕާލްގައި މި ކުޅުނު މުބާރާތުން ތިން ކުޅުންތެރިން [ސީނިއާ ގައުމީ ޓީމު] ގައި ރަޖިސްޓްރީ ކުރަން އެބައޮތް ކޯޗް އެދިފަ،" ބައްސާމް ވިދާޅުވި އެވެ. "މި ކުޅުންތެރިންނަކީ ޕްރިމިއާ ލީގްގެ ބޮޑެތި ޓީމުތަކަށް ކުޅޭ ކުޅުންތެރިންނެއް ނޫން، އެ ކުޅުންތެރިންގެ ކުޅުން ފެނުމާއެކު އެ ކުޅުންތެރިންނަށް ފުރުސަތު އެބަ ލިބިގެންދޭ."

ސާފް ޗެމްޕިއަންޝިޕަށް ފަހު 19 އަހަރުން ދަށުގެ ޓީމު ކުރިމަތިލީ ތަޖިކިސްތާންގައި ބޭއްވި އޭޝިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށެވެ. ހުރިހާ މެޗަކުން ބަލިވި ނަމަވެސް، ސީރިއާ އާއި ލުބުނާން އާ ދެކޮޅަށް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ކުރި މަސައްކަތް ފާހަގަ ކޮށް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިމަގުގައި ކާމިޔާބު ހޯދަން އެ ޓީމުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެޓީމުގެ ތިން ކުޅުންތެރިޔަކު ސީނިއާ ޓީމަށް ނަގާފައިވާ ކަން ބައްސާމް ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް އެއީ ކޮން ތިން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން މާލޭގައި ހުރެ މީޑިއާ އާ ވާހަކަ ދައްކަމުން ސީނިއާ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، 19 އަހަރުން ދަށުގެ ޓީމުން ތިން ކުޅުންތެރިޔަކު ސީނިއާ ޓީމާ ގުޅޭނެ ކަމަށާއި އެ ތިން ކުޅުންތެރިން ފައިނަލު ކުރުމުގެ ކުރިން 19 އަހަރުން ދަށުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އާ ވާހަކަ ދައްކާނެ ކަމަށެވެ.

ވޯްލޑްކަޕް ކޮލިފިކޭޝަންގައި މި އަންނަ ބުރާސްފަތި ދުވަހު ރާއްޖެއިން ނުކުންނާނީ ސީރިއާ ދެކޮޅަށެވެ. ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކާ ހުރެ ސީރިއާގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަރަބި އެމެރޭޓްސްގަ އެވެ.

"އަހަރެމެން އެމިރޭޓްސް އާ ދާ ފަހުން 19 އަހަރުން ދަށުގެ ބައެއް ކުޅުންތެރިން އަހަރެމެންނާ ގުޅޭނެ،" މާލެއިން ފުރުމުގެ ކުރިން ޝެގަޓް ބުންޏެވެ. "އަހަރެން ބަލާނަން 19 އަހަރުން ދަށުގެ ޓީމުން ދޭއް ނުވަތަ ތިން ކުޅުންތެރިންނަށް، އެކަން ބިނާވާނީ އެ ކުޅުންތެރިން ކުޅޭ މެޗުތަކަށް ބެލުމަށް ފަހު، އަހަރެން މަޝްވަރާ ކުރާނަން އަންޑާ 19 ޓީމުގެ ކޯޗާވެސް."