ހަބަރު

އެމްޑީއެންގެ މައްސަލަ ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި: ހަމީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ ސީރިއަސް މައްސަލައެއް ގޮތުގައި ނިންމާ އެކަން ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނާ ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ވިދާޅުވީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މަައްސަަލައަކީ ސީރިއަސް އަދި އަހަންމިއްޔަތުކަން ދީގެން ކުރާ ތަހުގީގެއް ކަމަށާއި ފުލުހުންނަކީ ގައުމީ ވާޖިބު އަދާ ކުރުމުގައި ބިރެއް ނެތި ވަކި ކޮޅަކަށް ނުޖެހި މަސައްކަތް ކުރާނެ ބައެއް ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވާއިރު އިޝްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ހިޔާލެއް ކަމަށް ސިފަކޮށްފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުމާއެކު އެ މައްސަަލަ ބަލަން އެދި އެކި ފަރާތްތަކުން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ. ކޮމިޝަނާ ހަމީދަކީ އެމްޑީއެންގެ ކުރީގެ ބޯޑް މެމްބަަރަކަށްވާތީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ނުބަލާނެ ކަމަށްް ބުނެ ފާޑު ކިޔުންތައް ވެސް އަމާޒުވެފައި ވެއެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ކަށަވަރު ކޮށްދެއްވާފަ އެވެ.