މެންޗެސްޓާ ޔުނައިޓެޑް

ބަދަލު ކުރަންވީ ކޯޗްތަ، ފިލޯސަފީތަ؟

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗްކަން، އެލެކްސް ފާގަސަން 2013 ވަނަ އަހަރު ދޫކޮށްލި ފަހުން، ދާއިމީ ގޮތެއްގައި ވިނިން ޓީމެއް އުފެއްދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކޯޗުން ބަދަލު ކޮށްފި އެވެ. ފާގަސަންގެ ބަދަލުގައި ފުރަތަމަ ޔުނައިޓެޑުން ހޯދީ ފާގަސަންގެ އަމިއްލަ ގައުމު ސްކޮޓްލޭންޑަށް ނިސްބަތްވާ ޑޭވިޑް މޮއިސް އެވެ. ފާގަސަންގެ ހިޔަނި ކަމަށް ސިފަ ކޮށް ޔުނައިޓެޑްގެ ކޯޗްކަން ހަ އަހަރުގެ ދިގު މުއްދަތަކަށް އޭނާ އާ ހަވާލު ކުރަން އެއްބަސްވުން ހެދި އެވެ.

ކޮންޓްރެކްޓަށް އެއް އަހަރު ނުވަނީސް، މޮއިސް މަގާމުން ދުރު ކުރި އެވެ. ޔުނައިޓެޑްގެ ހާލަތު ބަދަލު ކުރުމަށް ދުނިޔޭގެ ފެންވަރުގެ ދެ ކޯޗުން ކަމަށްވާ، ލުއިސް ވެންހާލް އާއި ހޯޒޭ މޮރީނިއޯ ވެސް ޔުނައިޓެޑްގެ ކޯޗް ކަމަށް ހަމަޖެއްސި އެވެ. އެއިން އެއްވެސް ކޯޗަކަށް ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވި ހިސާބަށް ޓީމެއް ނުގެންދެވުނެވެ. ފަހަރަކު ކޯޗެއް ވަކި ކުރަމުން އައިސް ޔުނައިޓެޑްގެ މިހާރުގެ ކޯޗް ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ އާ މިދިޔަ އަހަރު ހަވާލު ކުރެވުނެވެ. ފާގަސަންގެ ކޯޗް ކަމުގެ ދަށުން ޔުނައިޓެޑަށް ކުޅުނު އޭނާގެ ދަރިވަރެކެވެ. ސޮލްޝަޔާ ކޯޗް ކަމަށް ހަމަޖެއްސިތާ އެއް އަހަރު ނުވަނީސް މިހާރު އޮތީ އޭނާގެ މަގާމާމެދު ސުވާލު އުފެދިފަ އެވެ. އޭނާ މަގާމުން ވަކި ކުރުމުގެ ބިރު މިހާރު ކުރިމަތީގައި އެބައޮތެވެ.

ވިޔާފަރީ ފައިދާގެ ގޮތުގައި ޖޫން 30 ގެ ނިޔަލަށް އެއް އަހަރުތެރޭ، 772 މިލިއަން ޑޮލަރުގެ ފައިދާ އެއް ޔުނައިޓެޑަށް ޖެހިފައި ވެއެވެ. މިއީ ކުލަބުގެ ތާރީހްގައިވެސް ރެކޯޑު މިންވަރެކެވެ. ދެން ޔުނައިޓެޑަށް މަދުވަނީ ކޮން އެއްޗެއް ހެއްޔެވެ؟

މި ސީޒަންގައި އެ ޓީމުން ދައްކަމުންދާ ކުޅުމާއެކު އެއީ ވޭތުވެދިޔަ 30 އަހަރުތެރޭ އެޓީމުން އެންމެ އުނދަގޫކޮށް ފެށި ފުރަތަމަ ސީޒަނެވެ. ކުރީން 1989 ވަނަ އަހަރު އަށް ޕޮއިންޓާއެކު ޔުނައިޓެޑް 13 ވަނައިގައި ސީޒަން ނިންމި އެވެ.

މި ސީޒަންގައި ކުޅުނު އަށް މެޗުން ޔުނައިޓެޑަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ދެ ޕޮއިންޓާ ކައިރީގަ އެވެ. އިނގިރޭސި ފުޓްބޯޅައިގައި ޔުނައިޓެޑްގެ އެންމެ ބޮޑު ވާދަވެރިޔާ ލިވަޕޫލް އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގަ އެވެ. ލީގްގެ އަށް މެޗުގައި ޔުނައިޓެޑަށް ޖެހިފައި ވަނީ ނުވަ ލަނޑެވެ. އޭގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ސީޒަންގެ ފުރަތަމަ މެޗުގަ އެވެ. ޔުނައިޓެޑްގެ ހާލަތާ ބެހޭގޮތުން އެ ޓީމުގެ ކުޅުންތެރިންނަށް ވެސް ތަފްސީލެއް ދޭކަށް ނޭންގެ އެވެ.

"އަހަންނަކަށް ނޭންގެ މި ވަމުންދާ ގޮތެއް." ޔުނައިޓެޑްގެ ކީޕަރު ޑެވިޑް ޑެހެއާ ބުންޏެވެ. ސޮލްޝަޔާ ވެސް ބުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހުމުން ބޭނުންވި ގޮތަށް މަސައްކަތް ނުކުރީ ކަމަށެވެ. އެހެންނަމަވެސް މިހިނގަމުންދާ ކަންކަމަކީ ހަމައެކަނި އެންމެ މެޗަކާ ގުޅުން ހުރި ކަންކަމެއް ނޫނެވެ. ޔޫރޮޕާ ލީގްގައި ހޮލެންޑްގެ އޭޒްއަލްކުމާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ލަނޑު ޖަހާނެ ފުރުސަތެއް ވެސް ޔުނައިޓެޑަށް ތަނަވަހެއް ނުކުރެވުނެވެ.

ޔުނައިޓެޑް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދާ ކުލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވަނީ ޔުނައިޓަޑުން ކުރިއަށް ދާނީ މުސްތަގުބަލަށް ޕްލޭނަކާއެކުގައި ކަމަށެވެ.

"އަހަރެމެންް ކުރިއަށް ދާނީ، ދުރު މުސްތގުބަލުގެ ޕްލޭނަކާއެކު، ކުރު ރާސްތާ ޓާގެޓަކަށް އެކަމުން އަސަރައް ނުކުރާނެ،" އޭނާ ވިދާޅުވެފައި ވެއެވެ. "މިކުރާ އިންވެސްޓްމެންޓާ މެދު އަހަރެމެންނަށް ވަރަށް އިތުބާރު އެބައޮތް، ވަރަށް މުހިންމު ކަމެއް އޮލޭ [ސޮލްޝަޔާ] ކުރިމަގަށް ކުރާ މަސައްކަތާމެދު ކެތްތެރިވުން، އަހަރެމެން މިތިބީ އިނގިރޭސ ފުޓްބޯޅައިގެ އެންމެ އުހަށް ދެވޭނެ ކަމުގެ ޔަގީން ކަމާއެކު."

ކުލަބުންވެސް ބުނަމުން ދަނީ، ސޮލްޝަޔާއަށް އިތުބާރު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ފުޓްބޯޅައިގައި އަބަދު ކެތްތެރިކަމުގެ ފިލޯސަފީ މަސައްކަތެއް ނުކުރާނެ އެވެ. ހާއްސަކޮށް ޔުނައިޓެޑް ފަދަ ކުރިން ކާމިޔާބު ހޯދާފައިވާ ބޮޑެތި ކުލަބުތަކުގައި އެ ވިސްނުން ދެމެހެއްޓުމަކީ ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ.