އޮފްބީޓް

ނުހިނގޭ މީހަކު އުފުލައިދިން ފުލުހަކަށް ތައުރީފު

ހުރިހާ ގައުމެއްގައި ވެސް ފުލުހުންނާ މެދު ގޯސްކޮށް ދެކޭ މީހުން ގިނަ އެވެ. ނަމަވެސް ހުރިހާ އެންމެން އެއްގޮތް ނުވާނެކަމާއި އިންސާނިއްޔަތުކަން ހުރި މީހުން އަދިވެސް އުޅޭކަން އިންޑިއާގެ މި ފުލުސްމީހާ ވަނީ ސާބިތު ކޮށްދީފަ އެވެ.

އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ މި ފުލުސްމީހާ ވަނީ ދުވަސްވީ މީހަކު ނުހިނގިފައި އިންދާ އުރާލައިގެން އޭނަގެ ގެޔާ ހަމައަށް ގެންގޮސްދީފަ އެވެ.

އަދި މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ގިނަ ބަޔަކު މި ފުލުސް މީހާއަށް ދަނީ ތައުރީފު ކުރަމުންނެވެ.

އުއްތަރު ޕްރަދޭޝްގެ އަޔޯދްޔާގެ ފުލުސް ސްޓޭޝަނެއްގެ އިންޗާޖަކަށް ހުރި ޖައި ކިޝޯރު އަވަސްތީ އެ ދުވަހު ދަތުރު ކުރަމުން ދިޔައީ އެހިސާބުގަނޑުގެ ހާލަތު ބެލުމަށެވެ. ކުއްލިއަކަށް މުސްކުޅި އަންހެނެއް އޭނާއަށް ފެނުނެވެ.

އެމީހާ އަކީ މަގު ގެއްލިގެން އުޅޭ މީހެއް ކަމަށް ހީވެގެން ވަގުތުން އޭނާ އެ މުސްކުޅިމީހާގެ ކައިރިއަށް ދިޔަ އެވެ. ފައި ބިނދިފައި ވުމާއެކު ވެސް މުސްކުޅިމީހާ ހިނގަމުން ދިޔަ އެވެ. އެހެންވެ ޕޮލިސް ކާރު މަޑުކޮށްފައި ފުލުސް މީހާ އޭގެން ފައިބައިގެން ގޮސް އަންހެންމީހާއަށް އެހީތެރިވުމުގެ ގޮތުން އަތް ދިއްކޮށްލި އެވެ.

ކައިރިއަށް ކުއްލިއަކަށް ފުލުސް މީހެއް އައި ތަން ފެނުމުން އަންހެންމީހާ ފުރަތަމަ ގަތީ ބިރެވެ. އަދި އޭނާ އެއްވެސް ގޯސް ކަމެއް ނުކުރާ ކަމަށް ބުނެ ވަރަށް ދެރަވެފައި މައާފަށް އެދެން ފެށި އެވެ. އަވަސްތީ އަވަހަށް އެ މުސްކުޅި އަންހެންމީހާ އާ ވާހަކަ ދައްކާ އޭނަގެ ހިތްހަމަޖައްސާ ދިނެވެ. އަދި އޭނާއަށް ދިމާވެގެން އުޅެނީ ކޮން ކަމެއްތޯ ސުވާލުކުރި އެވެ.

އުމުރުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އަންހެންމީހާ އޭނަގެ ނަމާއި ދިރިއުޅޭތަން ކިޔައި ދިނެވެ. އަދި ފައި ބިނދިފައިވާ ކަމަށާއި ގެޔަށް ދާ މަގު އޮޅިގެން އުޅޭ ކަމަށް ބުންޏެވެ. އަވަސްތީ އެ އަންހެންމީހާ ގޮވައިގެން ޕޮލިސް ކާރުގައި އޭނާ އުޅޭ ގެ ހޯދައި ގެޔާ ހިސާބަށް ގެންގޮސްދިނެވެ. އަދި އުރާލައިގެން ގެޔަށް ވައްދައި ދިނެވެ. މި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވެ އަވަސްތީ އަށް ވަރަށް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފަ އެވެ.