ޕާކިސްތާނު މީހެއް ކަމަށްވާ ބުރުހާން ޗިޝްތީ ނުވަތަ ބޯބޯ އަކީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރު ކަމެއް ހޯދައިގެން އުޅޭ އިސްކޮޅުގައި އެންމެ ދެ ފޫޓު ހުންނަ މީހެކެވެ. ބޯބޯ މަޝްހޫރުވީ އޭނާގެ ކައިވެނީގެ ހަފުލާގައި ޕަންޖާބީ ލަވައަކަށް ނަށަނިކޮށް ނަގާފައިވާ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލް ވެގެނެވެ.
ބޯބޯ އަށް ކުޑައިރު ޕޯލިއޯ ޖެހި މުޅި ހަޔާތް ހޭދަކޮށްފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. ނަމަވެސް މިއީ ބޯބޯގެ ހިތްވަރާއި ދިރިއުޅުމުގެ އުންމީދުތަކަށް ހީނަރު ކަމެއް ގެނުވި ކަމަކަށް ނުވި އެވެ. އޭނާ އުޅެފައިވަނީ ވަރަށް ވެސް ފުރިހަމަ ދިރިއުޅުމެކެވެ.
ނޯވޭގެ އޮސްލޯގައި ދާދިފަހުން ބޭއްވި އޭނާގެ ކައިވެނީގެ ހަފުލާގެ ބޮޑު ކަމާއި ކުލަގަދަ ކަމުން ވެސް އޭނާގެ ކުޅަދާނަކަން ދައްކުވައިދެ އެވެ. މި ކައިވެނީގެ ހަފުލާގައި ބޯބޯގެ އެކުވެރިން ވަނީ އޭނާ އަތްދަނޑިމައްޗަށް ނަގައިގެން އޭނާ ލައްވާ ޑާންސް ކުރުވާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވީ މި ވީޑިއޯ އެވެ.
ބޯބޯ އޭނާގެ އަލަތު އަނބިމީހާ ފައުޒިއާއާއެކު ސެލްފީ ނަގަނިކޮށް ވެސް މި ވީޑިއޯގައި ފެނެ އެވެ. އަދި އޭނާގެ ކަރަންޓް ވީލް ޗެއާ ދުއްވަމުން އަންހެނުންގެ އަތުގައި ހިފާލައިގެން ކައިވެނީގެ ރިސެޕްޝަނަށް ވަންނަނިކޮށް ވެސް މި ވީޑިއޯ އިން ފެނެ އެވެ.
ބޯބޯ އާއި ފައުޒިއާގެ ކައިވެނީގެ ރަސްމިއްޔާތުގައި ދުނިޔޭގެ 13 ގައުމެއްގެ މީހުން ބައިވެރިވި އެވެ. ފައުޒިއާ ބުނި ގޮތުގައި އޭނާ ބޯބޯ ދެކެ ވަރަށް ލޯބިވެ އެވެ. އެހެންވެ ލޯބިވާވަރު އަންގައި ދިނުމުގެ ގޮތުން ބޯބޯގެ ނަން އަތުގައި ކަނޑާ ނަގާފައިވާ ކަމަށް ވެސް ފައުޒިއާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ބޯބޯ ބުނީ ދެ މީހުންގެ ވެސް އިހްސާސްތައް އެއްގޮތް ކަމަށެވެ. އަދި އޭނާ ވަނީ ފައުޒިއާ އަށް ނިސްބަތްކޮށް ބައެއް ފިލްމުތަކުގެ ޑައިލޯގްތައް ވެސް ކިޔާފަ އެވެ.
ބޯބޯ އަކީ ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަވެސް އޭނާ އުޅެނީ ވަރަށް މުއްސަނދި ދިރިއުޅުމެކެވެ. ބޯބޯ ސްޓައިލް އިވެންޓް، ސޫޓްސް އެންޑް މެނޭޖްމަންޓްގެ ނަމުގައި ތަފާތު އެކި ވިޔަފާރިތައް އޭނާ ކުރެ އެވެ. އަދި އޭނާ އަކީ ބޮލީވުޑް ބަތަލު ސަލްމާން ޚާންގެ "ބީން ހިއުމަން ކެމްޕެއިން" ގައި ނޯވޭ ތަމްސީލު ކުރާ ފަރާތެވެ. އަދި ބެސްޓް އިންސްޕިރޭޝަނަލް ޕާސަން 2017 ގެ އެވޯޑު ވެސް ބޯބޯ އަށް ލިބިފައި ވެއެވެ
.
ދުނިޔޭގެ އެކި ކަން ގައުމުތަކުގައި ތިބި މަޝްހޫރު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނާ ބޯބޯ ރައްޓެއްސެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން އެކި މީހުންނާ ކޮށްފައިވާ މުއާމަލާތްތަކުން މިކަން ހާމަވެ އެވެ.
ބޯބޯ ބުނީ އޭނާ އާއި ފައުޒިޔާގެ ގުޅުމަކީ ލޯބީގެ ގުޅުމެއް ކަމަށާއި އުފާވެރި ދެމަފިރިންގެ ގޮތުގައި ދިރިއުޅެން މަސައްކަތް ކުރާނެ ކަމަށެވެ.