(6 އޮކްޓޯބަރ 2019 އާ ގުޅޭ)
"އައި އޭމް ޑިސެޕޮއިންޓެޑް... އަލްމާއާ ދިމާއަށް އެއްޗެކޭ ބުނަންވީ ކީއްކުރަން؟... ފުރަތަމަ ދުވަހުވެސް އޭނާ ހުއްޓުވުމަށް ލިއަމްއަށް އެއްވެސް ކަމެއް ނުކުރެވުނު... ދި އިޒް ޔޯ ފޯލްޓް... އަހަރެން ޝަކުވާކުރާނީ އަލްމާއަކާނޫން... އަހަރެންގެ ފިރިމީހާއަށް އޭނާއަކީ މީހެއްގެ ފިރިއެއްކަން ނޭނގުނީ، އޭނާއަށް ހިލޭ އަންހެނަކު ނުހުއްޓުވުނު..." ހޭޒަލް ބައްދަމުން އައި ދެތުންފަތް ފޫއަޅުވާލައި ގިސްގެ އަޑު ނުކުތެވެ.
ލިއަމް އައިސް ހޭޒަލްގެ ފުރަގަހުން ބައްދާލަން އުޅުނެވެ. ނަމަވެސް ހޭޒަލް ދެފަރާތަށް ތެޅިފޮޅިގަތުމުން އޭނާއަށް ދުރަށް ޖެހެން މަޖުބޫރުވީއެވެ. ދެން އައިސް ހޭޒަލް ފެންނާނޭހެން ފެންސުގައި ޖެހިލައިގެން އަރިއަކަށް ލިއަމް ހުއްޓުނެވެ. އެހިސާބުގައި ވެސް އެ ދެމީހުންނޫން ބަޔަކުނެތެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ލިއަމް އާދޭސްކުރާ ފަދައިން ހޭޒަލްގެ ގާތުން ރުއިން ހުއްޓާލުމަށް އެދުނެވެ. އޭނާ ދެން ކަންތައްކުރަންވީ ކިހިނެއްތޯ ވެސް ހޭޒަލްއާ ސުވާލުކުރިއެވެ. އަލްމާ ގެނެސް ހޭޒަލްގެ ކުރިމަތީ ބަހައްޓައިގެން ވާހަކަދައްކަންވީތޯ ލިއަމް އެއްސެވެ. ހޭޒަލްގެ ހިތުގައި ލިއަމްގެ މައްޗަށް ކުޑަ ވެސް ޝައްކެއްވާނަމަ އެ ޝައްކު ފިލުވައިދޭން ލިއަމް ބޭނުންވާކަން ހާމަކުރިއެވެ. ނޭނގުމުގެތެރޭ ކުށެއްކުރެވިފައިވާނަމަ ހޭޒަލްގެ ގާތުން ލިއަމް މަޢާފަށް ވެސް އެދެފިއެވެ. ނަމަވެސް ހޭޒަލް ބަހެއް ނުބުންޏެވެ. އޭނާއަށް ރޮވެނީއެވެ. ގިސްލެވެނީއެވެ.
އިރުއޮއްސެން ކައިރިވީ ވަރަކަށް އުދަރެސް ޖަރީކުރި ރަންކުލަތައް އުދަރެހުން ފިރުކެމުން ގޮސް ގެއްލެންފަށައިފިއެވެ. މަޑުމަޑުން އަނދިރިކަމެއް ވެރިވަމުންދިޔައެވެ. ހޭޒަލްގެ ރުއިން ވެސް އޭރު ހުއްޓިއްޖެއެވެ. އެ ދެ ލޯ ފުހެފުހެ ހޭޒަލްގެ ލޯ ކައިރި ރަތްވެ ދުޅަވާގޮތް ހުރީ ވެފައެވެ.
"އަނދިރިވަނީނު... ހިނގާ ގެއަށް ދާން" ލިއަމް މަޑުމަޑުން ބުންޏެވެ. އެއާއެކު ހޭޒަލް ފެންސު ކައިރިން އެނބުރިލާ އައިކޮޅަށް ދާން ހިނގައިގަތެވެ. އެތަން ފެނި ލިއަމް ވެސް އޭނާއާއެކު އަވަހަށް ހިނގައިގަނެއްޖެއެވެ.
އެނބުރި ގެއަށް އަންނަން ހޭޒަލްއަށް އެނގުނީ ލިއަމް ހުރީމައެވެ. އެހެންނޫންނަމަ މިއަދު އޭނާ އެ ރަށަށް ގެއްލުނީހެވެ. ނޫކުލައިގެ ތިރި ފާރުބުރީގައިވާ ކުޑަ ގޭޓު ހުޅުވާލައި އެތެރެއަށް ފުރަތަމަ ވަނީ ލިއަމްއެވެ. ހޭޒަލް ހުރީ އޭނާގެ ފަހަތުގައެވެ. ދެ ޒުވާނުން އައިސް އެޕާޓްމެންޓަށް ވަނެވެ. ދޮރު ތަޅުލާފައި ލިއަމްއަށް މަޑުކޮށްލެވުނީ ހޭޒަލްގެ ހަރަކާތްތަކަށް ބަލާށެވެ. ލިއަމްއާ ވާހަކަދެއްކުމެއްނެތި ހޭޒަލް ގޮސް ވަނީ ކޮޓަރިއަށެވެ. އެތަން ބަލަން ހުރެފައި ލިއަމް އިށީނީ ފާރުގައި ޖައްސާފައި ހުރި ދިގު ސޯފާގައެވެ. ބޮލުގެ އިސްތަށިގަނޑާއި މޫނުގައި އޭނާ އަތްތިލަ ހިންގާލިއެވެ. ދެކަކުލުގައި އުޅަންބޮށިކޮޅު ވިއްދާލައި ހަށިގަނޑު ގުދުކޮށްލައި ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލައިގެން އިރުކޮޅަކު ލިއަމް އިނެވެ. ދެއަތްތިލައިގެ ތެރެއިން މޫނު ހިއްލާލުމާއެކު ފުން ނޭވާއެއް ދޫކޮށްލައި ސޯފާއިން ލިއަމް ތެދުވެގެން އައިސް ލައްޕާފައި ހުރި ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ދޮރަށް ފުރަގަސް ވާގޮތަށް އެނދުގައި އަރިއަކަށް އޮށޯވެލައިގެން ހޭޒަލް އޮތެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފަ ވެސް ލިއަމް އަލުން ކޮޓަރީގެ ދޮރު ލައްޕާލީއެވެ. ދޮރު ލެއްޕުނު އަޑު އަހަން އޮވެފައި ހޭޒަލް ބޯހިއްލާލައި އެދިމާ ބަލާލިއެވެ.
"ލިއަމް ދައްކާ ވާހަކަ އަހަރެން ޤަބޫލުކުރާނީ ކިހިނެއް؟... މިކަމުގައި ހަޤީޤަތަށް ވެސް ހުރިހާ ނުބައެއް ހަދަނީ އަލްމާތަ؟ އެކަމަކު ކީއްވެ؟... ލިއަމް އަޅާނުލާއިރު އޭނާގެ އަނބިމީހާގެ ކުރިމަތީގަ ވެސް އަލްމާ ލަދެއްނުގަތް، އަހަންނާ ފުރަތަމަ ބައްދަލުވި ދުވަހު ވެސް އެނގުނު އަލްމާގެ ނިޔަތް ރަނގަޅުނޫންކަން، އޭނާ ލިއަމްއަށް އެބަހައްޓާ ޚާއްޞަކަމަކީ ރައްޓެއްސަކު ބަހައްޓާ ކަހަލަ ގާތްކަމެއްނޫން، އޭނާ އެހެން އުޅޭއިރު ހިތަކަށް ވެސް ނާރާބާ އެވެސް މީހެއްގެ އަނތްބެކޭ، ލަދުގެ ކަންފުޅެއް ވެސް ހަމަނެތީތަ.... ލިއަމް އެއްޗެކޭ ނުބުނާތީ އެކަމުގެ ފައިދާތަ އަލްމާ އެ ނަގަނީ، އެކަމަކު ލިއަމް ކީއްވެ އެއްވެސް އެއްޗެއް ނުބުނަންވީ، އަހަރެން އައީމަތަ އަލްމާ އެހާވަރެއް އަރުވާލައިގެން އެ އުޅެނީ... އަހަރެން ނެތިސް މި ހުރިހާ ދުވަހު އަލްމާގެ ޢަމަލުތައް ހުރީ ކިހިނެއްކަމެއް ވެސް ނޭނގެ، ލިއަމްއަށް އުނދަގޫވާނަމަ މަނާކުރާނެ، ކޮންމެވެސް ގޮތަކުން ހުއްޓުވާނެ.... ލިއަމްއަށް އަދިވެސް އަލްމާގެ ނިޔަތް ގޯސްކަން ނުވިސްނެނީތަ، އަހަންނަށް މިހުރިހާ ކަމެއް ފެނި ސުވާލު އުފެދޭއިރު ކީއްވެ ލިއަމް އެއްޗެއް ހިތަށް ނާރަންވީ... ކީއްވެ ލިއަމް؟... ނޭނގެއޭ ލިއަމް ބުނީމަ އަހަރެންގެ ހިތުގަވާ ސުވާލުތަކަށް ޖަވާބެއް ނުލިބޭ... ކަމެއްވުމުން ނުކުރާނަމޭ ބުނެގެން ހަމައެކަނި ނުނިމޭނެ، ދެމެދުގައި އެވީ ކަންތަކާގުޅިގެން ވާހަކަދެކެވެން ޖެހޭނެ... އެކަމަކު ވާހަކަދެއްކުމުގެ ބަދަލުގައި ލިއަމް އެކަމެއް އޮއްބާލަން މަސައްކަތްކުރަނީ... ކީއްވެ؟..." ހޭޒަލްގެ މޭގައި ބާލީސް ގެނެސް ޖައްސާ ބާރުކޮށްލިއެވެ. ހިތުގައިވި ވާހަކަތައް އިވިގެންދިޔައީ ހަމައެކަނި ހޭޒަލްގެ ދެކަންފަތަށެވެ. ތަކުރާރުކޮށް އެހި ނަމަވެސް ލިއަމްގެ ފުށުން ސާފު ޖަވާބެއް ލިބުމަކީ އުނދަގޫކަމެއްކަން ހޭޒަލްގެ ޟަމީރު ވެސް އެއްބަސްވެއެވެ.
ބޮލަށް ބަރުވެ ހޭޒަލްގެ ނިތްކުރީގައި ތަދެއް އުފެދިފައި ވެއެވެ. އޭގެ އިތުރުން ކުއްލިއަކަށް އޭނާގެ ބަނޑުގައި ވެސް ރިއްސަން ފަށައިފިއެވެ. ނިދާލަން ހިތަށް އަރާފައި ވެސް އިރުއޮއްސި ދެނަމާދު ދޭތެރެއަކީ ނިދުން ރަނގަޅު ވަގުތެއް ނޫންކަން އެނގޭތީ ބަންގި ގޮވަންދެން އޭނާ ލޯ މަރާލައިގެން އޮތެވެ. އެހެން އޮތްއިރު މަޑުމަޑުން ދެ އަތުގެ އިނގިލިތަކުގެ ކޮޅުން ނިތްކުރި މަސާޖުކޮށްލިއެވެ. ހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރެއަށް އެހިސާބުގެ މިސްކިތަކުން މަޣްރިބު ނަމާދަށް ގޮވިއަޑު އިވުނެވެ. ބަންގި ނިމުމުގެ ކުރީން ހޭޒަލް ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.
ފާޚާނާއިން ހަލުވިކޮށް ނިކުތް ހޭޒަލް އައިސް އަލަމާރިތެރޭގައި ހުރި ކޮތަޅުން ސެނިޓެރީ ނެޕްކިންއެއް ނަގައިގެން ގޮސް ފާޚާނާއަށް ވަނެވެ. ކުރިއަށްވުރެ އޭނާގެ ޠަބީޢާތް ގޯސްވީ ކަހަލައެވެ. ފާޚާނާއަށް ވަންނަން ދިޔައީ ކުދިކިޔަމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލައި އަލުން ލައްޕާލި އަޑު ފާޚާނައިގަ ހުރި ހޭޒަލްއަށް އިވުނެވެ. އޭގެ އިރުކޮޅެއް ފަހުން ފާޚާނާއިން ހޭޒަލް ނުކުތްއިރު އިހު ހުރިހެން ކޮޓަރީގައި މީހަކުނެތެވެ. ލިއަމްއާ ކުރިމަތިނުލާ ނުވާނޭކަން ހޭޒަލްއަށް އެނގެއެވެ. ނަމަވެސް ލިއަމްއާ ވާހަކަދައްކާނޭ ގޮތަކާމެދު ހޭޒަލް ވިސްނާލަން ކޮޓަރީގަ މަޑުކޮށްލިއެވެ. އެނދުގެ އަރިމަތީ ދޮރާ ކުރިމަތިވާނޭހެން ހޭޒަލް އިނެވެ. އަލްމާއަށް ވެގެން އުޅޭގޮތެއް އެނގެން ހޭޒަލް ބޭނުމެވެ. އެ ސުވާލު އަލްމާއާ ކުރާނީ ޚުދު ހޭޒަލްތޯ ނޫނީ ލިއަމް ވެސް ހުރެގެންތޯ ހޭޒަލް ވިސްނިއެވެ. ނޫނީ އޭނާއަށް ބުނެވޭ އެއްޗަކުން އިތުރަށް ކަންތައްވާނީ ގޯސްބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ މާލެ ދާން ދެ ދުވަހަށް ވެފައި ވަނިކޮށް މިހިނގި ކަންތައްގަނޑު ކޮންމެވެސް އެއްކޮޅެއްގަ ޖައްސަން ޖެހޭ ކަމުގައި ހޭޒަލްގެ ޟަމީރު ބުންޏެވެ. ހޭޒަލް އެނދުން ތެދުވެގެން އައިސް ނިކަން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. ދެން ފަނޑުކޮށް ދުރުން އިވޭ ފަދައިން ލިއަމް މީހަކާ ވާހަކަދައްކާ އަޑު އިވުނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމެއްނެތި ހޭޒަލް ސިއްރުން އުޅޭ މީހަކު ފަދައިން ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ސޯފާގަ ލިއަމް ފެންނަން ނެތުމުން ބޯއަރިކޮށް ހޭޒަލް ހޯދާލިއެވެ. ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަނީގެ ދޮރު ކަހާލާފަ ހުރިއިރު ލިއަމްގެ އަޑު އަންނަނީ އެ ދިމާއިންކަން ހޭޒަލްއަށް އެނގުނެވެ.
"ބަލާއެއްނު ދެން... ނުޖެހެޔޭ އެވައްތަރަށް ތެޅޭކަށް..." ލިއަމް ބުނި އަޑު އިވުނެވެ. އޭނާ ހޭޒަލްއާ ހުތުރު ބަހުން ވާހަކަނުދެއްކި ނަމަވެސް އޭނާގެ ރައްޓެހިންގެ ތެރޭގަ އަނގަ ހުތުރު މީހަކަށް ލިއަމް ވާނެއެވެ. އެކަން ހޭޒަލް ދެނަހުއްޓެވެ. އެ ދައްކަނީ ކޮންކަމަކާ ބެހޭ ވާހަކައެއްކަމެއް ހޭޒަލްއަކަށް ނޭނގުނެވެ. އެހެންނަމަވެސް ލިއަމް ކުއްލިއަކަށް ޝިޔާނުގެ ނަން ކީ އަޑު އިވި ފޯނުގެ އަނެއްކޮޅުގައި ހުރެ ލިއަމްއާ ވާހަކަ އެދައްކަނީ ޝިޔާނުކަން ޔަގީންވިއެވެ. ލިއަމް ވާހަކަދެއްކި ރާގުން އޭނާ އެ ހުރީ ވަރަށް ރުޅި އައިސްފަކަން ހޭޒަލްއަށް ދެނެގަންނަން އެނގުނެވެ.
"ދެން ލެޑިލެޑީނުން ތަނެއް ދުޅަ އަރުވާލީމަ މަވަރުގެ ނުބައިމީހަކު ނުހުންނާނެ، އެވަރު ނުކުރާތިކަންނޭނގެ މައިތިރިނުވެގެން އެއުޅެނީ... އެޅ* ނުޖެހޭ ޒެއްލު ކުރިމައްޗަށް އަންނާކަށް، ނައްޓާނެ ދޯ އެވަތަރަށް ތެޅެންޏާ، ޔުސްގެ ބެސްޓީއޭ ބުނާތި އަޅާނުލާ ހުރީ، މަ އެބައުޅެންތަ އެޅ*އާ ހިތާވާ ހިތުން... އެޅ* އަމިއްލައަށޭ އައީ މަގޭ ކައިރިއަށް" ލިއަމް ފޫހި ރާގެއްގަ ހުތުރު ބަހުން ބުންޏެވެ. ލިއަމްގެ ވާހަކައިވި ހޭޒަލްއަށް އިތުރަށް ވިސްނާލަން މަޖުބޫރުވިއެވެ. ހިތްބުނީ ލިއަމްއާއި ޝިޔާނާ ދެމެދު އެ ދެކެވެނީ އަލްމާގެ ވާހަކަކަމެވެ. އެހެންވެއްޖެނަމަ ލިއަމްގެ ވާހަކަތަކުން އޭނާ އަލްމާދެކެ ފޫހިވެ ރުޅިއަންނަކަން ދޭހަވެއެވެ. އެވަރުން ވެސް ހަޤީޤަތަކީ ކޮބައިކަމެއް ވަކިކުރާކަށް ހޭޒަލްއަކަށް ނޭނގުނެވެ.
"އައްޗީޑި!... މަތަ!... މަ އިންނާނެކަމަށް... ބުނޭ... އޭތް! މަ ފަހުން ގުޅާނަން" ލިއަމް ވާހަކައިގަ ހުރެ އެނބުރިލި ވަގުތު އޭނާގެ ލޮލުގައި ހޭޒަލް އަޅައިގަތެވެ. އެއާއެކު ވަގުތުން ފޯނުކޯލު ކަނޑާލައިފިއެވެ. އަދި ހަލުވިކޮށް ސިޓިންރޫމު ތެރެއަށް ވަދެގެން އައިސް ހޭޒަލްއަށް ގޮވާލިއެވެ. ރުޅިވެރިކަމާއި ފޫހިކަން ވެސް ލިއަމްގެ މޫނުން ފިލައި ހިނގައްޖެއެވެ. ވަގުތުން މަޑުމޮޅިކަމުގެ އަސަރު އޭނާގެ ފުށުން ފާޅުވެލިއެވެ.
"އައި އޭމް ސޮރީ..." އިރުކޮޅަކު ހޭޒަލްއަށް ބަލަން ހުރެފައި ލިއަމް އައިސް އޭނާގެ ކުރިމަތީ ހުއްޓިލިއެވެ.
"އާދެބަލަ އިށީންނަން" ހޭޒަލް އެއްޗެކޭ ނުބުނެ އިސްޖެހިފައި ހުންނާތީ ލިއަމް އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އޭނާ ހޭޒަލްގެ އަތުގައި ހިފުމުން މިފަހަރު ފޮޅުވައެއް ނުލިއެވެ. ހޭޒަލް ގޮވައިގެން ލިއަމް އައިސް ސޯފާގައި އިށީނެވެ. އެވަގުތު ފާރުގައި ޖެހި ކުދިކުދިވެފައި އޮތް ފޯނު ހޭޒަލްއަށް ފެނުނެވެ. ކުރެވުނީ ކިހާ ދެކޮޅު ނުޖެހޭ ކަމެއްކަން ހޭޒަލްއަށް ވިސްނުނީ ދެނެވެ. އައި ރުޅީގަ ފޯނު ހަލާކުކޮށްލެވުމުން ދެން ދިމާވާނެ ދަތިކަން ހިތަށް ތަސައްވުރު ކުރެވުނެވެ.
"ޒެއްލު ވާހަކަދައްކަބަލަ... ތިހެން އިނީމަ އަހަންނަށް ހީވަނީ ޒެއްލު އަހަންނަށް ބިލީވެއް ނުކުރެޔޭ، އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟، އަދިވެސް ޝައްކުވެފަތަ ތިއިންނަނީ... ޕްލީޒް ލަވް... އަހަންނަކަށް ނޭނގެ ދެން ޒެއްލު ބިލީވްކޮށްދޭން ކުރަންވީ ކީއްކަމެއް، އައި ލަވް ޔޫ... ޒެއްލު އަހަންނަށް ޓްރަސްޓްނުކުރަންޏާ އަހަރެމެން ދެ މީހުންނަށްވާނީ ކިހިނެއް؟..." ލިއަމް ވާހަކަދެއްކީ ވަރަށް ދެރަވެފަ އިނދެއެވެ.
"އަލްމާ އެހެން އެއުޅެނީ ކީއްވެ؟" ލިއަމްއާ ނަޒަރު ސީދާކޮށްލުމެއްނެތި އިސްޖެހިފައި އިނދެ ހޭޒަލް އެއްސެވެ.
"އައި ޑޯންޓް ނޯ... އޭނާއަކައްނު އެނގޭނީ..." ލިއަމްގެ އަޑު ކުއްލިއަކަށް ބަދަލުވިއެވެ.
"އަހަރެން މިކޮޅަށް އައީމަތަ އޭނާ އެހެން އެއުޅެނީ... ނޫނީ އަހަރެން ނެތްއިރު ވެސް އޭނާ އުޅުނީ އެހެންތަ؟... މިކަންކަން ފެންނަ ހިސާބުގަ އަހަރެން ނެތީމަ ލިއަމްއަށް އޭނާގެ ކަންކަން ބޮޑުކަމަކަށްނުވީ ދޯ، އޭނާ ކޮންމެކަމެއް ކުރިޔަސް ލިއަމް ހެޔޮވެފަ ހުރީ... ލިއަމް ދެކޮޅު ނުހަދާނެކަން އެނގިގެންހެން ހީވަނީ އޭނާ އެ ހުރިހާ ވައްތަރަކަށް އެ އުޅެނީ، ލިއަމް!... ޓެލްމީ ދި ޓްރުތް" ހޭޒަލް ސީދާ ލިއަމްގެ ދެ ލޮލަށް ބަލާލިއެވެ. އެ ދެ ލޮލުން ހޭޒަލްއަށް ހަޤީޤަތް އޮޅުންފިލާފާނޭ ހީވަނީއެވެ. ލިއަމް އަޑެއް ލައްވާލުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ. އަދި ހޭޒަލްގެ މޫނަށް ބަލަން އިނދެ ކުރިއަށް ޖެހިލައި ހޭޒަލްގެ އުނގުގައި އޮތް ދެއަތްތިލައިގަ ލިއަމް ހިފާލިއެވެ.
"އަހަރެން ކަމަކަށް އިސްނަގައިގެންނެއްނޫން އަލްމާ އެހެން އެ އުޅެނީ، ޒެއްލު އައީމަ އޭނާ އުޅޭގޮތް ތަފާތުވެއްޖެކަން އަހަންނަށް ވެސް އެނގޭ، އެކަމަކު މިހާ މައްޗަށް ދާނޭ ކަމަކަށް ހިޔެއްނުކުރަން..." ލިއަމް ބުނީ ކުރީން ވެސް އޭނާ ހޭޒަލް ގާތު ބުނި ފަދައިންނެވެ. މިނޫނީ ފިރިމީހާގެ ބަސް ޤަބޫލުކުރަން ދަތިވެފައެއް ހޭޒަލްއަށް ނެތެވެ.
"އަލްމާއާ ދިމާއަށް އެއްޗެކޭ ނުބުނީ ކީއްވެ؟ އޭނާގެ ކަންތައް މާމައްޗަށޭ ތިބުނީ ދިޔައީ، އެކަން ލިއަމްއަށް އެނގުމުން ވެސް ބަހެއްނުބުނެވުނު، އެހިސާބަށް ދިޔައީމަ އޭނާއަށް ވެދާނެ ގޮތަކާމެދު ވިސްނާކަށް އަހަރެމެން ނުޖެހޭ، އޭނާ އަހަރެމެން ދެމަފިރިންގެ ދޭތެރެއަށް ވަންނަން އުޅޭހެން ހީވާއިރަށް ލިއަމްއަށް އޭނާ ހުއްޓުވެން ޖެހޭނެ، ކީއްވެތަ އޭނާ ފޮޅުވާލާފަ ދޮރުނުހުޅުވީ... ލިއަމް ގަދަކަން ދައްކާލިނަމަ އޭނާއަށް ނުކުރެވޭނެ އެއްކަމެއް ވެސް، އަހަރެންނަށް މިހެންވާނޭކަން އެނގޭއިރު ވެސް ލިއަމް ވިސްނީ އަލްމާއާމެދު، އަހަންނާމެދު ވިސްނިނަމަ އަލްމާ ހޫރާލާފަވިޔަސް ނޫނީ އޭނާއާއެކު ދޮރު ވައްޓާލަންޖެހުނު ނަމަވެސް އަހަރެން ގޮވާލަންވާއިރަށް އެ ދޮރު ލިއަމް ހުޅުވީސް.... ކޮންމެ ގޮތަކަށް މިވާހަކަދެއްކިޔަސް އެ ހަޤީޤަތް ބަދަލުކުރެވޭނެތަ، އެހިނގައިދިޔަ ކަންތައް ނުވާކަމަކަށްވާނެތަ؟" ހޭޒަލް ބުންޏެވެ.
"އެކަން ނުވާކަމަށް ހަދާކަށް ނޫޅެން، އަހަރެން ވެސް ކިޔާދިނީ އެވަގުތު އަހަރެންގެ ވިސްނުން ހުރިގޮތް، އަލްމާ ގާތު ދޮރުހުޅުވަން އަހަރެން ވެސް ވަރަށް ކީން، ދޮރުކައިރިން ދުރަށް ނުދިޔަ ތަނުގަ އަހަންނަށް ދޮރުހުޅުވާނޭ ފުރުޞަތެއް ވެސް ނުދޭން އޭނާ ހުރީ، ޒެއްލު ބްލީވް ނުކުރަނީ ކީއްވެތަ؟ އޭނާ އެކުޅުނު ކުޅިވަރަކީ ހަޤީޤަތެއްނެތްކަމެއް، ޒެއްލު އެ ހުރިހާކަމެއް ބްލީވް ކުރީމަ އޭނާ ބޭނުންވިގޮތް އެވީ... އޭރުން މޮޅުވީ އޭނާގެ ކޮޅު... ޕްލީޒް ޒެއްލޫ... ޓްރަސްޓް މީ" ހޭޒަލްގެ ދެއަތް ގެނެސް ލިއަމްގެ ނިތްކުރީގައި ޖައްސާލިއެވެ.
"ދެ ދުވަސް ފަހުން އަހަރެން ފުރައިގެން މާލެ ދާނެ، ލިއަމްއަށް އާދެވޭނީ ކޮންދުވަހަކުން ކަމެއް ޔަގީނެއްނުވޭ، ދެތިން ދުވަސްކަމެއް، ހަފްތާއެއްކަމެއްވާނީ ބުނާކަށް ނޭނގެ، އެ ދުވަސްތަކުގައި މިތަނުގައި ހިނގަނީ ކޮންކަމެއްކަން ވެސް އަހަންނަކަށް ނޭނގޭނެ... މި ހުރިހާ މަންޒަރެއް ދުށުމަށްފަހު ވެސް އަހަރެން ހުންނަންވީތަ ކަމެއްނުވާނެޔޭ ހިތަށް އަރުވާލައިގެން... އެހެންތަ ލިއަމް ތިބުނަނީ" ލިއަމްގެ އަތުގެ ތެރެއިން މަޑުމަޑުން ދެއަތްތިލަ ނަގަމުން ހޭޒަލް ވާހަކަދެއްކިއެވެ.
"ކީއްވެތަ އަދިވެސް އަހަރެން ބުނާއެއްޗެއް ޤަބޫލުނުކުރެވިގެން ތިއުޅެނީ، އަހަރެން ޒެއްލުނޫން އަންހެނެއް ކައިރިއަކަށް ނުދަން... އެހެންނޫނަސް އަލްމާއާއެކު ކަމެއްވެފަ އޮތްނަމަ އޭނާ އެގޮތަށް ޒެއްލުގެ ކުރިމަތީ އުޅުނަ ދޭންވީ ކީއްވެ؟... އެހެން އުޅުނީމަ އަހަންނަށް ވެސް އެނގޭނެ ދޯ ޒެއްލުއަށް ޝައްކުކަންވާނީ..."
"އަލްމާއާއެކު ކަމެއްވެފަތަ އޮތީ؟" ލިއަމްގެ ވާހަކަ ނުނިމެނީސް ހޭޒަލްއަށް އަހާލެވުނެވެ.
"ނޫނެކޭ!.... ނެތޭ ކަމެއް!... ތި ހުރިހާ ކޫސަނި ޚިޔާލުތަކެއް ބޮލުން ނެރިލަބަލަ، ދެން ރަނގަޅަށް އަޑުއަހާ... އަހަރެން ޒެއްލުނޫން އަންހެނަކާ ގާތެއްނުވަން، ޕްލީޒް... ދެން ޤަބޫލުކޮށްބަލަ" ހޭޒަލް ޤަބޫލުނުކުރާތި ލިއަމްއަށް އެކަމުން އުނދަގޫވިއެވެ. އޭނާ އެކި ގޮތްގޮތަށް ވެސް ދައްކަނީ ހަމަ އެއްވާހަކައެކެވެ. އެ ވާހަކަތަކުން ހޭޒަލްއަށް ދޭހަވީ އަލްމާއާއި ލިއަމްގެ ދެމެދުގައި ގުޅުމެއްނެތްކަމެވެ. އަލްމާގެ ޢަމަލުތަކަށް ޒިންމާވާން ޖެހޭނީ ޚުދު އަލްމާކަމެވެ. ވެދިޔަ ހުރިހާ ކަމަކީ އަލްމާ އަމިއްލައަށް ރާވާފައިވާ އޭނާގެ އަމިއްލަ އެޖެންޑާއެކެވެ. އެކަމުގައި ލިއަމްގެ އެއްވެސް ޚިއްޞާއެއް ނެތްކަމެވެ.
"އަލްމާ ގާތު އަހަން ބޭނުން އޭނާ އެހެން އުޅެނީ ކީއްވެތޯ؟... އަހަރެން މިރަށަށް އައީސުރެން އޭނާގެ ފަރާތުން ފާހަގަވާ ކަންކަމުގެ ވާހަކަ ދައްކަން ބޭނުން، އޭނާގެ ގަސްދަކީ އަހަރެމެން ދެ މަފިރިން ދުރުކުރުވުންތޯ ވެސް އަހަން ބޭނުން" އިރުކޮޅަކު އިނދެފައި ހޭޒަލް ބުނެލިއެވެ. އެއާއެކު ފޫހިކަމުގެ އަޑެއް ލިއަމް ލައްވާލިއެވެ. އަދި ހޭޒަލްއާ ދުރަށް ޖެހުނެވެ.
"އާނ! އަހާ... މަށަށް ބުނެވިއްޖެ ދޯ... ޒެއްލުއަށް މަގޭ ވާހަކަ ޤަބޫލުނުކުރެވެންޏާ އޭނާ ގާތު އަހާ، ހުރިހާ ފަންޏެއް ހެދީ އޭނަ، އޭޗަކާ ހުރެ ބޮލުގަ ރިއްސަން ފަށައިފި... އެ އަންހެނާ ލޮލުކޮޅަށް ފެންނާކަށް ވެސް މަށެއް ބޭނުމެއްނޫން، އެކަމަކު ޒެއްލުއަށް މަށަށްވުރެ ބޮޑަށް އޭނާއަށް އިތުބާރުކުރެވެންޏާ އަހާފަ ބަހައްޓާ، އެގެއަށް ދާންވީމަ ބުނޭ... ނޫނީ މިތަނަށް ގެންނަންވީތަ؟" ލިއަމް ހިތްހަމަނުޖެހުނުކަން އޭނާގެ ހަރަކާތުން ވެސް ހޭޒަލްއަށް އެނގުނެވެ. ހޭޒަލް އެއްޗެކޭ ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހޭޒަލްއާ ދުރަށް ސޯފާގެ ކޮޅަށް ޖެހިލައި ކޮފީ މޭޒު މައްޗަށް ލިއަމް ދެފައި އަރުވާލިއެވެ. އަދި ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލުމާއެކު އޭނާ ދެ ލޯ މަރާލިއެވެ.
ވަގުތު ހިނގަމުން ދިޔައެވެ. ނުރުހިފައި ހުރެވެސް ރޭގަނޑުކާން ދާން ހޭޒަލްގެ ގާތުގައި ލިއަމް އެދުނެވެ. ހޭޒަލް ބޭނުންނުވުމުން އޭނާ ވެސް އިތުރު ވާހަކައެއް ނުދައްކާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮތީއެވެ. ހޭޒަލް ވެސް ލިއަމްގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް އެނދަށް އަރާ އޮތެވެ.
* * * * *
ނިދީގައި ފުރޮޅިލަން އުޅުނު ހޭޒަލްއަށް ލޯ ހުޅުވާލެވުނީ އޭނާގެ ބަނޑުމަތީ އޮތް ލިއަމްގެ އަތް ބާރުވެލުމުންނެވެ. ދެ މީހުން ދެ ފަރާތަށް އެނބުރި ތިއްބާ ނިދުނަސް މިހާރު ލިއަމް އޮތީ ހޭޒަލްގެ ގާތުގައެވެ. އޭނާގެ އުނަގަނޑުގައި ހިފާ ލިއަމްއާ ގާތްކޮށްލައިގެން ނިދާފައެވެ. އިއްޔެއާއި ރޭގައި ހިނގައިދިޔަ ކަންތައްތައް ހޭޒަލްގެ ހަނދާނުގަ ދިރިގެން ދިޔައެވެ. ލިއަމްދެކެ ނުރުހިފައި ހުންނަން ހޭޒަލްއަށް ފަސޭހައެއްނުވިއެވެ. ލިއަމްއަކީ އަދިވެސް އޭނާގެ ފިރިމީހާއެވެ. އެކުގައި މުޅި އުމުރު އުޅެން ޚިޔާރުކުރި ހަޔާތުގެ ބައިވެރިޔާއެވެ. ޒަމާންވީ ބައިވެރިޔާގެ އެއްވެސް އަގެއްނެތްކަން ހާމަވާނޭ ކަމެއް ހޭޒަލް ކުރާކަށް ބޭނުމެއްނޫނެވެ. ލިއަމްގެ ނަޒަރުގައި އަލްމާއާ ހޭޒަލް ސުވާލުކުރުމަކީ ލިއަމްގެ އިތުބާރުނެތްކަން ހާމަވާނޭކަމެކެވެ. ހޭޒަލްއަށް ވިސްނާލަން މަޖުބޫރުވިއެވެ. ލިއަމްއާ އިނދެގެން އުޅޭތާ ހަތްއަހަރަށްވުރެ ގިނަ ދުވަސްވަނީއެވެ. އެވީ މުއްދަތުގެ ތެރޭގައި ލިއަމްގެ ފުށުން އެއްވެސް ކަމެއް ނުފެނޭ ވިއްޔާއެވެ. ވީއިރު މިހާރު އޭނާ ނަހަމަ ގުޅުމެއް ހިންގަފާނޭބާއެވެ. އެހެންވެދާނޭ ހޭޒަލްއަށް ހަމަ ހީނުވަނީއެވެ. ލިއަމް ދެއްކި ވާހަކަތަކުން އޭނާ ވެސް އެކަހަލަ ކަމެއް ކުރާނަމަ ކުރާނީ ފިސާރި ވިސްނައިގެން ބޯބަހައްޓައިގެންނެވެ. ހޭޒަލްއަށް ކިރިޔާ ވެސް ޝައްކެއް ވާކަށް ބޭނުމެއްނުވާނޭކަން ޚުދު ހޭޒަލްއަށް ވެސް ޤަބޫލުކުރެވެއެވެ. ލިއަމްއަށްވުރެ ބޮޑަށް ހޭޒަލް ލޯބިވާނޭ އިތުރު އިންސާނަކު ނެތެވެ. އަމިއްލަ ހިތާއި ޟަމީރުގެ ވާހަކަތައް އޮއްބާލާފައި ވިޔަސް ލިއަމްގެ ވާހަކަތައް ޤަބޫލުކުރަން ހޭޒަލް ނިންމީ އެހެންވެއެވެ. އެހެންނޫނީ އެ ދެމެދުގައި އޮތް ގުޅުން ކިލަނބުވެ ދެ ބީރައްޓެހިންނަށް ބަދަލުވެދާނެކަމުގެ ބިރު ހޭޒަލްގެ ހިތުގައި އޮތެވެ. އެހެންވާން އޭނާ ބޭނުމެއްނޫނެވެ. އެހެންވާން ފުރުޞަތު ދިނުން ފަދަ ކަމަކަށް އަލްމާގެ ވާހަކަތައް ޤަބޫލުކުރުން ވެދާނެއެވެ. އަނެއްކޮޅުން އަލްމާގެ އުޅުން ހުރި ގޮތް ފެނިފަ ވާއިރު އޭނާ ހޭޒަލް ގާތު ތެދު ބަހުން ވާހަކަދައްކާނޭ ކަމުގެ އެއްވެސް ޔަގީންކެމެއް ނެތެވެ.
ޚިޔާލުތަކަށް ގެއްލި އޮވެ ލިއަމްގެ ތުނބުޅީގައި ހޭޒަލް މަޑުމަޑުން ފިރުމާލިއެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑު ނިތްކުރިމަތިން އެއްފަރާތްކޮށްލާ އެ މޫނުގެ ކިއްސަރަށް ބަލާލިއެވެ. ރީތިކަމަކީ ސިހުރެއްކަމުގަ ހޭޒަލްއަށް ވެސް ޤަބޫލުކުރެވެއެވެ. ލިއަމްގެ ފިރިހެންވަންތަ ސޫރަ ފެނި އޭނާގެ މައްޗަށް ކިތަންމެ ހިތެއް ލެނބިދާނޭކަމީ ހޭޒަލްއަށް ޤަބޫލުކުރަންޖެހޭ ހަޤީޤަތެވެ. އެކަމަކު މި ނޫނީ އެކަމާ އޭނާ އެހާ ބިރުގެންފައެއް ނުވެއެވެ. ލިއަމްއާ ވަކިވާން ޖެހިދާނެތީ އޭނާ ބިރުގަންނަކަން ހާމަކުރާކަށް ހޭޒަލް ބޭނުމެއްނޫނެވެ. ނަމަވެސް އެ ބިރު އޭނާގެ އެހެން ޙިއްސުތަކަށް ބާރުފޯރުވިއެވެ.
"ޒެއްލު ނުވެސް ނިދަންތަ؟" ހޭޒަލްގެ ބީހުން އިޙްސާސް ކުރެވި ލިއަމް ލޯހުޅުވާލިއެވެ. އެއާއެކު ހޭޒަލްގެ މޫނުގައިވި ބަލިކަށިކަމުގެ އަސަރުތައް ފިލުވާލިއެވެ. އަދި އޭނާގެ ބަނޑުމަތީ އޮތް ލިއަމްގެ އަތް ނަގަން އުޅުނެވެ. އެކަން އެނގި ލިއަމް އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ.
"އަދިވެސް ރުޅި އައިސްފަ" ހޭޒަލްގެ ހަރަކާތްތައް ހުރި ގޮތުން ލިއަމް އަހާލިއެވެ. ހޭޒަލް މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ. އެއާއެކު ލިއަމް ދުރަކު ނޯތެވެ. އޭނާ މަޢާފަށް އެދެމުން ހޭޒަލްގެ ގައިގާ ހިފަހައްޓާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރީން ހޭޒަލް އެނދުން ތެދުވެއްޖެއެވެ.
"އައި އޭމް ނޮޓް ފީލިންގް ވެލް" ހޭޒަލް ބުނެލިއެވެ. އަދި ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމު ސޯފާގަ ހޭޒަލް އޮށޯވެލަން އުޅުނެވެ. އެއާއެކު އަނެއްކާ ވެސް ތަޅައިގެން ގޮސްފަ އޮތް ފޯނު ފެނިއްޖެއެވެ.
"ފޯނުނޫން އެއްޗެއް ހޫރާލެވުނުނަމަ" ހިތާހިތުން ހޭޒަލްއަށް ބުނެވުނެވެ.
އޭނާ ފިހިކޮޅު ހިފައިގެން އައިސް އެތަން ސާފުކުރިއެވެ. އަދި ފުނޑުފުނޑުވެފައި އޮތް ފޯނުގެ ބައިތައް ހިފައިގެން ބަދިގެ ފަރާތަށް އައެވެ. އެތަނުގައި ހުރި ކަބަޑުގެ މަތީ ފޯނުގެ ބައިތައް ބެހެއްޓިއެވެ. އޭގެ ތެރެއިން ފޯނަށް ލައްވާފަ އޮތް ސިމްކޮޅު ހޭޒަލް ނެގިއެވެ.
"ފޯނު އެއްލާލީ ކީއްވެތަ؟ ޒެއްލުއަކީ އެއްޗެހި ހަލާކުކުރާ މީހެއްނޫން" ހޭޒަލްގެ ގާތުން ލިއަމްގެ އަޑު އިވުނެވެ.
"އެއްޗެހި ވެސް ހަލާކުވާނެ... އަހަންނަށް ފެނުނީ ދުވަހަކުވެސް ފެންނާނޭކަމަށް ހީކުރި ކަހަލަ މަންޒަރުތަކެއް ނޫންވިއްޔަ" ހޭޒަލް ބުނެލިއެވެ.
"ހިނގާ ފޯނެއް ގަންނަން" ހޭޒަލް ބުނި އެއްޗެއް އަޑުއިވުނު ކަމަށް ނުހަދާ ލިއަމް ބުންޏެވެ.
"ދެން މާލެ ދާނީ... ފޯނެއް ބޭނުމެއްނޫން، އޭރުން ލިއަމްއަށް ގުޅާކަށް ވެސް ނުޖެހޭނެއެއްނު" ހޭޒަލް ބުނެލިއެވެ.
"ޔޫ އާ ސްޓިލް އަޕްސެޓް... އެކަމަކު ބުނި ރުޅިއައިސްފައެއްނޫނޭ" ހޭޒަލްއަށް ބަލަން ހުރެ ލިއަމް ތުން އޫކޮށްލިއެވެ.
"ރުޅިއެއް ނާދޭ" ހޭޒަލް ނިކަން އަވަހަށް ބުންޏެވެ.
"ދެން ތިހެން އަހަންނާ ވާހަކަނުދައްކަބަލަ... ޒެއްލުއާ ފައިޓުކުރާކަށް ބޭނުމެއްނޫނޭ، ރޭގަ ޒެއްލު އެއްފަހަރު ވެސް އަހަންނަށް ގޮވާނުލި... މިހާރު ވެސް ތި ވާހަކަދައްކަނީ ޖެއްސުމަށް ވާހަކަދައްކާހެން، އަހަންނަށް ތުހުމަތުކުރާހެން، ޒެއްލުއަށް ހަމަ އެހާ ޔަގީންވީތަ އަހަރެން ގޯސްކަމެއް ކުރީކަން، އެހެންވީމަ ޒެއްލު ތި ނިންމީ އަހަރެން ދޮގު ހަދަނީކަމަށްތާ... އޯކޭ!... އަހަރެންގެ ހިތަށް ތަދުވިޔަސް ޒެއްލު ބޭނުންގޮތެއް ހަދައިދޭނަން... ފެންވަރައިގެން ނުކުމެ ޝިޔާނަށް ގުޅާނަން، ގުޅާފަ ބުނާނަން އަލްމާ ގޮވައިގެން އަންނާށޭ... އެންމެ ރަނގަޅެއްނު" ލިއަމްގެ ޠަބީޢަތް ބަދަލުވިއެވެ.
(ނުނިމޭ)