ހަބަރު

ފެބްރުއަރީ 7 ގެ މައްސަލައެއް މަޖިލީހުން ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއް ދިރާސާ ކުރުމުގެ މަސައްކަތެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ނޭނގެ އެވެ.

ފެބްރުއަރީ 7، 2012 ގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ބަލަން ފެށިއިރު، އެ ދުވަހުގެ މުޒާހަރާގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މަޖިލީހުގައާއި ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ވެރިކަން ބަަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ރައީސް ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.