ރައްޔިތުންގެ މަޖިލިސް

ރައީސް ވަހީދު އިތުރު ހަ ދުވަހު ވެރިކަން ކުރެއްވި މައްސަލަ ބަލަނީ

ކުރީގެ ރައީސްް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރު ނިމި، އިތުރު ހަ ދުވަހު ވެރިކަމުގައި ހުންނެވި މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެނެޑާ ކޮށްފި އެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، ރައީސް ވަހީދު ވެރިކަމުގައި ހުރެވޭ މުއްދަތަށްވުރެ ހަ ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވުމުން އެ މައްސަލަ ބަލައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ސިޓީއެއް ދިރާސާ ކުރުމުގެ މަސައްކަތެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ހާމައެއް ނުކުރެ އެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޭރު އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދެވެ. ގާނޫނީ ގޮތުން ރައީސް ވަހީދުގެ ދައުރު ހަމަވީ ނޮވެމްބަރު 11، 2013 އަށެވެ.

ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން، އެ އަހަރުގެ ނޮވެމްބަރު 11 އަށް ރައީސަކު އިންތިހާބު ނުކުރެވުމުން ސުޕްރީމް ކޯޓުން އަމުރު ކުރީ އާ ރައީސަކު އިންތިހާބުވެ މަގާމުގެ ހުވާ ކުރެވެން ދެން ރައީސް ވަހީދުގެ ދައުރު ދިގު ދެމިގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނަކާއެކު އަލުން އެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގަ އެވެ. ދެވަނަ ބުރު ބޭއްވުނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެ އިންތިހާބުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި ހުވާ ކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.