ބާސެލޯނާ

ޔޫރަޕްގެ އެންމެ ބޮޑު ބަޖެޓް ބާސާއިން ފާސްކޮށްފި

ޔޫރަޕްގެ ކުލަބަކުން ހުށަހެޅި އެންމެ ބޮޑު ބަޖެޓް ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ފާސް ކޮށްފި އެވެ.

މި ސީޒަނަށް ބާސާއިން ވަނީ، 1000،47 މިލިއަން ޔޫރޯގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ބާސާގެ އިންވެސްޓަރުންނާއެކު ބޭއްވި ކުލަބުގެ އަހަރީ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބާސާގެ ސީއީއޯ އޮސްކާ ގުރައު ވިދާޅުވީ މި ސީޒަންގައި ފައިދާގެ ގޮތުގައި 213 މިލިއަން ޔޫރޯ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ގުރައު ފާހަގަ ކުރި އަނެއް ކަމަކީ ފީފާއިން އެދުނު ގޮތަށް މާލީ ގޮތުން ބެލެންސް އުސޫލެއް ގެންގުޅުމުގެ ގޮތުން މުސާރަތައް 18 ޕަސަންޓަށް ދަށް ކުރުމެވެ.

ގުރައު ވިދާޅުވީ، 213 މިލިއަން ޔޫރޯއަށް ވުރެ ބޮޑު ފައިދާވެސް ކުލަބަށް ހޯދޭނެ ކަމަށާއި ނަމަވެސް ކާމިޔާބު ކުރެވެން ހުރި ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަށް ސްކޮޑް ވަރުގަދަ ކުރަން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ކުލަބަށް ގެންނައުމުން މިއަހަރަށް ލަފާ ކުރެވެނީ 213 މިލިއަން ޔޫރޯ ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓް ރިޕޯޓް ފާސް ކޮށްފައި ވަނީ، 532 ވޯޓާއެކު ފާސް ކުރަން ނުފެންނަ ކަމަށް 90 ފަރާތަކުން ވޯޓް ދިނެވެ.

ބާސާގެ ހަޒާންދާރު ކިޔުކީ ޓޮމްބަސް ވިދާޅުވީ ދަރަނީގެ ގޮތުގައި 450 މިލިއަން ޔޫރޯ އެބައޮތް ކަމަށެވެ. ނަމަވެސް ކުލަބުގައި ރަނގަޅު ކޭޝް ފުލޯއެއް އޮތްކަން އޭނާ ފާހަގަ ކުރި އެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕާއި، ސްޕެނިޝް ލީގް ކާމިޔާބު ކުރުމުން، ބޯނަސްގެ ގޮތުގައި ކުޅުންތެރިންނަށް 92 މިލިއަން ޔޫރޯ ހޭދަ ކުރި އެވެ. މިދިޔަ ސީޒަންގައި ކުޅުންތެރިންގެ މުސާރަ އާއި އެހެނިހެން އެލެވެންސްތަކަށް 671 މިލިއަން ޔޫރޯ ބާސާއިން ހަރަދު ކުރި އެވެ. ވޭޖު ރޭޓް މިއަހަރު ކުޑަ ކުރުމުން، މި ސީޒަންގައި އެކަމަށް ހޭދަ ވަނީ 641 މިލިއަން ޔޫރޯ އެވެ.