ކުޅިވަރު

ސަމްޕްޑޯރިއާ އާއި ލިޔޯންގެ ކޯޗް ވަކިކޮށްފި

އިޓާލިއަން ލީގްގައި ސަމްޕްޑޯރިއޯ ހޯދަމުންދާ ދަށް ނަތީޖާތަކާ ހެދި އެ ޓީމުގެ ކޯޗް އިއުސޭބިއޯ ޑި ފްރެންޗިސްކޯ މަގާމުން ވަކި ކޮށްފި އެވެ. ފުރެންޗް ލީގްގެ އޮލިމްޕިކް ލިޔޯނޭއިން ވެސް ވަނީ އެ ޓީމު ދަށް ނަތީޖާތަކާ ހުރެ އެ ޓީމުގެ ކޯޗް ކަމުން ސެލްވީނިއޯ މޭންޖިސް ވަކި ކޮށްފަ އެވެ.

ސަމްޑޯރިއޯ މި ސީޒަންގައި ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން ނެވެ. އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގްގެ އެންމެ ފުލުގަ އެވެ. ހެލަސް ވެރޯނާ އަތުން 2-0 ން ބަލިވުމުން، ސަމްޕްޑޯރިއާގެ ބޯޑުން ވަނީ ޑި ފްރެންޗިސްކޯ މަގާމުން ވަކި ކޮށްފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން އެ ޓީމު ބަލިވީ އެވެ.

ކުލަބުން ވަނީ މިދިޔަ ޖޫން މަހު އޭނާ އަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ދީފަ އެވެ. އެ ޓީމުގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ ރޯމާގެ ކޯޗް ކަމުން އޭނާ ވަކި ކުރިތާ ހަތަރު މަސް ފަހުންނެވެ. އޭނާގެ ބޮޑު ހިއްސާ އަކާއެކު، ރޯމާއިން މިދިޔަ ސީޒަން ނިންމާލީ ހަ ވަނައިގަ އެވެ.

މި ސީޒަންގައި ލިޔޯންގެ ކޯޗް ކަމާ ހަވާލުވި، ބުރެޒިލަށް ނިސްބަތްވާ ސެލްވީނިއޯ އެ ޓީމުގެ ކޯޗް ކަމުން ވަކި ކުރީ ކުލަބުން އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވުމުންނެވެ. މި ސީޒަނަކީ ހެޑް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ސީޒަނެވެ. އޭނާ ސީޒަން ފެށީ، މޮނަކޯ އާ ދެކޮޅަށް 3-0 ން ހޯދި މޮޅާއި އޭންޖާސްގެ މައްޗަށް 6-0 ން ހޯދި މޮޅާއެކު ގަ އެވެ. އޭގެ ފަހުން ލީގްގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު މޮޅެއް ނުވެ އެވެ.

ޗެމްޕިއަންސް ލީގްގައި ޖަރުމަންގެ އާރްބީ ލެޕިޒިގް އަތުން 2-0 މޮޅުވި ނަމަވެސް މުޅި ސީޒަންގައި މިހާތަނަށް ހޯދި ނަތީޖާ ތަކާހެދި ލިޔޯންގެ ބޯޑުން ހިތްހަމައެއް ނުޖެހެ އެވެ. ލިޔޯންއިން ބުނީ ވަގުތީ ކޯޗެއްގެ ގޮތުގައި އެސިސްޓެންޓް ކޯޗް ޖެރާލްޑް ބަޓިކްލޭ ހަމަޖައްސާފައިވާ ކަމަށެވެ.