ގައުމީ ފުޓްބޯޅް ޓީމް

ސާވީ އާއި ނާހިލް ސީނިއާ ގައުމީ ޓީމަށް

ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގެ ސާވީ އިބްރާހިމް އާއި އަހްމަދު ނާހިލް އިބްރާހިމް ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ނަވާރަ އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، ހަސަން ނަޒީމް (ޗޯޓް) ވަނީ މިދިޔަ މަހުން ފެށިގެން ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ. މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗުގައި ޗޯޓް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފެ އެވެ.

ސީނިއާ ޓީމުން އަލަށް ފުރުސަތު ދިން 19 އަހަރުން ދަށުގެ ޓީމުގެ މި ދެ ކުޅުންތެރިންނަކީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ 19 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ. މިޑްފީލްޑަށް ކުޅޭ ސާވީ ވަނީ ކޮލިފިކޭޝަންގެ ދެ ވަނަ މެޗުގައި ސީރިއާ ކޮޅަށް ލަނޑުވެސް ޖާހަފަ އެވެ. ނާހިލް އަކީ ކަނާތު ބެކަށް ކުޅޭ ކުޅުންތެރިޔެކެވެ. ދެ މުބާރާތުގައި ރާއްޖޭގެ ދިފާއީ ފާރުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިއަހަރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ނާހިލް ވަނީ ލީގްގެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އީގަލްސްގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސާވީ ލީގްގައި މެޗެއް ކުޅެފައެއް ނުވެ އެވެ.

ނަވާރަ އަހަރުން ދަށުގެ ކޯޗް، ޝާޒްލީ މުހައްމަދު ވަނީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމުން، ސާވީ އާއި ނާހިލްއަށް މަރުހަބާ ކިޔާފަ އެވެ. ޝާޒް ބުނީ އެ ދެ ކުޅުންތެރިންގެ އިތުރުންވެސް ސީނިއާ ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރު ހުރި އެހެން ކުޅުންތެރިންވެސް 19 އަހަރުން ދަށުގެ ޓީމުގައި އެބަތިބި ކަމަށެވެ.

"ޗޯޓް، ސާވީ އަދި ނާހިލް އެކަންޏެއް ނޫން، މި ޓީމުގައި އެބަތިބި ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނޭނެ ފެންވަރު ހުރި އެހެން ކުޅުންތެރިންވެސް،" ޝާޒް ބުންޏެވެ. "އެ ދެ ކުޅުންތެރިން [ސާވީ، ނާހިލް] އެ ނެގީ ސީނިއާ ޓީމުގައި އެންމެ ބޮޑަށް ލެކުވާ މަގާމުތަކަށް ބަލާފައި ކަމަށް ގަބޫލު ކުރެވެނީ."

ޝާޒް ބުނީ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ސީނިއާ ޓީމުގައި ފަރިތަކުރަން ސާވީ އާއި ނާހިލްއަށް ލިބުމަކީ އެ ދެކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އޭގެ ސަބަބުން އެ ކުޅުންތެރިން މެޗުއާވެ އިތުރަށް ޑިވްލަޕްވުމަށް އެޅޭ ބާރަކަށް އެކަން ވާނެ ކަމަށް ޝާޒް ފާހަގަ ކުރި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ ހަފުތާގައި ވިދާޅުވީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ބަލަނީ ހަމައެކަނި ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ކުޅުންތެރިންނަށް އެކަނި ނޫން ކަމަށެވެ. ކުޅުންތެރިންގެ ހުނަރު ފާހަގަ ވެއްޖެނަމަ ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން 19 އަހަރުން ދަށުގެ ތިން ކުޅުންތެރިންނަށް ސީނިއާ ގައުުމީ ޓީމުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސީރިއާ އާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ގައުމީ ތީމު މިހާރު ިބީ އަރަބި އެމރޭޓްސްގަ އެވެ. ސީރިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ. ސީރިއާގެ އެތެރޭގެ ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކާ ހުރެ ސީރިއާގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަރަބި އެމެރޭޓްސްގަ އެވެ.