ކުޅިވަރު

އިއްބެ ނެތުން ފޫބައްދަން އުނދަގޫ މަގާމެއް

ބުރާސްފަތި ދުވަހު ސީރިއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ދެ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެ އެވެ. އަވޭ މެޗަށް ނުކުންނައިރު ޓީމުގެ އެޓޭކިންލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ނުކުޅެވުމުގެ ހިތާމަ އެބައޮތެވެ.

އިއްބެގެ އިތުރުން ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީއަށް ވެސް ސަސްޕެންޝަންގެ ސަބަބުން ސީރިއާ އާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އެއީ މާލޭގައި ޗައިނާ އާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. ހަބޭސް އިއްބެއަށް ވަނީ ގުއާމް މެޗާއި ޗައިނާ މެޗުގައިވެސް ރީނދޫ ކާޑު ދައްކާފަ އެވެ.

ރާއްޖޭގެ ޓީމުގެ އެޓޭކިން ބިނާވާ ގޮތުން އިއްބެ ވެފައި ވަނީ އެޓޭކިން ލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށެވެ. ގުއާމްގައި ކުޅުނު މެޗުގައިވެސް އޭނާ ހުއްޓުވަން ގުއާމްގެ ކުޅުންތެރިން ވަނީ އޭނާއަށް ތަކުރާރުކޮށް ފައުލު ކޮށްފަ އެވެ.

އިއްބެ އަކީ ހަލުވި ފޯވަޑެކެވެ. އެހެންވެ ސްޕީޑް ބޭނުން ވިންގުން ހަމަލާ އުފައްދައިގެން ކުޅެން ގޭމް އެކުލަވާލިޔަސް އެ ސިސްޓަމަށް އެންމެ ފައްކާވެފައި ހުންނަ ކުޅުންތެރިޔަކީ އޭނާ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނީ ލިބޭ ސްޕޭސް ބޭނުން ކޮށްގެން ހަމަލާ އުފެއްދުމުގެ ވިސްނުމެކެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް އިއްބެ ލަނޑު ޖެހަން ފުރުސަތު ތަނަވަސްވީވެސް އެ ސިސްޓަމްގެ ތެރެއިންނެވެ. ވަރުގަދައަށް ވިއްދައިގެން ޕްރެސްކޮށް ކުޅުނަސް އިއްބެގޭ މުހިންމުކަން އެ ސިސްޓަމްގައިވެސް ބޮޑެވެ.

ސީރިއާ މެޗަށް މާލެއިން ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، އިއްބެ އާއި އަކުރަމް އަދި އިބްރާހިމް ވަހިދު ހަސަން އަށް ނުކުޅެވުމަކީ ގޮންޖެހުމެއް ކަމަށެވެ. ޓީމުގެ އެޓޭކު ބިނާ ކުރުމުގައި އިއްބެ ނެތްތަން ފޫބެއްދުމަށް ސްކޮޑުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނަށް ފަހު، 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) ވަނީ ސީނިއާ ގައުމީ ޓީމާ ގުޅިފަ އެވެ، ކުޅުމުގެ ސްޓައިލްގައި އިއްބެ އާއި ޗޯޓްއަކީ އެއްގޮތް ކަންތައްތަކެއް ހުރި ދެ ކުޅުންތެރިންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ސީރިއާ އާ ދެކޮޅަށް ޗޯޓް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

ހަބޭސް އިއްބެ އާއި އަކުރަމް ނެތުމުގެ މައްސަލައިގެ ތެރެއަށް ޓީމުގެ މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނެ އެވެ. މިދިޔަ އޯގަސްޓް މަހު ހިނގާދިޔަ ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާގައި އޭނާ އާއިލީ ފަސް މެންބަރު މަރުވުމުން އިއްބެއަށް އަދި ގައުމީ ޓީމާއެކު މެޗެއް ނުކުޅެ އެވެ. އޭނާ މިހާރު ހުރީ އަނިޔާގަ އެވެ.